ޚަބަރު

މަތިވެރި ކްލަސްޓަރ: އިތުރު 24 މީހުން ޕޮޒިޓިވްވެ ޖުމްލަ 200 މައްޗަށް


އަރިއަތޮޅު އުތުރުބުރީ މަތިވެރިން އިތުރު 24 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ ޢަދަދު 200އިން މައްޗަށް އަރައިފިއެވެ.

މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރިފައިވާތީ މޮނިޓަރިންގެ ޙާލަތަށް ގެނެސް ރަށަށް އަރާ ފޭބުން މަނާކޮށްފައިވާ މަތިވެރީ ސިއްޙީ މަރުކަޒުން ހާމަކުރައްވާފައިވާގޮތުން ބަލި ދެނެގަތުމަށާއި ޢަލާމާތްތައް ހުރެގެން ނެގި ސާމްޕަލްގެ ތެރެއިން މިހާތަނަށް 210 މީހަކު ޕޮޒިޓިވް ވެފައިވާކަމަށެވެ.

އެރަށުން މިއަދު ވަނީ އަލަށް 24 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި މިހާތަނަށް އެރަށުން ނެގުނު ސާމްޕަލްތަކުގެ ތެރެއިން 53 ސާމްޕަލެއްގެ ނަތީޖާ ނުލިވާކަމަށް މަތިވެރީ ޞިއްޚި މަރުކަޒުން މައުލޫމާތުދެއެވެ.

މަތިވެރިން ކޯވިޑް-19އަށް ބަޔަކު ފުރަތަމަ ޕޮޒިޓިވްވީ ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރުމުންކަމަށާއި، ރޯގާގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް އެރަށު ސިއްޙީ މަރުކަޒުން މައުލޫމާތުދެއެވެ. މަތިވެރީގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާއިރު، މިހާތަނަށް ޕޮޒިޓިވްވި ކޭސްތަކާއި ގުޅިގެން ރަށުގެ އެތައް ގެއެއްވަނީ ކަރަންޓީންކޮށްފައެވެ.

މަތިވެރި މޮނިޓަރިންގެ ޙާލަތަށް ގެނެސް ރަށަށް އަރާ ފޭބުން މަނާކޮށްފައިވާއިރު، އެ ރަށުގައި މިހާރުވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ކޮންމެހެން ނިކުންނަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ބޭރަށް ނިކުމެ އުޅުންވަނީ މަނާކޮށްފައެވެ.