ރާއްޖެއިން އިތުރު 2،194 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު ބައި ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.
މިއީ ރާއްޖޭގައި އެއްދުވަހެއްގައި އެންމެ ގިނަ ކޯވިޑް-19ގެ ކޭސްތައް ރިޕޯޓުކުރި ދުވަހެެވެ. އަދި ޕޮޒިޓިވްވި މީހުންގެ ޢަދަދު 2000އިން މަތިވި ފުރަތަމަފަރުވެސްމެއެވެ. މި 2194 މީހުންގެ ތެރޭގައި ގިނައީ މިމަހުގެ އެހެން ދުވަސްތަކުގައި ނަގާފައިވާ ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުންނެވެ،
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގައި ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 691 މީހުންނެވެ.
މީގެ ތެރޭގައި މިމަހުގެ 15ވަނަ ދުވަހު ނެގި 60 ސާމްޕަލަކާއި، 16ވަނަ ދުވަހުގެ 79 ސާމްޕަލް، 17ވަނަ ދުވަހު 541 ސާމްޕަލާއި، 18ވަނަ ދުވަހުގެ 812 ސާމްޕްލާއި، 19ވަނަ ދުވަހުގެ 640 ސާމްޕަލް ހިމެނެއެވެ.
އެންމެ ފަހުން ޕޮޒިޓިވްވި 2،194 މީހުންގެ ތެރޭގައިވެސް ގިނައީ މާލެ ސަރަހައްދުގެ ކޭސްތަކެވެ. އެގޮތުން މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 1698 މީހުން ޕޮޒިޓިވް ވެފައިވާއިރު، އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވީ 467 މިހުންނެވެ. ރިސޯޓްތަކުން ޕޮޒިޓިވްވީ 29 މީހުންނެވެ. މިއާއެކު ރާއްޖޭގައި މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ ޢަދަދު މިވަނީ 50،802އަށް އަރާފައެވެ.
ކޯވިޑް-19އަށް ޕޮޒިޓިވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެފައިވާއިރު، ބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރުވަނީ 20.000އަށްވުރެ އިތުރުވެފައެވެ. އެގޮތުން މިވަގުތު 20،276 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެ ތެރޭގައި 18 އަހަރުން ދަށުގެ 558 ކުއްޖަކާއި، 65 އަހަރުން މަތީގެ 91 މީހުން ހިމެނެއެވެ. މީގެތެރެއިން 280 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.
އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ތެރެއިން 16 މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާއިރު، މީގެ ތެރެއިން 8 މީހަކަށް ފަރުވާދެނީ ވެންޓިލޭޓަރުގެ އެހީގައެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 759މީހުން ވަނީ މިބަލުން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 30،403 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 7259 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 114މީހުންވަނީ ނިޔާވެފައެވެ.