ކޯވިޑް-19

ކޯވިޑް-19 : ވެކްސިން ސެންޓަރުތަކަށް ދެން ދެވޭނީ ހުއްދަ ނަގައިގެން - އެޗް.ޕީ.އޭ


ކޯވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ޖަހައިދޭ ސެންޓަރުތަކަށް ދެން ދެވޭނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ނަގައިގެންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.

އެޗް.ޕީ.އޭއިން މިގޮތަށް ހަމަޖައްސާފައި މިވަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ގްރޭޓަރ މާލޭ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެންނެވެ.

އެގޮތުން މާދަމާއިން ފެށިގެން ވެކްސިން ސެންޓަރުތަކަށް ވެކްސިން ޖަހަންދާ މީހުންވެސް ފުލުހުންގެ ޕޯޓަލް http://police.gov.mv/permit މެދުވެރިކޮށް ގެއިން ނުކުތުމުގެ ކުރިން ހުއްދަ ހޯދަންޖެހޭނެއެވެ. އަދި ހުއްދައަށް އެދޭއިރު، "މެޑިކަލް - ނޮން އިމަރޖެންސީ" ކެޓެގަރީ ޚިޔާރުކޮށް، ވެކްސިން ޖަހަންދާ މަރުކަޒެއް ޖެހުމަށްފަހު، ސަބަބަކަށް " ވެކްސިނޭޝަން" ޖެއްސެވުމަށްވެސް އެޗް.ޕީ.އޭއިން ވަނީ އެދިވަޑައިގެންފައެވެ.

ގްރޭޓަރ މާލޭ ސަރަޙައްދުގައި މިވަގުތު އާއްމުކޮށް ހުޅުވާލައިގެން ޖަހަމުންދަނީ ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒްއާއި ދެވަނަ ޑޯޒެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، މާދަމާ މާލޭ ސަރަޙައްދުގައި ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް ދިނުން ކުރިއަށްދާނީ ހެނދުނު 9 އިން 11 ޖެހުމާހަމައަށްކަމަށެވެ. އެގޮތުން ނެޝެނަލް އާރޓް ގެލަރީ، ވިލިމާލޭ ޔޫތު ސެންޓަރު އަދި ޓްރީޓޮޕް ހޮސްޕިޓަލުގައި މި ގަޑިތަކުގައި ވެކްސިން ދިނުން ކުރިއަށްދާނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ސިނޯފާމް ވެކްސިން ޖެހޭނެއެވެ. އަދި ފުރަތަމަ ޑޯޒް ޖަހާތާ 3 ހަފްތާވެފައިވާ ފަރާތްތަކަށް މި ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނެއެވެ.