ދިވެހި ބަހަށް އަހުލުވެރިކުރުވުމަށްޓަކައި "އިއްވިލިޔަނި" އާއި "ލިޔަނިއިއްވި"ގެ ނަމުން ދެ އެޕްލިކޭޝަނެއް ދިވެހިބަހުގެ އެކަޑަމީން އިއްޔެ ތަޢާރަފްކޮށްފިއެވެ. 
ބަހުގެ އެކަޑަމީން ތަޢާރަފްކުރި މިދެ އެޕްލިކޭޝަނާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ ދިވެހިބަހުގެ ކުރިމަގަށާއި އަންނާން އޮތް ޖީލަށް ދިވެހިބަހުގެ އަސްލާއި ހަމަތައް ހިފެހެއްޓުމުގައި މި ދެ އެޕްލިކޭޝަންގެ ދައުރު ވަރަށް ބޮޑުކަމަށެވެ. އަޝްރަފް ވިދާޅުވީ އެކަޑެމީގެ އެހީތެރިކަމާއިއެކު މިދެ އެޕްލިކޭޝަން ފަރުމާކުރީ  އަޙްމަދު މަހުފޫޒުގެ މޭސްތިރިކަމުގެ ދަށުން ހިންގާ "ކަމަނަ" ނަމަކަށް ކިޔާ ޖަމާޢަތެއްގެ ޒުވާން ކުދިންތަކެއްކަމަށެވެ. މި އެޕްލިކޭޝަންވެސް ތައްޔާރުކޮށްފައިވަނީ ލިއެފަ ހުންނަ ލިއުން އޯޑިއޯއަށް ބަދަލުކުރުން ނުވަތަ ސްޕީޗް ޓެކްސްޓު އަދި އޯޑިއޯ ލިއުމަށް ބަދަލުކުރުން ނުވަތަ ޓެކްސްޓު ސްޕީޗް ޕްރޮގްރާމެއްގެ ގޮތުގައި އާއްމުންނަށް ބޭނުންކުރެވޭވަރަށް ކަމަށްވެސް ދިވެހިބަހުގެ އެކަޑަމީގެ ރައީސް ވިދާޅުވިއެވެ. މި ދެ އެޕްލިކޭޝަނުން ކުރާ ބޭނުންވެސް %95 ފުރިހަމަ ވާނެ ކަމަށް ދިވެހިބަހުގެ އެކަޑަމީން ވިދާޅުވެއެވެ. 
"އެންމެ ފާހަގަކޮށްލެވޭ ދެ އުފެއްދުމަކީ އިއްވިލިޔަނީގެ ނަމުން އަޅުގަނޑުމެން ވުޖޫދުކުރި އެޕް އަކާއި ލިޔަނިއިއްވީގެ ނަމުން ވުޖޫދުކުރި އެޕްއެއް. މިއީ ހަގީގަތުގައި މަސްނުވި ވިސްނުމަށް ނުވަތަ އާޓިފިޝިއަލް އިންޓެލިޖެންސްގެ މި ދާއިރާގެ ތެރެއަށް ދިވެހިބަސް އަހުލުވެރިކުރުމަށް ކުރެވޭ މަސައްކަތައް ބޮޅެއް މިގެތުނީ" އަޝްރަފް ޢަލީ ވިދާޅުވިއެވެ. 
މި އެޕްލިކޭޝަންގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އަޑުއިވުމުގެ ހިއްސުން މަހުރޫމްވެފައިވާ މީހުންނަށާއި ވާހަކަދެއްކުމުން މަހުރޫމްވެފައިވާ މީހުންނަށެވެ.