ޚަބަރު

ގަލްފުގެ ޤައުމުތަކުގެ ރައްކާތެރިކަން އެމެރިކާއިން ކަށަވަރުކޮށްދޭނެ: ރޫބިޔޯ


އީރާނާއި އެމެރިކާއާ ދެމެދު ސުލްޙަ ޤާއިމުކުރުމަށް ވެފައިވާ އިބުތިދާއީ އެއްބަސްވުމާމެދު ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ގަލްފުގެ ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމުގެ ޔަޤީންކަން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ދެއްވައިފިއެވެ. ރޫބިއޯ މި ޔަޤީންކަން ދެއްވީ އެކުވެރި ޢަރަބި ޢިމާރާތާއި (ޔޫއޭއީ) ކުވަޔިތަށް ވަޑައިގަންނަވައި، އެ ޤައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވައެވެ. މިއީ، އެމެރިކާއާއި ޔަހޫދީން އިސްވެ އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވެފައިވާ އެއްބަސްވުމަށް ތާއީދު ހޯއްދެވުމަށް ރޫބިޔޯ ކުރައްވާ ދަތުރުފުޅެކެވެ. ފާއިތުވި ހަފުތާގައި ވެވުނު މި އެއްބަސްވުމަކީ 1979 ވަނަ އަހަރަށް ފަހު އީރާނާއި އެމެރިކާގެ ރައީސުން ސޮއިކުރެއްވި ފުރަތަމަ އެއްބަސްވުމެވެ. މި އެއްބަސްވުމުގެ ދަށުން އީރާން އާރާސްތުކުރުމަށް ބޭނުންކުރުމަށް 300 ބިލިޔަން އެމެރިކާ ޑޮލަރުގެ ފަންޑެއް އުފެއްދުމާއި ތެހްރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކޮށްދިނުން ހިމެނެއެވެ.

ހަނގުރާމައިގައި އީރާނުން ހުރްމުޒް ކަނޑުއޮޅީގެ ކޮންޓުރޯލު ހޯދުމާއެކު، ދުނިޔޭގެ އިޤުތިޞާދަށް ބޮޑު ލޮޅުމެއް ގެނުވިއެވެ. ރޫބިޔޯ ވަނީ ޔޫއޭއީގެ ރައީސާ ބައްދަލުކުރައްވައި، ކަނޑުއޮޅީގެ ރައްކާތެރިކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި، ކުވަޔިތުގެ އަމީރާއެކު ސަރަޙައްދީ ހަމަޖެހުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އީރާންގެ ރައްދު ޙަމަލާތަކުގެ ސަބަބުން ބަންދުކުރި އެމެރިކާ އެމްބަސީ ކުވަޔިތުގައި އަލުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް އޭނާ ބައިވެރިވެވަޑައިގެންނެވިއެވެ. ޔޫއޭއީއާއި ކުވަޔިތަށް ފަހު، ރޫބިޔޯ ދެން ވަޑައިގަންނަވާނީ ބަޙްރަޔިނަށެވެ. މި ތިން ޤައުމުގައި ވެސް އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރެއެވެ.

ގަލްފުގެ ބައިވެރިން އެންމެ ބޮޑަށް ކަންބޮޑުވަނީ، އީރާނަށް ލިބޭ ފައިސާ އެ ޤައުމުގެ އަސްކަރިއްޔާ ވަރުގަދަކުރަން ބޭނުންކޮށްފާނެތީ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. އަދި، މިއެއްބަސްވުމުގައި އީރާނުގެ ބެލިސްޓިކް މިސައިލްގެ ޤާބިލުކަން ކޮންޓުރޯލުކުރުމާ ބެހޭ ނުކުތާއެއް ހިމަނާފައެއް ނެތް ކަން ވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ. ފާއިތުވި ހަފުތާތަކުގައި މި މަޝްވަރާތައް އިސްވެ ކުރިއަށްގެންދެވީ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސްއެވެ. އަދި، މަޝްވަރާތަކުގައި ރޫބިޔޯ އިސް ދައުރެއް އަދާކުރައްވާފައި ނުވާއިރު، އޭނާއަކީ ކުރިން އީރާނާ ވަރަށް ބޮޑަށް ދެކޮޅު ބޭފުޅެކެވެ.

އެމެރިކާއާއި ގަލްފުގެ ޤައުމުތަކާ ދެމެދު މުހިންމު މަޝްވަރާތަކެއް ބޭއްވުމަށް ރޫބިޔޯ އެ ސަރަޙައްދަށް ވަޑައިގަންނަވާފައިވާއިރު، ހުރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި އީރާނާއެކު މަޝްވަރާތައް ބޭއްވުމަށް ގަލްފާއި ޢަރަބި ޤައުމުތަކުން ތައްޔާރުވަމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. މި ބައްދަލުވުންތައް އިންތިޒާމު ކުރެއްވުމުގެ ގޮތުން ޤަޠަރުގެ ބޮޑުވަޒީރު ވަނީ ޢުމާނަށް ވަޑައިގަންނަވާފައެވެ. މީގެ އިތުރުން، ސަރަޙައްދީ ސުލްޙައިގެ ބައްދަލުވުމެއް ސަޢޫދީ ޢަރަބިއްޔާގައި ބޭއްވުމަށް ރާވަމުންދާ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ. އީރާނާއި އެމެރިކާއާ ދެމެދު މިހާރު އަމަލުކުރަމުންދާ 14 ނުކުތާގެ ފަހުމުނާމާގެ ދަށުން، ކުރިއަށް އޮތް 60 ދުވަހު އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމު ފަދަ އުނދަގޫ މައްސަލަތަކަށް ޙައްލު ހޯދުމަށް މަސައްކަތް ކުރެވޭނެއެވެ. މި ކަމާ ގުޅޭ ފަންނީ މަޝްވަރާތައް މިހާރު ވެސް ފަށާފައިވާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ. މަޝްވަރާކުރެވޭނެ މައުޟޫޢުތަކުގެ ތެރޭގައި ހަތިޔާރު އުފެއްދުމާ ގާތަށް އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިޔަމްގެ މައްސަލަ ހިމެނެއެވެ. އީރާނުން އަބަދު ވެސް ބުނަމުން ދަނީ، އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމަކީ ސުލްޙަވެރި ބޭނުންތަކަށް ހިންގާ ޕުރޮގުރާމެއް ކަމުގައެވެ.