ޚަބަރު

ކޭބަލް ގެއްލުނު މައްސަލާގައި މުވައްޒަފެއްގެ ބައިވެރިވުމެއްވާނަމަ ފިޔަވަޅު އަޅަން ފަސްނުޖެހޭނެ - އެޗްޑީސީ


ހިޔާ މަޝްރޫޢުގެ ހައުސިންގ ޔުނިޓްތަކުގައި ކަރަންޓުގެ ޚިދުމަތް ޤާއިމުކުރުމަށް ގެނެވިފައިވާ ކޭބަލްތައް ގެއްލިފައިވާތީ އެމައްސަލަ މޯލްޑިވްސް ޕޮލިސްސާވިސްއާ ގުޅިގެން ތަޙުޤީގުކުރަމުންދާކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓުތަކަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ގެނެވިފައިވާ ކަރަންޓު ކޭބަލްތަކާއި ބެހޭގޮތުން ދައުރުވަމުންދާ ޚަބަރުތަކާއި ފޮޓޯތަކާއި ގުޅިގެން އެޗްޑީސީން ވިދާޅުވީ ކޭބަލްތައް ގެއްލިފައިވާކަން އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައުމާއި އެކު ކުންފުނީގެ އިންޓަރނަލް އޮޑިޓުންނާއި މޯލްޑިވްސް ޕޮލިސްސާވިސަސްއާއި ގުޅިގެން އެކަން ބަލަމުންދާކަމަށެވެ.

އެޗްޑީސީން ވިދާޅުވީ މައްސަލަ ތަޙުޤީގުކޮށް އެކަމުގައި ބައިވެރިވާ ފަރާތްތަކަކީ ކޮބައިތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުންގެންދާއިރު، އެ ކަމުގައި އެޗްޑީސީގެ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުމެއް ވާނަމަ އެ މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓްތައް ހިމެނޭ ސަރަޙައްދުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން ކަރަންޓުގެ ޚިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މިފަދަ ކަމަކާ ކުރިމަތިވުމަކީ އޭގެ ސަބަބުން މަޝްރޫޢުގެ ކަންކަން ނިންމުމަށް އެތަކެއް ދަތިތަކެއް ކުރިމަތިވެގެން ދާނެ ކަމެއްކަމުގައި އެކުންފުނުން ފާހަގަކޮށްފައިވެއެވެ.

އެހެން ނަމަވެސް ދެވަނަ ފިޔަވަހީގައި ގިނަ އަދަދެއްގެ ރައްޔިތުންތަކެއް އާބާދުވެގެން ދާއިރު ކޮންމެހެން ހުންނަން ޖެހޭނެ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ހުއްޓުމަކަށް ނުގެނެސް ތާވަލުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އެކޯޕަރޭޝަންގެ ފަރާތުން ކުރަމުން ގެންދާނެކަމަށް އެޗްޑީސީން ވިދާޅުވިއެވެ.