ވިޔަފާރި

ބީއެމްއެލްއިން ގއ.އަތޮޅު މަދަރުސާގައި ސާފު ބޯފެން ލިބޭނެ އިންތިޒާމް ހަމަޖައްސައިފި


ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ގއ. ކޮލަމާފުށީގައި ހުންނަ ގއ އަތޮޅު މަދަރުސާގައި ސާފު ބޯފެން ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މި ޕްރޮޖެކްޓްގެ އަމާޒަކީ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ބުއިމަށް ރައްކާތެރި ފެން ފޯރުކޮށްދިނުމާއި އެއްފަހަރާ ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުންކަމަށް ބީއެމްއެލްއިން ބުނެއެވެ. އެގޮތުން، އާރު.އޯ 2 މެޝިން ބަހައްޓައި އެމެޝިނުން އުފައްދާ ފެން ރައްކާކުރެވި ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ފަސޭހައިން ފެން ލިބޭނެހެން ސްކޫލުގައި ވަނީ 3 ވޯޓަރ ޑިސްޕެންސަރވެސް ބަހައްޓާފައެވެ.

ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ކޮލަމާ ޖަމިއްޔާގެ ފަރާތުންނެވެ. އެ ޖަމިއްޔާގެ ފަރާތުން ވާހަކަދައްކަވަމުން ޝާމާ ތައްޚާން ވިދާޅުވީ މި ޕްރޮޖެކްޓްގެ ސަބަބުން އެރަށު ސްކޫލުގައި ކިޔަވަމުންދާ 114 ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން ސްކޫލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ރައްކާތެރި ބޯފެން ފަސޭހަކަމާއެކީ ލިބޭނެކަމަށެވެ. ސްކޫލުގައި މިހާރު ބޭނުންކުރާ ފެނަކީ ޑީސެލިނޭޝަން ފެން ކަމުން މިފެނުގެ ރައްކާތެރި ކަމާމެދު ރައްޔިތުންގެ ހިތުގައި ޔަގީންކަން ނޯންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ކޮލަމާ ޖަމިއްޔާގެ ފަރާތުން ވަނީ ކޮންމެ ދަރިވަރަކަށާއި މުވައްޒަފަކަށް ރިޔޫސަބަލް ފުޅިއެއް ހަދިޔާކޮށްފައެވެ. އަދި މިއީ ދެމެހެއްޓެނެވި ކާމިޔާބު ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިޔަށް ގެންދިއުމަށް މަގުފަހި ކުރުމަށްޓަކައި ކޮލަމާ ޖަމިއްޔާގެ ފަރާތުން ވަނީ ބެހެއްޓިފައިވާ ޕްލާންޓާއި ފިލްޓަރ އަދި ޑިސްޕެންސަރުތަކަށް ބޭނުންވާނެ މެއިންޓެނަންސްއަށް ކުރަންޖެހޭ މަސައްކަތާ ހަވާލުވެފައެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.