ސިއްހަތު

ހޮސްޕިޓަލް ފަދަ ތަންތަނުން އުފެދޭ ކުނި ނައްތާލުމާއި މަޝްވަރާތައް


ސިއްޙީ ޚިދުމަތްދޭ
ތަންތަނުން އުފެދޭ ކުނި ރައްކާތެރިގޮތުގައި ނައްތާލުމާއި ބެހޭ ގޮތުން
ތައްޔާރުކޮށްފައިވާ ޤައުމީ ސިޔާސަތު ފައިނަލްކުރުމަށް ކަމާބެހޭ ފަރާތްތަކާއިއެކު މަޝްވަރާކުރަން
ހެލްތު މިނިސްޓްރީން ފަށައިފިއެވެ.



ހެލްތު
ޕްރޮޓެކްޝަން އެޖެންސީން ބުނީ މި ސިޔާސަތު އެކުލަވާލާފައިވަނީ ޑަބްލިއު އެޗްއޯގެ
ކޮންސަލްޓެންޓެއްގެ އެހީގައި މިހާރު ހޮސްޕިޓަލްތަކުން ކުނި ނައްތާލެވޭގޮތުގެ
އެސެސްމަންޓެއް ހެދުމަށްފަހުގައިކަމަށެވެ. މި ސިޔާސަތު ފައިނަލް ކުރުމަށްފަހު އަންނަ
ހަފްތާގެ ތެރޭގައި އަތޮޅު ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ރައްކާތެރިގޮތުގައި
ކުނި ނައްތާލުމާއިބެހޭ ޓްރެއިނިންގ އެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.  



ހެލްތު
ޕްރޮޓެކްޝަން އެޖެންސީން ބުނީ ސިއްޙީ ޚިދުމަތްދޭ ތަންތަނުން އުފެދޭ ކުނި
ނައްތާލަންޖެހޭނީ ވަކި ޚާއްސަ ސަމާލުކަމެއްދީގެން ކަމަށާއި ރާއްކާތެރިގޮތުގައި
ނައްތާނުލެވިއްޖެނަމަ ބަލިތައް ފެތުރުމަށް މަގު ފަހިވެގެންދާކަމަށެވެ. އެގޮތުން
އަންދާލައިގެން ކުނި ނައްތާލުމުން އޭގެއިން އުފެދޭ ދުމުގެ ސަބަބުން ކެންސަރުފަދަ
ބަލިތަކަށް މަގުފަހިވާކަމަށާއި ސިރިންޖްގައި ބޭނުންކުރާ ކަށިތައް ރަގަޅުގޮތުގައި
ނައްތާނުލެވިއެްޖެނަމަ ހެޕަޓައިޓީސް އަދި އެއިޑްސް ފަދަ ބަލިތައް ޖެހުމަށްވެސް
މަގުފަހިވާކަމަށެވެ.



ހެލްތު
ޕްރޮޓެކްޝަން އެޖެންސީގެ ޕަބްލިކް ހެލްތު ޕްރޮގްރާމް ކޯރޑިނޭޓަރ އައިމިނަތު ޝައުފާ
ވިދާޅުވީ ސިއްޙީ ޚިދުމަތްދޭ ތަންތަނުން އުފެދޭ ކުނި ރައްކާތެރިގޮތުގައި
ނައްތާލުމަށް އަދި ވަކިގޮތެއް ނިންމާފައިނުވާކަމަށާއި ކުނި ރައްކާތެރިގޮތުގައި
ނައްތާލުމަށް އޮޓޯކްލޭވް މެޝިން ބޭނުންކުރުމަށް ޑަބްލިއު އެޗްއޯގެ ކޮންސަލްޓެންޓް
ލަފާދެއްވާފައިވާކަމަށެވެ. އަދި މިއަދުގެ ބައްދަލުވުމުގައި މިކަމާއި ބެހޭގޮތުން
މަޝްވަރާކުރެވިގެންދާނެކަމަށެވެ.



ސިއްޙީ ޚިދުމަތްދޭ ތަންތަނުން އުފެދޭ ކުނި
ރައްކާތެރިގޮތުގައި ނައްތާލެވެމުން ނުދާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން
ފާހަގަކުރެއެވެ. އެ އެޖެންސީން ބުނީ އަތޮޅުތަކުގެ ގިނަ ހޮސްޕިޓަލްތަކުން މިހާރު ކުނި
ނައްތާލަމުން ގެންދަނީ އަންދާލައިގެނެވެ. އަދި މާލޭގައި އުފެދޭ ކުނިތައް ނައްތާލަނީ
ތިލަފުށްޓައް ގެންގޮސްގެންކަމަށެވެ.