މި އަހަރުގެ ދައުލަތުގެ ބަޖެޓުން ޕީއެސް.އައި.ޕީގެ އެކި މަޝްރޫއުތަކަށް ނުވަތަ ޢާއްމު ރައްޔިތުންނާ ސީދާ ގުޅުންހުރި ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށް މިހާތަނަށް 1.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިހިނގާ 2021ވަނަ އަހަރުގެ ބަޖެޓު ތަންފީޒުކުރެވެމުންދާގޮތް ޙިއްސާކުރައްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ 2021ވަނަ އަހަރުގެ ބަޖެޓުން މިމަހުގެ 20ގެ ބިޔަލަށް 1.2 ބިލިއަން ރުފިޔާ ޕީއެސް.އައި.ޕީގެ އެކި މަޝްރޫއުތަކަށް ޚަރަދުވެފައިވާކަމަށެވެ.
އަދި މިއީ މިއަހަރަށް ފާސްކުރެވުނު ޕީއެސްއައިޕީ ބަޖެޓުގެ %14.1ކަން މިނިސްޓަރ އަމީރު ފާހަގަކުރެއްވިއެވެ.
ޕީއެސްއައިޕީ ބަޖެޓުން އުމްރާނީ ތަރައްޤީއާ ގުޅުންހުރި މައިގަނޑު ހަތް ދާއިރާއެއްގެ މަޝްރޫޢުތަކައް ޚަރަދުކޮށްފައިވާއިރު އެންމެ ގިނައިން ޚަރަދުވެފައިވަނީ ބަނދަރު ހެދުމާއި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުތަކަށްކަން މިނިސްޓަރ ހާމަކުރެއްވިއެވެ.
"މީގެ ތެރޭގައި އުތުރުގެ ހައި ސްޕީޑް ފެރީގެ ނިޒާމް ގާއިމުކުރުމަށް ފަށާފައިވާ މަޝްރޫޢާއި ރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކާއި އިމާރާތްތަކުގެ މަސައްކަތްތަކުގެ އިތުރުން މަގު ހެދުމުގެ މަޝްރޫޢުތައް ހިމެނޭ" ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓަރ އަމީރުވަނީ 2019ވަނަ އަހަރުން ފެށިގެން އެމިނިސްޓްރީގެ ނޭޝަނަލް ޓެންޑަރ މެދުވެރިކޮށް މިހާތަނަށް ސަރުކާރުން އެވޯޑުކޮށްފައިވާ މަޝްރޫޢުތައް ހާމަކުރައްވާފައެވެ.
މި މުއްދަތުގެ ތެރޭގައި 14.9 ބިލިޔަން ރުފިޔާގެ މަޝްރޫޢު އެވޯޑްކޮށްފައިވާއިރު އެއީ ކުރީގެ އެއްވެސް ސަރުކާރެއްގެ 5 އަހަރުގެ ދައުރަށް ބަލާއިރުވެސް އެވޯޑުކޮށްފައިވާ މިންވަރަށްވުރެ ބޮޑު ޢަދަދެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މި 2021ވަނަ އަހަރު އެކަނިވެސް ރާއްޖޭގެ 53 ރަށެއްގެ ފެނާއި ނަރުދަމާގެ މަޝްރޫޢުތައް އަޅުގަނޑުމެން އެވޯޑްކޮށްފައިވާނެ. އަދި 8 ރަށެއްގެ މަގުހެދުމުގެ މަޝްރޫޢުތައް އަޅުގަނޑުމެން އެވޯޑުކޮށްފައިވާނެ." މިނިސްޓަރ ވިދާޅުވިއެވެ.
މިނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީރުވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި، ފިސްކަލް ޙާލަތުގެ އިތުރުން ފައިނޭންސިންގއާ ދަރަންޏާއި ކޭޝްފްލޯ މެނޭޖްކުރުމާއި، އައު އިކޮނޮމިކް ރެސްޕޮންސްގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މީގެ އިތުރުން ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމުން ގެއްލުނުބައި އަނބުރާ އިއާދަވަމުން އަންނަކަން ފާހަގަކުރައްވައި ފިނޭންސް މިނިސްޓަރވަނީ ރާއްޖެއަކީ މި އަހަރު އިޤްތިޞާދީ ކުރިއެރުން އެންމެ ރަނގަޅު އެއް ޤައުމުކަން ފާހަގަކުރައްވާފައެވެ.
އަދި ކޯވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުން އަދިވެސް ސަލާމަތްވެފައިނުވާތީއާ، ކުރިން އިޤްތިޞާދުއޮތް ހާލަތަށް ރުޖޫޢަވެފައި ނުވާތީ، މިވަގުތަކީ އިޤްތިޞާދަށް ސަޕޯޓް ދޭންޖެހޭ ވަގުތެއްކަން މިނިސްޓަރވަނީ ވިދާޅުވެފައެވެ. އަދި އެންމެން ގުޅިގެން ބަލިމަޑުކަމުން އަރައިގަތުމަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުކުރުމުގެ މުހިއްމުކަން މިނިސްޓަރ އަމީރުވަނީ ފާހަގަކުރައްވާފައެވެ.