ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑް-19 އަށް ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވީ، ނިޔާވެފައިވަނީ އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރު 02:35 ގައެވެ. މިއީ ކޯވިޑް ބަލީގައި މިއަދުގެ މިހާތަނަށް ރާއްޖެއިން ނިޔާވި ދެވަނަ މީހާއެވެ. މިއަދު ހެނދުނު އައްޑޫސިޓީންވެސް ދިވެއްސަކު ވަނީ ނިޔާވެފައެވެ.
އައްޑޫ ސިޓީން ނިޔާވީ ކޯވިޑަށް ފަރުވާދެމުންދިޔަ އުމުރުން 91 އަހަރުގެ ދިވެހި ފިފިހެނެކެވެ. އޭނާ ނިޔާވީ، އައްޑޫ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި، ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނު 10:20 ހާއިރުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއީ އައްޑޫ ސިޓީން ކޯވިޑް ޖެހިގެން ނިޔާވީ 2 ވަނަ މީހާއެވެ. މިއަދުގެ މި ދެ މަރާއެކު، ކޯވިޑް ބަލީގައި ރާއްޖޭން ނިޔާވި މީހުންގެ ޢަދަދު މިވަނީ 146 އަކަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 130 ދިވެހިންނާއި، 16 ބިދޭސީންނެވެ.
މި ހިނގާ މެއި މަހަކީ ރާއްޖޭގައި ކޯވިޑް-19 ބަލީގައި ރެކޯޑް އަދަކަށް މީހުން ނިޔާވެފައިވާ މަހެކެވެ. މި މަސް ފެށުނުއިރު ކޯވިޑްގައި ނިޔާވި މީހުންގެ އަދަދުހުރީ 62 ގައެވެ. އެއީ 54 ދިވެހިންނާ 8 ބިދޭސީންނެވެ. މިމަހުގެ މިހާތަނަށް މިބަލީގައި 83 މީހުން ވަނީ ނިޔާވެފައެވެ. އެއީ 76 ދިވެހިންނާ 8 ބިދޭސީންނެވެ. ރާއްޖޭގަ މިހާތަނަށް އެންމެ ގިނަ ބަޔަކު އެއް ދުވަހެއްގައި ނިޔާވެފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު 13 މީހަކު ވަނީ ކޯވިޑްގައި ނިޔާވެފައެވެ.
ރާއްޖޭގަ މިހާތަނަށް 57،000 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބި މީހުންގެ އަދަދު 24000 އަށްވުރެ މައްޗެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ 282 އަށް އަރާފައެވެ.