މޯލްޑިވްސް
ކޮލިފިކޭޝަން އޮތޯރިޓީން ފުލްޓައިމް ކޯސްތަކުގެ ގޮތުގައި ހިންގުމަށް ހުއްދަ
ދީފައިވާ ކޯސްތައް ބައެއް ފަރާތްތަކުން ޕާޓްޓައިމް ކޯސްތަކުގެ ގޮތުގައި ހިންގަމުން ގެންދާކަމަށް
އެ އޮތޯރިޓީން ބުނެފިއެވެ.
ކޮލިފިކޭޝަން އޮތޯރިޓީން ބުނީ ކޯސް ހިންގުމަށް ދީފައިވާ
ހުއްދައާއި ޚީލާފުވާ ފަރާތްތަކަށް އެފަދަ ކޯސްތައް ހިންގުމަށް ދީފައިވާ ހުއްދަ ބާތިލުކުރަން
ޖެހިދާނެކަމަށެވެ.
ކޮލިފިކޭޝަން
އޮތޯރިޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޔުނިވަރސިޓީ ތަކުންނާއި
ކޮލެޖްތަކުން ބައެއް ކޯސްތައް ބްލޮކް މޯޑް ފަދަ ޕާޓްޓައިމް އިންތިޒާމްތަކުން ގެންދިއުމަށްފަހުވެސް
ފުލްޓައިމް ކޯހެއްގެ ގޮތުގައި ހުއްދަ ދީފައިވާ މިންގަޑަށް ފެތޭކަމަށް
ދަޢުވާކުރާތަން ފާހަގަކުރެވޭކަމަށެވެ.
އަދި އެ އޮތޯރިޓީން ހުއްދަދީފައިވާ ކޯސްތައް
އެ ހުއްދައާ ތަޢާރަޒުވާގޮތަށް ހިންގުމަށްފަހު އެއީ ކޮލިފިކޭޝަން އޮތޯރިޓީގެ ހުއްދައާއެކު
ކުރާކަންކަމަށް ދޭހަވާގޮތަށް މަޢުލާމާތު ދެމުންދާކަންވެސްް ފާހަގަކުރެވޭކަމަށެވެ.
ކޮލިފިކޭޝަން
އޮތޯރިޓީން ބުނީ މަތީ ތަޢުލީމްގެ ފެންވަރު ދަށްވެގެންދާ މިފަދަ ކޯސްތައް
ހިންގުމަށް ދީފައިވާ ހުއްދައާއި ޚީލާފަށް ކަންތައްތައް ކުރާ ފަރާތްތަކަށް އެ
ކޯހެއް ހިންގުމަށް ދީފައިވާ ހުއްދަ ބާތިލް ކުރަންޖެހިދާނެކަމަށާއި މިކަން
ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ އިތުރުން ޓާރޝަރީ އިންސްޓިޓިއުޓްތަކަށް އަންގާފައިވާނެކަމަށެވެ.