ސަރުކާރަށް ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، މާފަންނު ތާނގީދޮށުގޭ އަލްއަމީރު މުޙައްމަދު ނޫރައްދީން އަވަހާރަވުމާއި ގުޅިގެން އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މުޙައްމަދު ނޫރައްދީން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްވުމަށްފަހު މިއަދު ހެނދުނު ދަރުމަވަންތަ ހޮސްޕިޓަލުގައިކަމަށެވެ. ޢުމުރުފުޅުން 89 އަހަރުގައި އަވަހާރަވި މުޙައްމަދު ނޫރައްދީނަކީ ރާއްޖޭގެ ރަސްކަން ކުރެއްވި އައްސުލްޠާން ޙަސަން ނޫރައްދީނުގެ ދަރިކަލެކެވެ.
އަލްއަމީރު މުޙައްމަދު ނޫރައްދީން ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މި ޚަބަަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށާއި، މުޙައްމަދު ނޫރައްދީނަކީ، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް ދިގު މުއްދަތެއްގައި، ތެދުވެރިކަމާއި ވަފާތެރިކަމާއެކު ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ތައުޒިޔާގެ މެސެޖްގައި މާތްﷲ، މަރްޙޫމް މުޙައްމަދު ނޫރައްދީނުގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލެއްވުމަށާއި، އަދި ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް ދުޢާކުރެއްވިއެވެ.
އަލްއަމީރު މުޙައްމަދު ނޫރައްދީން މެދުނުކެނޑި 53 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރުގެ ޚިދްމަތުގައި ހޭދަކުރެއްވިއިރު، އެމަނިކުފާނުވަނީ ސަރުކާރުގެ ވަރަށް އިސްމަގާމުތަކެއް ފުރުއްވާފައެވެ. ސަރުކާރުގެ ޚިދުމަތް ފެށްޓެވީ 25 ޖުލައި 1954ގައެވެ.
އަލްއަމީރު މުޙައްމަދު ނޫރައްދީނަށް ނިޝާން ޢިއްޒުއްދީނުގެ ޝަރަފުގެ ޢިއްޒަތް ދައުލަތުން އަރުވައިފައިވަނީ 26 ޖުލައި 2011 ގައެވެ. އަދި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އެމަނިކުފާނަށްވަނީ ލިބިވަޑައިގެންފައެވެ.