ވިޔަފާރި

ށ. ނަރުދޫ ދަނޑުތައްވެސް އޮތީ ރޯދައަށް ތައްޔާރުވެފައި


ރާއްޖޭގެ ގިނަ ރަށްރަށަކީ މިހާރު ކޮންމެވެސް މިންވަރަކަށް ދަނޑުވެރިކަން ކުރަމުންއަންނަ ރަށްރަށެވެ. އެގޮތުން ށ. ނަރުދޫ އަކީވެސް ދަނޑުވެރިކަމުގައި ފާހަގަކޮށްލެވޭ ރަށެކެވެ. ރަމަޟާންމަހާއި ދިމާކޮށް ކޮންމެ އަހަރަކުވެސް ށ. ނަރުދޫއިން އަންނަނީ ދަނޑުވެރިކަމުގެ ގިނަ ބާވަތްތައް ހައްދައި ބާޒާރަށް ނެރެމުންނެވެ.

ނަރުދޫގައި ދާއިމީކޮށް ފަތްކެޔޮ ދަނޑުތައް ހައްދައެވެ. މިއީ ޒަމާނުއްސުރެ ކޮންމެ ގޭބީސީއަކަށް ދަނޑެއްދީ ،ދާއިމީކޮށް އެރަށުގައި ކުރަމުން އަންނަ ދަނޑުވެރިކަމެކެވެ. ކޮންމެ ހަފްތާއަކުވެސް އެރަށުން ގިނަ އަދަދެއްގެ ފަތްކެޔޮ މާލެއާއި އަދި ރިސޯޓްތަކަށް ފޮނުވައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ށ. ނަރުދޫ ކައުންސިލް އިދާރާގެ އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ ހަސަން ރަޝީދު ވިދާޅުވީ، ކޮންމެ އަހަރެއްގެ ރަމަޟާންމަހާއި ދިމާކޮށް މީހުން ދިރިއުޅޭ ގޭބީސީތަކަށް ދަނޑުތައް ދޫކުރަމުން އަންނަކަމަށެވެ. އެގޮތުން މިހާރުވެސް ކޮންމެ ގޭބީސީއަކަށް ދަނޑެއްގެ ރޭޓުން 65 ދަނޑު ދޫކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ރަޝީދު ވިދާޅުވީ، މިހާރުވެސް މި ދަނޑުތަކުގައި ގިނަ ބާވަތްތަކެއް ހައްދާފައިވާކަމަށެވެ. ދަނޑެއްގެ ބޮޑުމިނުގައި އިންނަނީ ގާތްގަނޑަކަށް 2000 ވަރަކަށް އަކަފޫޓެވެ. ނަރުދޫ ދަނޑުވެރިން ހައްދާ ތަކެތި މާލެއާއި ކައިރި ރަށްރަށުގެ އިތުރުން ރިސޯޓްތަކަށްވެސް ސަޕްލައިކުރާކަމަށް ހަސަން ރަޝީދު ވިދާޅުވިއެވެ.

"މާލެވެސް ގެންދާނެ. ދެން ކައިރި ރަށްރަށައްވެސް ވިއްކާނެ. ރިސޯޓް ސަޕްލައި ކުރާމީހުންވެސް ގަންނާނެ. އެ 3 ގޮތައްވެސް ބޭރުކުރާނެ. އެންމެ ގިނައިން ހައްދަނީ ކަރާ ކިޔުކަންބާ. ދެން ބަޓާނާ ބަރަބޯ މިއީ އެންމެ ގިނައިން ދަނޑުތަކުގައި ހައްދާ އެއްޗެއްސަކީ. ދެން އޭގެ އިތުރުން ތޮރާ ޗިޗަންޑާ، މިރުސް، މެލަން، ކެކުރި މިއެއްޗެހިވެސް ހައްދާ." ހަސަން ރަޝީދު ވިދާޅުވިއެވެ.

ނަރުދޫގައި ގާތްގަނޑަކަށް 250 އެއްހައި ދަނޑުވެރިން އުޅެއެވެ. އެގްރޯނެޓުން ކުރިއަށްގެންދާ ކޮންޓްރެކްޓް ފާމިންގ މަޝްރޫއުގައިވެސް މިރަށުގެ 12 ދަނޑުވެރިއަކު މިހާރު ވަނީ ސޮއިކޮށްފައެވެ. އަދި އިތުރު ދަނޑުވެރިންނާއިއެކު ސޮއިކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. ހަސަން ރަޝީދު ވިދާޅުވީ، އެގްރޯނެޓާއި ގުޅުނީމަ ދަނޑުވެރިން ހައްދާ ތަކެތި ގަންނާނެކަމުގެ ޔަޤީންކަން ދަނޑުވެރިންނަށް ލިބިގެންދާކަމަށެވެ.

"އެގްރޯނެޓުން އެގަންނަ ބާވަތްތައް އެ ގަންނަ ރޭޓުގައި ގަންނާނެކަމުގެ ޔަޤީންކަން އިނދޭ. ދަނޑުހައްދަން ބޭނުންވާ މުޑުވަކާއި ގަސްކާނާގެ ބާވަތްތައްވެސް އެގްރޯނެޓުން ފޯރުކޮށްދޭގޮތައް އޮންނަނީ ލުއި އަގެއްގައި. ދިގުމުއްދަތަކަށް ފައިސާ ދައްކާގޮތައްވިއަސް ނޫނީ ވަގުތުން ފައިސާ ދައްކާގޮތައް ވިއަސް. ރަށުގައި ތަކެތި ލިބެން ނުހުންނާތީ ދަނޑުވެރިންނަށް ވަރަށް ބޮޑު ދައްޗެއް. ކުރަންޖެހޭ ހަރަދު ވަރަށް ބޮޑުވޭ. އެކަމަކު އެގްރޯނެޓުން މިގޮތައް މިކަން ކުރާކަމަށްވެއްޖިއްޔާ ދަނޑުވެރިންނަށް ކުރަންޖެހޭ ހަރަދު ކުޑަވީމަ ލިބޭ ނަފާވެސް ބޮޑުވާނެ." ހަސަން ރަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގައި މިހާރު ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ދަނޑުވެރިކަމުގެ ސިނާއަތު މުޅި ރާއްޖޭގައި ފުޅާކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން އަންނަ މަސައްކަތެކެވެ.

އޖއ

ސާބަހޭ ނަރުދޫ ރައްޔިތުން