 
										
			ފަލަސްޠީނުގެ ރައްޔިތުންނާމެދު އިސްރާޢީލުން ހިންގާ ޢުދުވާންތައް ކުށްވެރިކުރުމުގެ ގޮތުން ޢަމަލީ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށައެޅުއްވި ކުއްލި މައްސަލަ ބަލައިގެންފައިވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާޤުންނެވެ. 
މިމައްސަލަ ހުށައަޅުއްވަމުން މެންބަރު ޝިޔާމް ވިދާޅުވީ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކުގެ ތެރޭގައި އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ އިރުމަތީ ޤުދުސްގެ ފަލަސްޠީނު ބިންތަކުގެ ބައެއް ސަރަޙައްދުތަކުގައި ދިރިއުޅޭ ފަލަސްޠީނު އާއިލާތައް، އަމިއްލަ ގެދޮރުންނެރެ، އިސްރާއީލުން ޤާނޫނާއި ޚިލާފަށް ނިންމާ ނިންމުންތަކާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން ތެދުވުމުން އިސްރާއީލުގެ ފުލުހުންނާއި ސިފައިން ނެރެ ބޮޑެތި ޖަރީމާތައް ހިންގަމުންދާތީ އެކަން ކުށްވެރިކުރާކަމަށެވެ. 
އިސްރާޢީލުގެ ހައްދުފަހަނައަޅާފައިވާ އަމަލުތަކުގެ ސަބަބުން ދިވެހި ސަރުކާރުން އިޒުރޭލާ ދެކޮޅަށް އަޅާ ފިޔަވަޅުތަކެއްގެ ގޮތުން ޙަމަލާތައް ހުއްޓާލަންދެން އެ ޤައުމުގެ ޓޫރިސްޓުން ރާއްޖެ އައުން މަނާކުރުމާއި އިޒުރޭލުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން މަނާކުރަން މިކުއްލި މައްސަލައިގައި ގޮވާލާފައިވެއެވެ.
"ދިވެހިންގެ އުފަން މިފަސްގަނޑު ފިޔަވައި ދެން އެންމެ ލޯބިވާ އެއްފަސްގަނޑެއްގެ ގޮތުގައި މިއޮތީ ފަލަސްތީނުގެ ފަސްގަނޑު އަދި އެޤައުމުގެ ރައްޔިތުން. އެހެންވީމަ ހަމައެކަނި ފަލަސްޠީނުގެ މައްސަލަ ކުށްވެރިކޮށްލުމުގެ އިތުރުން ސަރުކާރުން އެބަބަލަންޖެހޭ މިކަމުގައި ފަލަސްތީނުގެ ރައްޔިތުންނާއި އެކުގައި ތިބިކަން ހާމަކުރުމަށް ކުރެވިދާނެކަންކަން ކުރެވޭތޯ ބަލަންއެބަޖެހޭ. އެގޮތުން ހަމަލާތައް ހުއްޓުވަންދެން ފިޔަވަޅުތަކެއް އަޅަން އެބަޖެހޭ" ޝިޔާމް ވިދާޅުވިއެވެ. 
މިމައްސަލައިގައި ވާހަކަދެއްކެވި މެންބަރުންވަނީ ބައިނަލްއަޤްވާމީ މުއާހަދާތަކުން ލިބިދީފައިވާ ޙައްޤުތަކާއި ރައްކާތެރިކަމުން ފަލަސްޠީނުގެ ރައްޔިތުން އެކަހެރި ކުރެވިފައިވާކަން ފާހަގަކޮށް އެކަން ކުށްވެރިކޮށްފައވެ. އަދި ފަލަސްތީނުގެ ބިންތައް ޙިސާރުކޮށްގެން ހިންގާ ލާއިންސާނީ އަނިޔާތައް މެންބަރުންވަނީ ކުށްވެރިކޮށްފައެވެ. 
ފަލަސްޠީނަށް ދިމާވެފައިވާ ހާލަތާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅާފައިވާއިރު، އިއްޔެ ބޭއްވި އޯއައީސީގެ އެގްޒެކެޓިވް ކޮމިޓީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާއޯޑިނަރީ ވަރޗުއަލް ބައްދަލުވުމުގައި ރާއްޖެއިންވަނީ  އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައިތިބި ރައްޔިތުންނަށް ދެމުންދާ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ.