ވިޔަފާރި

ދިރާގު : ރާއްޖޭގެ މުވާސަލާތީ ގުޅުމުގެ ފެށުން


މިއަދަކީ ދުނިޔޭގެ "ޓެލިކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ސޮސައިޓީ ޑޭ" ނުވަތަ މުވާސަލާތީ ދުވަހެވެ. އިންޓަނޭޝަނަލް ޓެލިކޮމިއުނިކޭޝަން ޔޫނިއަންއިން ކޮންމެ އަހަރެއްގެ މޭމަހުގެ 17 ވަނަ ދުވަސް ދުނިޔޭގެ މުވާސަލާތީ ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމާފައިވަނީ 2006 ވަނަ އަހަރުއެވެ.

މުޅި ދުނިޔެއަށްވެސް މިހާރު ދިމާވެފައިވާ ކޯވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން މުވާސަލާތީ ގުޅުންތަކާއި އިންޓަނެޓްގެ ބޭނުން ޖެހިފައިވާ މިންވަރު މިހާރު މިވަނީ އިތުރުވެފައެވެ. ކޯވިޑް19ގެ ބަލިމަޑުކަމުގެ އެންމެ ބޮޑު ދިފާއީ ހަތިޔާރަކަށް ބޭނުން މިކުރެވެނީ އެކަކު އަނެކަކާ ބައްދަލު ނުވެ ގައިދުރުކޮށް ތިބުމެވެ. އެހެންކަމުން އިންޓަނެޓާއި އައިސީޓީ ވަސީލަތްތަކުގެ ބޭނުން ވަކި ފަރުދުންނާއި ވިޔަފާރިތަކަށް ޖެހިފައިވާ މިންވަރު ވަނީ އިތުރުވެފައެވެ.

ދުނިޔޭގެ މުވާސަލާތީ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ފެށިގެން އައިގޮތަށްވެސް ބަލާލަންޖެހެއެވެ. ރާއްޖޭގައި އެންމެ ފުރަތަމަ މުވާސަލާތީ ޚިދުމަތްދޭން ފަށާފައިވަނީ މީގެ 32 އަހަރު ކުރިން ދިވެހިރާއްޖޭގެ ގުޅުން، ދިރާގުންނެވެ. ރަސްމީ ގޮތުން ދިރާގުގެ ޙިދުމަތްދޭން ފެށީ 1 އޮކްޓޯބަރ 1988 ގައެވެ.

ދިރާގުން އެންމެ ފުރަތަމަ ތައާރަފްކުރި ޚިދުމަތަކީ ފިކްސް ލައިންގެ ޚިދުމަތެވެ. އެއަށްފަހު މުވާސަލާތީ ގުޅުމުން މުޅި ރާއްޖެ ގުޅުވާލުމަށް ނޭޝަނަލް ޓެލެފޯން ރޯލްއައުޓް ޕްރޮގްރާމް ފެށިގެންދިޔައެވެ. މި މަސައްކަތް 1995 ވަނަ އަހަރު ފެށިއިރު މި މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ 1999 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.

އާދައިގެ ގޮތަކަށް އެއިރު ފެށިގެން އައި ދިރާގުގެ ޚިދުމަތް މިއަދު މުޅި ރާއްޖެއަށް މިވަނީ ފުޅާވެފައެވެ. ރާއްޖެއާއި މުޅި ދުނިޔެއާއި މިވަނީ ގުޅުވާލާފައެވެ.

މިއަހަރަކީ ކޯވިޑް19 ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔެއަށްވެސް އިންޓަނެޓްގެ ބޭނުން އިތުރަށް ޖެހިފައިވާ އަހަރެކެވެ. ކޯވިޑް19 ގެ ބަލިމަޑިކަން ރާއްޖެއަށްވެސް އައުމާއިއެކު އިންޓަނެޓަށް ބަރޯސާވެފައިވާ މިންވަރު ކުރިއަށްވުރެ އިތުރުވެގެންދިޔައެވެ. ލޮކްޑައުންގައި ގޭގައިތިބެ އޮފީސް މަސައްކަތާއި ކިޔެވުންވެސް އޮންލައިންކޮށް ވަނީ ކުރިއަށްގެންދަން ޖެހިފައެވެ.

