ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ދިގު މުއްދަތެއްގައި، ޚިދްމަތްތަކެއް ކޮށްދެއްވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލް އަމީރު މުޙަންމަދު ނޫރައްދީން އަވަހާރަވެއްޖެއެވެ.
އައްސުލްޠާން ޙަސަން ނޫރައްދީންގެ މުޙަންމަދު ނޫރައްދީން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްފަހުން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމެންގެންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މުޙައްމަދު ނޫރައްދީންގެ ސިއްޙީ ހާލުކޮޅު ބޮޑަށް ގޯސްވީ ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
މުޙަންމަދު ނޫރައްދީނަކީ، 25 ޖުލައި 1954 ގައި ވުޒާރަތުއް ތިޖާރާ ވައްތަމްވީނުގެ ކާތިބުކަމުން ސަރުކާރުގެ ޚިދްމަތް ފައްޓަވާ، މުހިންމު މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އޭގެތެރޭގައި، ވުޒާރަތުލް އަޥްޤާފުގެ ސެކްރެޓަރީ ކަމާއި، މަޙްކަމަތުލް ޚާރިޖިއްޔާގެ ސެކްރެޓަރީ ކަމާއި، މީޓިއޮޮރޮލޮޖިކަލް އޮފީހުގެ ވެރިޔާކަމާއި، މުނިސިޕަލްޓީގެ ރައީސްގެ ނައިބު ކަމާއި، މުނިސިޕަލް ކައުންސިލަށް ދާޚިލިއްޔާއިން ޢައްޔަންކުރި މެންބަރުކަން ހިމެނެއެވެ. އަދި ވަޒީރުލް އަޢުޡަމް އޮފީހުގެ ޚާއްޞަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓުގެ ޚާއްޞަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލު ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ވަކީލު ކަމުގެ މަގާމާއި، ނައިބު ކަމުގެ މަގާމު ހިމެނެއެވެ.
އޭގެފަހުން މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަގާމާއި، ޑެޕިއުޓީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ރިލިޖަސް އެފެއާޒް ކަމުގެ މަގާމުވެސް އެމަނިކުފާނު ފުރުއްވިއެވެ. މީގެއިތުރުން، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަގާމުގައިވެސް ހުންނެވިއެވެ.
މުޙަންމަދު ނޫރައްދީނަކީ، ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅުގެ މެންބަރުކަމާއި، ދ. އަތޮޅުގެ މެންބަރުކަމާއި، ގއ. އަތޮޅުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
މުޙަންމަދު ނޫރައްދީން މެދުނުކެނޑި 53 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރުގެ ޚިދްމަތުގައި ހޭދަކުރެއްވިއިރު، އެމަނިކުފާނުވަނީ ސަރުކާރުގެ ވަރަށް އިސްމަގާމުތަކެއް ފުރުއްވާފައެވެ. އެމަނިކުފާނު ދިވެހި ދަޢުލަތަށާއި، ރައްޔިތުންނަށް ކޮށްދެއްވި އިޚްލާސްތެރި ޚިދުމަތުގެ އަގުވަޒަންކޮށް ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް 2011 ވަނަ އަހަރުވަނީ އަރުވާފައެވެ.
އަލްއަމީރު މުޙައްމަދު ނޫރައްދީންއަކީ ރާއްޖޭގެ ރަސްކަމުގެ ދަރިކޮޅުގެ ތެރެއިން ރަސްކަލެއްގެ ދަރިކަލަކަށް އެންމެފަހަށް ހުންނެވި، ހަމައެކަނި އަމީރެެވެ. އެމަނިކުފާނުގެ ބައްޕާފުޅާކީ، އައްސުލްތާން ޙަސަން ނޫރައްދީންއެވެ.
އެމަނިކުފާނުގެ ބޭފުޅުންގެ ތެރޭގައި މިހާރުވެސް ސަރުކާރާއި ރާއްޖޭގެ އެކި ސިނާޢަތްތަކުގައި ޚިދުމަތްކުރައްވަމުންގެންދަވާ ބޭފުޅުން ހިމެނިވަޑައިގަންނަވެއެވެ. އޭގެ ތެރޭގައި އިބްރާހީމް ނޫރައްދީންއާއި، ޢަލީ ނޫރައްދީންއާއި، އިސްމާޢީލް ނޫރައްދީން އާއި، ޚަދީޖާ ނޫރައްދީން، ޢާއިޝަތު ނޫރައްދީން މަރްޔަމް ނޫރައްދީން ހިމެނިވަޑައިގަންނަވައެވެ.
މުޙައްމަދު ނޫރައްދީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް، ސަބްރާ ހިބްރާހީމް ނޫރައްދީންގެ ކާފާފުޅެވެ.
އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްފަހުން މުޙައްމަދު ނޫރައްދީންގެ އަނބިކަނބަލުންވެސް ވަނީ މިދިޔަ މަހުގެ 26ވަނަ ދުވަހު އަވަހާރަވެފައެވެ.
މުޙައްމަދު ނޫރައްދީން ވަނީ ސަރުކާރުގެ އެކި ދާއިރާތަކުގައި ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައެވެ. ހަމައެހެންމެ، ރާއްޖޭގެ ސިޔާސީ މަސްރަޙަށް އަންނަމުންދިޔަ އެކި ބަދަލުތައް، ވަރަށް ގާތުން ދެކެވަޑައިގެންފައެވެ. ވަރަށްގިނަ ތަޖުރިބާތަކެއް ހާސިލު ކުރައްވާފައެވެ. އެމަނިކުފާނަކީ، އެވަގުތަކު ދައުލަތް ހިންގަވަން ހުންނެވި ކޮންމެ ވެރިއެއްގެ އަރިހުގައި ޚިދްމަތް ކުރެއްވި ލާމަސީލު ބޭފުޅެކެވެ.
ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އެމަނިކުފާނަށްވަނީ ލިބިވަޑައިގެންފައެވެ.