އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ދަނޑުވެރިންނަށް ދޫކުރާ "ސްޓާޓް އަޕް" ޕެކޭޖްގެ ދަށުން ދަނޑުވެރިންނަށް ތަކެތި ދޫކުރަން ފަށައިފިއެވެ.
އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން މި ޕެކޭޖް ތައާރަފްކޮށްފައިވަނީ ކޮންޓްރެކްޓް ފާމިން މަޝްރޫއުއާއެކުއެވެ.
އެގްރޯނެޓްއިން ދަނޑުވެރިންނަށް ދޫކުރާ "ސްޓާޓްއަޕް ޕެކޭޖް" ނެގޭނީ އެކުންފުނިން ކުރިއަށްގެންދާ ކޮންޓްރެކްޓް ފާމިންގ މަޝްރޫއުގައި ބައިވެރިވެފައިވާ ދަނޑުވެރިންނަށެވެ. ކޮންޓްރެކްޓް ފާމިންގ މަޝްރޫއު ރާއްޖޭގެ 44 ރަށެއްގައި ކުރިއަށްގެންދާއިރު މި ރަށްރަށުން ދަނޑުވެރިކަން ފަށަން ތަކެތި ބޭނުންވާ ދަނޑުވެރިންނަށް ސްޓާޓް އަޕް ޕެކޭޖްއަށް އެދުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލިއެވެ. އެގްރޯނެޓުން ވިދާޅުވީ، މި 44 ރަށުގެ ތެރެއިން %50 އަށްވުރެ ގިނަ ރަށްރަށުގެ ދަނޑުވެރިން މި ޕެކޭޖް ބޭނުންވެގެން ހުށައަޅާފައިވާކަމަށެވެ.
ސްޓާޓްއަޕް ޕެކޭޖްގެ ދަށުން އެގްރޯނެޓުން ދޫކުރާ ތަކެތި މިހާރު ވަނީ އެ ކުންފުންޏަށް ލިބިފައެވެ. އަދި މި ޕެކޭޖަށް އެދިފައިވާ ދަނޑުވެރިންނަށް ތަކެތި ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ފަށައިގެން ކުރިއަށެވެ. ނަމަވެސް ކޯވިޑް19 އާއި ގުޅިގެން ދަތުރުފަތުރުކުރުމުގައި ހުރި ދަތިތަކާއި ބައެއް ރަށްރަށް ކަރަންޓީންގައި އޮތުމުގެ ސަބަބުން ރަށްތަކަށް ތަކެތި ފޮނުވުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ. އެހެންނަމަވެސް ޖޫންމަސް ނިމެންވާއިރަށް ޕެކޭޖް ނަގާފައިވާ ހުރިހާ ދަނޑުވެރިންނަށް އެތަކެތި ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
އެގްރޯނެޓްގެ "ސްޓާޓް އަޕް" ޕެކޭޖްގެ ދަށުން ދަނޑުވެރިކަން ފަށައިގަންނަން ބޭނުންވާ ހުރިހާ އާލާތްތަކެއް ދޫކުރެއެވެ. އޭގެތެރޭގައި މުޑުވަށް އިންދަން ބޭނުންވާ ފާޓިލައިޒަރ، ގަސްތަކަށް ފެންދޭނެ ހޮޅި، ގަހަށް ޖަހަންޖެހޭ ބޭހާއި ކެމިކަލްއާއި، އުދެލި ފަކީރާ ފަދަ ތަކެތި މި ޕެކޭޖްގެ ދަށުން ފޯރުކޮށްދޭނެއެވެ. ބައެއް ދަނޑުވެރިންނަކީ މިހާރުވެސް ދަނޑުވެރިކަން ކުރަމުން އަންނަ ދަނޑުވެރިންނަށްވުމުގެ ސަބަބުން އެ ދަނޑުވެރިން ސްޓާޓްއަޕް ޕެކޭޖްގެ ދަށުން ތަކެތި ބޭނުން ނުވާކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ.
މި ޕެކޭޖްގެ ދަށުން ތަކެތި ދޫކުރަނީ އިންސްޓޯލްމަންޓް އުސޫލުންނެވެ. އެގްރޯނެޓުން ވިދާޅުވީ، މި ޕެކޭޖަށް ފައިސާ ދެއްކުމަށް ދަނޑުވެރިންނަށް ފަސޭހަ ގޮތްތަކެއް ފަހިކޮށްދީފައިވާކަމަށެވެ. އެގޮތުން ދަނޑުވެރިން ތަކެތި ހެއްދުމަށްފަހުގައި ތަކެތި ވިއްކާފައި ލިބޭ ފައިސާއިން އިންސްޓޯލްމަންޓަށް ލޯނު ދެއްކޭނެއެވެ. އަދި ދަނޑުވެރިޔާއަށް ފަސޭހަކަމާއެކު އިންސްޓޯލްމަންޓަށް ދެއްކޭ އަދަދެއް އިންސްޓޯލްމަންޓަށް ބަހާލައިގެންވެސް ޕެކޭޖަށް ފައިސާ ދެއްކޭނެއެވެ. އެގްރޯނެޓުން ވިދާޅުވީ، އާލާތްތައް ދޫކުރާނީވެސް މާކެޓުގައި އެތަކެތި ގަންނަން ލިބޭ އަގުގެ %20 ދަށްކޮށްކަމަށެވެ.