ޚަބަރު

ފަސް އަހަރުގެ ދައުރަކާއެކު ކައުންސިލަރުންނަށް ބޮޑެތި ޒިންމާތަކެއް!


ރާއްޖޭގައި ހިނގަމުންދާ ލާމަރުކަޒީ ނިޒާމަކީ ހަޤީޤީ މާނާގައި ހިންގާ ފުރިހަމަ ލާމަރުކަޒީ ނިޒާމަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ. އަދި ވެރިކަމުގެ ފުރަތަމަ ދުވަހުންފެށިގެން އެކަމަށް ކުރައްވަންޖެހޭ މަސައްކަތްތަކާއި އަޅުއްވަންޖެހޭ ފިޔަވަޅުރައް ރައީސުލްޖުމްހޫރިއްޔާ ގެންދެވީ އަޅުއްވަމުންނެވެ.

އެއާއެކު މިއަދަކީ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މިފަދަ ގިނަގުނަ މަސައްކަތުގެ ނަތިޖާ ފެނުނު ދުވަހެވެ. ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބިދޭގޮތަށް އިންތިޚާބު ކުރި ކައުންސިލަރުން މިއަދު ވަނީ ހުވައި ކުރައްވާފައެވެ. މަދު ކައުންސިލަރުން ފިޔަވައި އިންތިޚާބި ހުރިހާ ކައުންސިލަރުން ވަނީ މިއަދު ހުވައި ކުރައްވާފައެވެ.

މިއަދު ޤާނޫނީ ޒިންމާތަކާއި މަސްއޫލިއްޔަތު ކޮނޑުގައި އަޅުއްވައިގެން ނުކުންނެވި އެންމެހައި ކައުންސިލަރުންނާއި ސިޓީތަކުގެ މޭޔަރުންނަށް ޤާނޫނީ ގޮތުން ވަނީ ބޮޑެތި ބަރުތަކާއި އިޚުތިޔާރުތައް ލިބިވަޑައިގެންފައެވެ. ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބިދޭގޮތަށް ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކާއެކު ފާސްކުރި ގާނޫނު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤު ކުރެއްވީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުއެވެ.

ޤާނޫނަށް ގެނައި ބަދަލާއެކު ކަނޑައެޅި ތާރީޚުގައި އިންތިޚާބު ނުބޭއްވި ލަސްވެގެން ގޮސްފައިވަނީ ކޯވިޑް-19ގެ ޙާލަތާ ގުޅިގެންނެވެ. އައު ކައުންސިލަރުން މިއަދު ހުވައި ކުރެއްވުމާ ހަމައަށް ކައުންސިލްތައް ބަލަހައްޓަމުންދިޔައީ ކުރިންވެސް ތިއްބެވި އިންތިޚާބީ ކައުންސިލަރުންނެވެ. ނަމަވެސް މިމުއްދަތުގައި އިދާރީ ގޮތުން ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތައް ތަންފީޒުނުކުރެވި، ރަށްކަށާއި، ސިޓީތަކަަށް އަންނަންޖެހޭ ތަރައްޤީ އެންމެ އެކަށީގެންވާ ގޮތުގައި ނައިސްވަނީ މަޑު ޖެހިފައެވެ.