މި ދަނޑިވަޅުގައިވެސް ދިރާގުން ވަނީ ޤައުމީ ކުންފުނީގެ ހައިސިއްޔަތުން ނަމޫނާ ދައްކާފައެވެ. ކޯވިޑް19ގެ ހާލަތުގައި ދިރާގުން ވަނީ މުޖުތަމަޢަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކާއި ކިޔަވާ ކުދިންނާއި އަދި ކަސްޓަމަރުންނަށް ޑޭޓާގެ ލުއި ފަސޭހަތައް ފޯރުކޮށްދިނެވެ.

މީގެ އިތުރުން، އިންޓަނެޓަށް ބާރޯސާވެފައިވާ މިންވަރާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނެޓްވޯކް ކޮލިޓީ ދަމަހައްޓަން އިންވެސްޓްމެންޓްތައް އިތުރުކޮށްފައިކަމަށް އެ ކުންފުނިން ބުނެއެވެ. ޑޭޓާއަށް އޮތް ޑިމާންޑާ އެއްވަރަށް ކަސްޓަމަރުންގެ ޚިދުމަތުގެ ތަޖުރިބާއަށް ބުރޫނާރާނެހެން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައްވެސް ކޮށްފައިވާނެކަމަށް ދިރާގުން ބުނެއެވެ.

އަމިއްލަ ފަރުދުންގެ މުއާޞަލާތީ ބޭނުންތައް ފުއްދުމަށާއި ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގެ އިތުރުން، ދިވެހިރާއްޖެ ދުނިޔޭގެ ޗާޓުގައި ފެވިގެން ދިއުމަށް ވަރަށް ބޮޑު ބާރަކަށް ދިރާގުން ފޯރުކޮށްދޭ މުއާޞަލާތީ ޚިދުމަތްތައް ވެގެންދިޔައެވެ.

ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީ އަދި 4ޖީގެ ޚިދުމަތް ފުޅާކޮށްފައެވެ. މީގެ އިތުރުން އެންމެފަހުގެ ޓެކްނޮލޮޖީއާއެކު ފައިބަރ ޓު ދަ ހޯމް އިންޓަނެޓްގެ ޚިދުމަތް ވެސް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަނީ ދިރާގުންނެވެ. މި ޚިދުމަތް މިހާރު އާބާދީގެ 77 ޕަސެންޓަށް ލިބެއެވެ. ދިރާގުގެ ފިކްސް ބްރޯޑްބޭންޑްގެ ޚިދުމަތް މިއަދު ރާއްޖޭގެ އާބާދީގެ %80 އަންނަނީ ފޯރުކޮށްދެމުންނެވެ.

ކަސްޓަމަރުންގެ ބޭނުންތަކަށް އިސްކަންދީގެން އަބަދުވެސް ދިރާގުން އަންނަނީ އެ ކުންފުނީގެ ޚިދުމަތްތައް ބައްޓަންކުރަމުންނެވެ. މުއާޞަލާތީ ރޮނގުން މުޅި އޭޝިއާ ސަރަޙައްދަށް ބެލި ނަމަވެސް ރާއްޖެ އަންނަނީ ކުރިއަރާފައިވާ އެހެން ގައުމުތަކާ އެއް ސަފެއްގައި ވާދަކުރަމުންނެވެ. މިކަން ސާބިތުވާ އެއް ހެއްކަކީ މިހާރު މަދު ގައުމެއްގައި ތަޢާރަފްކޮށްފައިވާ 5ޖީ ފަދަ އެންމެ ޒަމާނީ ޚިދުމަތްތައްވެސް ދިރާގުން ރާއްޖެއަށް ފޯރުކޮށްދިނުމެވެ.

ރާއްޖެއަށް މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ހަމައެކަނި ކުންފުނީގެ ގޮތުގައި ދިރާގު އޮތްއޮތުން ނިމުމަކަށް މިހާރު ވަނީ އައިސްފައެވެ. ދިރާގުގެ އިތުރުން އެހެން ބައެއް ކުންފުނިތަކުންވެސް މިހާރު އަންނަނީ ރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދެމުންނެވެ. އެހެންކަމުން މިކަމުގައި އޮތް ވާދަވެރިކަން ބޮޑުވެ، ރައްޔިތުންނަށް ލިބޭ ޙިދުމަތްތައް ދަނީ އިތުރަށް ތަރައްޤީވަމުންނެވެ.