ސިޓީ ކައުންސިލް ކުރިން ހިންގި އިމާރާތް ހުރި ބިއްލޫރިޖެހި ގޭގައި އަލަށް ހެދި ޕާކިން ޒޯން އާއްމުކޮށް ހުޅުވާލައިފިއެވެ. ބިއްލޫރި ޖެހިގޭގައި ސިޓީ ކައުންސިލުން އަލަށް ހެދި ޕާކިން ޒޯނާއި އެކު އެ ސަރަހައްދިގައި ޕާކުކުރެވޭ ސަރަހައްދުތަކަށް މިވަނީ ބަދަލުތަކެއް ގެނެސްފައެވެ.
ބިއްލޫރި ޖެހިގޭގައި ސިޓީ ކައުންސިލުން ޕާކިން ޒޯނެއް ހަދާފައިމިވަނީ މިމަހުގެ 6 ވަނަދުވަހުގެރޭ ރައްޔިތުން މަޖިލީހުގައި ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ހަމަލާއާއި ގުޅިގެންނެވެ. ރައީސް ނަޝީދަށް ހަމަލާދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ހުންނަ ނީލޯފަރުމަގު ކަންމަތީގައި ހުރި ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިގެންނެވެ.
މި ހަމަލާ ރައީސް ނަޝީދަށް ބަޔަކު ދީފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކާއި އެމަގުގައި ޕާކުނުކުރެވޭ ގޮތަށް ހަދާދިނުމަށް އެމްއެންޑީއެފުން ސިޓީ ކައުންސިލްގައި އެދިފައިވަނިކޮށެވެ. މިކަމުގައި ސިޓީ ކައުންސިލުން ވިދާޅުވެފައިވަނީ ސަލާމަތީ ބާރުތަކުން އެދުމުން އެކަމުގެ ހުއްދައަށް ޕްލޭނިން މިނިސްޓްރީގައި އެދުނުކަމަށެވެ. މިނިސްޓްރީން ވިދާޅުވެފައިވަނީ ސިޓީން ކައުންސިލުން ފޮނުވިކަމަށް ބުނާ އެ ލިޔުން ލިބިފައިނުވާކަމަށެވެ.
ނީލޯފަރުމަގުގައި ޕާކުނުކުރެވޭ ގޮތަށް ހަދާ ބިއްލޫރި ޖެހިގޭގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ ރައީސް ނަޝީދަށް ހަމަލާދިންތާ ދެ ދުވަސް ފަހުންނެވެ. ޕްލޭނިން މިނިސްޓްރީހެ ހުއްދަ އާއި އެކު ހެދި މި ޕާކިން ޒޯނާއި އެކު ނީލޯފަރުމަގު މިހާރުވަނީ ސަލާމަތީ ބާރުތަކުގެ އުޅަނދުތައް ނޫން އެއްވެސް އުޅަނދެއް އެމަގަށް ނުވަދެވޭ ގޮތަށް އެއްޗހި ނުދުއްވާ މަގަކަށް ބަދަލުކޮށްފައެވެ. އަދި މަޖީދީމަގާއި ނީލީފަރުމަގު ގުޅޭ ސަރަހައްދުތަކުގައި މަޖީދީމަގުގައި ޕާކް ނުކުރެވޭ ގޮތަށް ސިޓީ ކައުންސިލުން ވަނީ ހަދާފައެވެ.
މި ޕާކިން ޒޯންގެ މަސައްކަތް ފައްޓަވަމުން ކުރީގެ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވީ ބިއްލޫރިޖެހިގޭގައި ހެދި ޕާކިން ޒޯން ހާއްސަކުރާނީ ސައިކަލް ޕާކިން ޒޯނެއްގެ ގޮތުގައިކަމަށެވެ.
މިމަހުގެ 6 ވަނަދުވަހުގެ ރޭ އެއްޗެއް ނުރައްކާތެރި އެއްޗެއް ގޮއްވާލާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ ސާޖަރީތަކެއް ވަނީ ހަދާފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހްމަތަކަށް ރާއްޖެއިން ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް މިވަގުތު އެމަނިކުފާނު ހުންނެވީ ޖަރުމަނުގައެވެ.