އަލަށް އިންތިޚާބު ކުރެވުނު ކައުންސިލަރުންނާއިއެކު ރައްޔިތުން ކުރާ އުންމީދުތައް އެހާމެ ގިނައެވެ. ރަށްތަކުގެ ތަރައްޤީއާއި އާންމު ފަރުދުންނަށް ގިނަ ކުރިއެރުމާއި ތަރައްޤީ ލިބިގެންދާނެކަމަށް ގިނަ ބަޔަކު ދަނީ އުންމީދު ކުރަމުންވެ. ޤާނޫނުގެ ތެރެއިން މިއަދު ހުވައިކުރެއްވި ކައުންސިލަތަކަށް ލިބިގެންދާ ބާރުތަކުގެ ތެރޭގައި ރަށުގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ ޢާމްދަނީގެ %40 ކައުންސިލްތަކަށް ލިބުމާއި، މުނިސިޕަލް ޚިދުމަތްތަކުން ލިބޭ ޢާމްދަނީ އެއްކޮށް ކައުންސިލްތަކަށް ލިބިގެންދާނެއެވެ. އަދި ދައުލަތުގެ ބަޖެޓުގައި ހިމެނޭ ޑޮމެސްޓިކް ބަޖެޓުގެ %5 ކައުންސިލްތަކަށް ލިބިގެންދާނެއެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާހާއެކު، ރަށްރަށުގައި ހިންގާ 5 މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫޢުތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންދާނެއެވެ. އަދި އަމިއްލަ ނަމުގައި ވިޔަފާރިކުރުމާއި ރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއްކުރުމުގެ ބާރު ކައުންސިލްތަކަށް ވަނީ ދީފައެވެ. މިނޫންވެސް މުނިސިޕަލް އެންމެހައި ޚިދުމަތްތަކާއި، ރަށްރަށުގެ ޢުމްރާނީ، އަދި އިޖުތިމާޢީ އިގްތިޞާދީ އެންމެގައި ކަންކަން ކުރުމުގެ ފުރިހަމަ އިހުތިޖާރުވެސް ޤާނޫނުގެ ތެރެއިން ވަނީ ކައުންސިލްތަކަށް ފަހިކޮށްދެއްވާފައެެވެ.

ކައުންސިލްތަކަށް މާލީ ގޮތުން ދިން ބާރުވެރިކަމާއިއެކު، ކައުންސިލަތަކުން ރައްޔިތުންނަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެކަމަށް ގިނަބަޔަކު އުންމީދު ކުރެއެވެ. ޤާނޫނަށް ގެނެވުނު ބަދަލުތަކާއިއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ގިނަ އުންމީދުތަކެއްވެސް ކައުންސިލްތަކާއި ވަނީ ގުޅިފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ކައުންސިލުތަކުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ލާމަރުކަޒީ އުޞޫލުން ޚިދުމަތްތައް ދިނުމުގެ މަސައްކަތް ކުރާއިރު ކައުންސިލްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި، އެހީތެރިކަން މި ސަރުކާރުން ފޯރުކޮށްދެއްވާނެކަމުގައެވެ.

ލާމަރުކަޒީ ނިޒާމު ފައްކާވެ ތަންފީޒު ކުރުމަކީ ރާއްޖެ ތަރައްޤީވުމަށް އޮތް އެންމެބޮޑު ބާރަށްވާއިރު، މިއަދު ކައުންސިލްތަކާއި ހަވާލުވި ކައުންސިލަރުންނަށް އޮތް ޒިންމާއާއި މަސްއޫލިއްޔަތު އެހާމެ ގިނައެވެ. މި ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި ރައްޔިތުންނާ ގުޅިގެން އެއްބައިވަންތަކަމާއެކު މަސައްކަތްކޮށް އިންތިޚާބީ 5 އަހަރުގައި ރަނގަޅު ނަތީޖާތަކެއް ހާސިލް ކުރުމަށް ކޮންމެ ކައުންސިލަކުންވެސް މަސައްކަތް ކުރުމަކީ މުހިންމުކަމެއްކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީންވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ ބާރުތަކާއި އިޚުތިޔާރުތަކާއެކު ރަށްރަށުގެ ތަރައްޤީ އަލުން އައު ހަރުފަތަށް ގެންދިއުމަށް ލބިގެންދާ އިތުރު ފުރުސަތެއްގެ ގޮތުގައި ކައުންސިލްތަކުގެ ބަލަދުވެރި ފަރާތުންވެސް ވަނީ ވިދާޅުވެފައެވެ.