އިންޓަރނެޓްގެ ޚިދުމަތުގެ އަގަށް ގެންނަ ބަދަލު އަދި ކަނޑައެޅިފައިނުވާކަމަށާއި ނަމަވެސް ވަރަށް އަވަހަށް އެ ޚިދުމަތުގެ އަގަށް އެދެވޭ ބަދަލުތަކެއް އަންނާނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ފޯރުކޮށްދޭ އިންޓަނެޓްގެ ޚިދުމަތުގެ އަގުތައް އަންނަ ޖުލައި މަހުން ފެށިގެން ހެޔޮކުރަން ނިންމާފައިވާކަމަށް ހާމަކޮށް އެއަގުތަކާއެކު މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެއެވެ.
އެގޮތުން ބައެއް އޮންލައިން މީޑިއާތަކުގައިވާގޮތުން އިންޓަރނެޓްގެ އަގުހެޔޮކުރުމަށް ސަރުކާރުން ހުށަހަޅާފައިވަނީ 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ. އަށް 30 ޖީބީ (ތްރޮޓުލް ސްޕީޑްގައި 2 އެމްބީޕީއެސް)، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ. އަށް 100 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް)، 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރ. އަށް 200 ޖީބީ (ތްރޮޓުލް ސްޕީޑްގައި 25 އެމްބީޕީއެސް) މިގޮތަށެވެ. އަދި މިއީ ފިކްސްޑް ބްރޯޑްބޭންޑަށް އެކަނި ކަނޑައަޅާ ގޮތެއްކަމަށްވެސް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް މިނިސްޓްރީއޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ ހިންގެވުމާއި މިވަގުތު ހަވާލުވެ ހުންނެވި އިކޮނަމިކް މިނިސްޓަރ ފައްޔާޟް އިސްމާއީލުވަނީ މި އަގުތަކަކީ މުޅިން ސައްޚަ މައުލޫމާތުތަކެއް ނޫންކަމަށް ވިދާޅުވެފައެވެ.
މިކަން ހާމަކުރައްވައި ކުރެއްވި ޓުވީޓެއްގައި މިނިސްޓަރ ފައްޔާޟް ވިދާޅުވީ މިހާރު ހެޔޮކުރަން ނިންމާފައިވާ އަގުތަށްކަމަށްބުނެ ދައުރުވަމުންދަނީ %100 ރަނގަޅު މަޢުލޫމާތުތަކެއް ނޫންކަމަށެވެ. ސަރުކާރުގެ ވަޢުދާއެއްގޮތަށް އިންޓަރނެޓް އަގު ހެޔޮކުރުމައްޓަކާއި ކުރިއެކޭއެއްގޮތަށް ޚިދުމަތްދޭ ފަރާތްތަކާއި ތަޖުރިބާކާރުންނާއި މިދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި މަޝްވަރާކުރައްވާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
The news circulating on media on internet price changes is not 100% accurate. We have been having dialogue witje tech industry users and providers over the last two months carrying on from previous discussions. Nothing has been finalized but meaningful changes will happen soon.
— Fayyaz Ismail (@faya_i) May 1, 2021
މިއާއެކުވެސް އިންޓަރނެޓްގެ ޚިދުމަތުގެ އަގު ކުޑަކުރުމާއި ގުޅޭގޮތުން އަދި މިހާތަނަށް އެއްވެސްކަމެއް މުޅިން ފައިނަލްކޮށް ފައިނުވިނަމަވެސް މުހިއްމު ބަދަލުތަކެއް ވަރަށް އަަވަހަށް ފެންނިގެންދާނެކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.
ސަރުކާރުންވެފައިވާ ވަޢުދާއެއްގޮތަށް މިހާތަނަށް އައިިއިރުވެސް އިންޓަރނެޓްގެ އަގުހެޔޮކުރެވިފައި ނުވާތީ ކުރިން މިނިސްޓަރީއޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުގައިހުރި މުޙައްމަދު މަލީހު ޖަމާލްގެ އިތުރުން ސަރުކާރަށްވެސް ބައެއްފަރާތަކުންވަނީ ފާޑުކިއުންތަކެއް އަމާޒުވެފައެވެ. މިއާއެކު ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުގައި ހުރެ ނަތީޖާ ނުނެރޭކަމަށްބުނެ ރައްޔިތުންގެ މަޖިލީހުންވަނީ މަލީހު މަޤާމުން ދުރުކޮށްފައެވެ.