ކުޅިވަރު

ގައުމީ ޓީމު ޗައިނާއަށް ފުރުމުގެ ކުރިން ޕީސީއާރާއި އެންޓިބޮޑީ ޓެސްޓް ހަދައިފި


މިހާރު ދުބާއީގައި ތިބި ޤައުމީ ޓީމްގެ ކުޅުންތެރިން ޗައިނާއަށް ފުރުމުގެ ކުރިން ހަދަން ޖެހޭ ޕީސީއާރާއި، އެންޓިބޮޑީ ޓެސްޓުތައް ހަދަން ފަށައިފިއެވެ.

ޤައުމީ ޓީމު ޗައިނާއަށް ފުރަން ތައްޔާރު މިވަނީ ވަރލްޑް ކަޕް، އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ކުޅެން ހަމަޖެހިފައިވާ ތިން މެޗު ކުޅުމަށްޓަކައެވެ. ދުބާއީގެ ތަމްރީންތަކަށްފަހު ޤައުމީ ޓީމު ޗައިނާއަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30ގައެވެ.

ފީފާ ވަރލްޑް ކަޕާއި، އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ރާއްޖެ އަންނަ މަހުގެ 3ވަނަ ދުވަހު ނިކުންނާނީ ޗައިނާއާއި ދެކޮޅަށެވެ. އޭގެ ފަހުން ޖޫން ހަތެއްގައި ސީރީއާއި ދެކޮޅަށް ނިކުންނައިރު ގްރޫޕް ފަހު މެޗުގައި ނިކުންނާނީ ޖޫން 15ގައި ގުއާމާއި ދެކޮޅަށެވެ. ޗައިނާއަށް ފުރުމުގެ ކުރިން ތަފާތު ދެ ސެންޓަރަކުން ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ޕީސީއާރު ޓެސްޓާއި، އެންޓިބޮޑީ ޓެސްޓްތައް ހަދަން ޖެހެއެވެ. އަދި މީގެ އިތުރުން މީގެ ކުރިން ކޮވިޑް ޖެހި ރަނގަޅުވެފައިވާ ކުޅުންތެރިންގެ ފުއްޕާމޭގެ ސްކޭންތަކެއްވެސް ހަދަން ޖެހެއެވެ.
މިއަދު ވަނީ ފުރަތަމަ ޓެސްޓު ހަދައި ނިންމާފައެވެ. އަދި މާދަމާރޭ ދެވަނަ ސެންޓަރުން ޓެސްޓްތައް ހަދާނެއެވެ.

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮވިޑް-19ގެ އަސަރު ދިވެހިރާއްޖެއަށްވެސް ވަނީ ވަރަށް ބޮޑަށްކޮށްފައެވެ. އަދި މިކަމުގެ ހިޔަނި ޤައުމީ ޓީމަށް އެޅިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. މިގޮތުން ޤައުމީ ސްކޮޑުގައި ހިމެނޭ ބައެއް ކުޅުންތެރިންނަށް ކޮވިޑް ޖެހި މިފަހަރު ޓީމާއިއެކު ބައިވެރިނުވެވުނުއިރު، މިހާރު ދުބާއީގައި ތަމްރީން ހަދަމުން އަންނަ ޤައުމީ ޓީމުގެ ބައެއް ކުޅުންތެރިންގެ އާއިލާގެ މެންބަރުވެސް ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ.