މޯލްޑިވިއަންއިން ބަނގްލަދޭޝްގެ ޑާކާއަށް ކުރަމުންދިޔަ ދަތުރުތައް މެދުކަނޑާލުމަށްފަހު އަލުން ފެށުމަށް ނިންމައިފިއެވެ.
ބަންގްލަދޭޝްގައި ކޯވިޑް-19 ފެތުރުން އިތުރުވުމާއެކު އެޤައުމަށް ބައިނަލްއަޤްވާމީ ފްލައިޓްތައް އެތެރެވުމާއި ބޭރުވުން އެ ޤައުމުގެ ސަރުކާރުން މަނާކުރުމާއިއެކު މޯލްޑިވިއަނުން ޑާކާއަށް ކުރަމުން އައި ދަތުރުތައް ވަގުތީގޮތުން ވަނީ މެދުކަނޑާލާފައެވެ.
މޯލްޑިވިއަނުން އޭރު ވަނީ އޭޕްރީލްމަހުގެ 28 ވަނަ ދުވަހާއި ހަމައަށް ޑާކާއަށް ކުރަން ހަމަޖެހިފައިވާ ހުރިހާ ދަތުރުތަކެއް ކެންސަލްކޮށްފައެވެ.
މޯލްޑިވިއަންއިން ބުނީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން އެ އެއަރލައިނުން ޑާކާއަށް ކުރަމުންއައި ދަތުރުތައް އަލުން ފަށާނެކަމަށެވެ. ދަތުރުތައް އަލުން ފަށާއިރު ހަފްތާއަކު 3 ދަތުރު ޑާކާއަށް ކުރާނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.
ކޯވިޑް-19އަށްފަހު މޯލްޑިވިއަންއިން ކުރަމުން އައި ބައިނަލްއަޤްވާމީ ދަތުރުތައް އެންމެ ފުރަތަމަ ފެށި އެއް މަންޒިލްގެ ތެރޭގައި ބަނގްލަދޭޝްގެ ޑާކާ ހިމެނެއެވެ. މޯލްޑިވިއަންއިން ޑާކާއަށް އަލުން ދަތުރުތައް ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ފަހުން ވަނީ ޑާކާއަށް ކުރާ ދަތުރުތައް ހަފްތާއަކު 4 ދަތުރަށް އިތުރުވެސް ކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް މޯލްޑިވިއަނުން ވަނީ ބައިނަލްއަޤްވާމީ 290 ދަތުރުކޮށްފައެވެ. އަދި މި ދަތުރުތަކުގައި 9769 ފަސިންޖަރުން ވަނީ އުފުލާފައެވެ.