ޚަބަރު

ކޯވިޑް-19 : ފަރުވާއާއެކު ލޯތްބާއި އެހީތެރިކަންވެސް ބޭނުންވޭ


ކޯވިޑް-19ގެ ޙާލަތާއެކު ފަހަކަށް އައިސް ކޮންމެ ދުވަހަކުވެސް، ދުވަސް ފަށަނީވެސް އަދި ނިމެނީވެސް ހިތާމަވެރި އެތަކެއް މަރުގެ ޚަބަރުތަކާއެކުގައެވެ. ކޯވިޑްޖެހި ފަރުވާ ދެމުންދިޔަ އެތައް ބައެއްގެ މަރުގެ ޚަބަރު ލިބޭ ކޮންމެ ފަހަރަކު ކުރަނީ ހިތްދަތި އަސަރެކެވެ.

އަމިއްލަ އާއިލާގެ މީހެއް ނޫނަސް ދުނިޔެ ދޫކޮށް އެދަނީ ކޮންމެވެސް މީހެއްގެ އާއިލާގެ މީހެކެވެ. ކޮންމެވެސް މީހެއްގެ މަންމައެވެ. ނުވަތަ ބައްޕައެވެ. ނޫނީ ލޯބިވާ ކޮންމެވެސް މީހެކެވެ. އެޢާއިލާތަކުގެ މީހުން ކުރާނެ ހިތާމައާއި އަސަރު ހިތަށްއެރުމުން ކޮންމެ މީހަކަށްވެސް ފުން އަސަރުތަކެއް ކުރުވައެވެ.

މިހާތަނަށް އައިރު ކޯވިޑްޖެހިގެން އެންމެ ގިނަ މީހުން ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ. އެ ފެސިލިޓީއަށް ގެންދާ މީހުންނަށް ފަރުވާދިނުމުގައި އެތައް ބަޔަކު ހަރަކާތްތެރިވަމުން އަންނައިރު ބަލިމީހުން ހިތް ހަމަޖައްސާދީ އެމީހުންގެ ކަންތައްތައް ވީހާވެސް ފުރިހަމައަށް ކޮށްދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޯވިޑް-19 ރާއްޖެއިން ފެނުނު ހިސާބުން ފެށިގެން މާލެ ސަރަހައްދުގައި ކޯވިޑަށް ފަރުވާދިނުމަށް ޚާއްސަކުރި ތަނަކީ ހުޅުމާލެ ކޯވިޑް ފެސިލިޓީއެވެ. އޭރު ގާތްގަޑަކަށް 170 ވަރަކަށް އެނދާއެކު ޚިދުމަތް ފެށިނަމަވެސް ކޯވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ އެނދުތައް އިތުރުކުރުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.

ބަލީގައި ހާލުބޮޑުވާ މީހުންނަށް އެ ފެސިލިޓީގައި ފަރުވާ ދެމުން އަންނައިރު އެތަނުގައި މިވަގުތު ތިބި މީހުންގެ ތެރެއިންވެސް އެންމެ ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. އުމުރުން ދުވަސްވީ އެފަދަ މީހުންނަކީ ޢާއިލާގެ މީހުންގެ އޯގާތެރިކަމާއި އެހީތެރިކަން ނުހަނު ބޮޑަށް ބޭނުންވާނެ މީހުންނެވެ. އާއިލާއާ ދުރުގައި އޮންނަން ޖެހުމުގެ ސަބަބުން އެމީހަކަށް ނަފްސާނީ ގޮތުން އެތައް ކަމެއް ދިމާވެ ބަލީގައި ބޮޑުވަރުވާ ހާލަތްތައްމެދުވެރިވެއެވެ. މިނޫނަސް އެ ފެސިލިޓީގައި ތިބޭ އިތުރު ބަލި މީހުންނަށްވެސް މިދަނޑިވަޅުގައި ނުހަނު ބޮޑު އެހީތެރިކަން ބޭނުންވެއެވެ.

އެހެންކަމުން ބަލި މީހުންގެ ފޫހިފިލުވައިދިނުމާއި ސައިކޯސޯޝަލް ސަޕޯޓް ދިނުމަށް އެތަނުގައި މިހާރުވެސް ހިލޭ ސާބަހަށް އެކި ފަރާތްތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ބަލިމީހުންނަށް ކާންދިނުމާއި އުމުރުން ދުވަސްވީ މީހުންގެ ގައި މޮޑެދިނުމާއި އެމީހުން ފާޚާނާއަށް ގެންދިޔުންފަދަ ހުރިހާކަމެއް މިފަރާތްތަކުން އަންނަނީ ކޮށްދެމުންނެވެ. ވަރުބަލިކަމާއެކުވެސް ބަލިމީހުންނަށް އެހީތެރިވެ ފޫހިފިލުވައިދިނުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

ބަލިން ރަނގަޅުވެ އާއިލާގެ ކައިރިޔަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ތިބި މީހުން ފޫހުފިލުވުމަށް މިހާރު މިވަނީ އިތުރު އިންތިޒާމްތަކެއްވެސް ހަމަޖައްސާފައެވެ.

އެގޮތުން އެތަނުގައި ތިބެގެން ބައެއްކަހަލަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްތައް މިވަނީ ހަމަޖައްސާދީފައެވެ. އެގޮތުން ކެރަމް ކުޅުމާއި، ތާސްކުޅުމާއި ރާޒުވާއާއި އޮއްވަޅު ގޮޑިފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްތައްވަނީ ހަމަޖައްސައިދީފައެވެ. މިއީ ހަމައެކަނި ބަލިމީހުންނަށް ޚާއްސަ އިންތިޒާމްތަކެއް ނޫނެވެ. އެތަނުގައި ހަރަކާތްތެރިވާ އެހެން މީހުންނަށްވެސް ހުރި އިންތިޒާމްތަކެކެވެ.

ފެސިލިޓީތަކުގައި ބަލިމީހުން ފޫހިފިލުވައިދިނުމަށް މިފަދަ އެތަކެއް އިންތިޒާމްތަކެއް ހަމަޖެއްސިދާނެއެވެ. ނަމަވެސް މިދަނޑިވަޅަށް އެންމެ ބޭނުންވާނީ އެމީހުންނަށް ފަރުވާދޭނެ ޑޮކްޓަރުންނާއި ނަރުހުންނެވެ. އަދި މިދަނޑިވަޅުގައި އެންމެ ބޭނުންވާނީ އެމީހުންނަށް ލޯތްބާއި އެހީތެރިކަމާއި އަޅާލުމެވެ.

މި އެހީތެރިކަމާއި އަޅާލުން ފޯރުކޮށްދިނުމަށް ޖެންޑަރ މިނިސްޓްރީންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ފެސިލިޓީގައި މީހުން މަދުވުމުގެ ސަބަބުން އާންމުންގެ އެހިތެރިކަމަށް އެދި ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ ފުރުޞަތު މިހާރުވެސް ވަނީ ހުޅުވާލަފައެވެ.

މި ދަނޑިވަޅަކީ އެންމެން އެކަތިގަނޑަކަށްވެ މިހާރު ހުރި ހުރަސްތައް ނައްތާލާ ކަންކަން އިސްލާހް ކުރަންވީ ވަގުތެވެ. އެންމެންގެ އެހީތެރިކަމާއެކު ބަލިމީހުންނަށް އަޅާލަންވީ ވަގުތެވެ.