ދީން

އިސްލާމްދީން ފެތުރުމުގައި ލޯތްބާއި ކުލުނާއި އެކު މުއާމަލާތްކުރުން


އިސްލާމް ދީން ފެތުރުމުގައި އެންމެ ބޮޑަށް އިސްކަންދޭންޖެހިފައިވަނީ
މުއާމަލާތް ކުރުމުގައި، ލޯބްތާއި ، ކުލުނާއި އެކު މުޢާމަލާތް ކުރުމަށް ކަމަށް ދުނިޔޭގެ މަޝްހޫރު
އިސްލާމީ ފިލޯސަފަރެއްކަމަށްވާ ޕްރޮފެސަރ ޡާރިޤު ރަމަޟާން ވިދާޅުވެއްޖެއެވެ.



އިސްލާމިކް މިނިސްޓްރީން ކުރިއަށް ދަ މެސެޖް ސިލްސިލާ ޕްރޮގްރާމްގައި ރޭ
ވާހަކަފުޅު ދައްކަވަމުން ތާރިގް ރަމަޟާން ވިދާޅުވީ ލޯތްބާއި ކުލުނާއެކު މީހުންނާއި
މުޚާތަބުކުރަންޖެހޭއިރު މިއަދު އިސްލާމުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު
އެއްމައްސަލައަކީ އެހެންގޮތަކަށް ވިސްނުން ބައްޓަންކުރުންކަމަށެވެ.



ސުވިޒަލޭންޑަށް ނިސްބަތްވެވަޑައިގަންނަވާ އިސްލާމީ މަޝްހޫރު ފިލޯސަފަރ ޕްރޮފެސަރ
ތާރިގް ރަމަޟާންގެ ދަރުސް ޚާއްސަކުރެއްވީ މުސްލިމުން ނޫން މީހުންނާއި
މުޚާތަބުކުރުމުގައިވެސް "ހިތުގެ ލޯތްބާ އެކު" މުއާމަލާތުކުރުމުގެ
މައްޗަށެވެ. އިސްލާމްދީނަކީ ރަޙުމްކުރުމާއި މަޢާފް ކުރުމުގެ ދީން ކަން
ފާހަގަކުރައްވަމުން ތާރިގް ރަމަޟާން ވިދާޅުވީ ބައެއް މީހުންގެ ނަޒަރުގައި އިސްލާމް
ދީނަކީ މީސްތަކުންނަށް އަދަބުދޭ ދީނެއްކަމަށެވެ.



މިފަދަ ތަސައްވުރެއް އުފެދިގެން އަންނަނީވެސް މުސްލިމުންނަށް މިއަދުގެ
ދުނިޔޭގައި ކަންކަން ކުރެވެމުންދާ ގޮތްތަކެއްގެ ސަބަބުންކަމަށް ވިދާޅުވިއެވެ.



އިސްލާމް ދީން ފަތުރަންޖެހެނީ އަދަބު ދީގެން ނޫންކަމަށާއި ، ރީތި ގޮތްދައްކާ
ނަމޫނާ ދައްކައިގެން ކަމަށާއި އެއީ އިސްލާމްދީން ގޮވާލާ ގޮވާލުންކަމަށް
ތާރިގްރަމަޟާން ވިދާޅުވިއެވެ.



އަދަބު ކަނޑައެޅުމުގައިވެސް އިސްލާމްދީނުގައިވާ ފުރިހަމަ އަދި އެފަދަ
ދެވަނައެއް ނުވާ ނިޒާމުގެ މައްޗަށްވެސް އޭނާ އަލިއަޅުއްވާލެއްވިއެވެ. އަދި
މީހެއްގެ މައްޗަށް ކުށެއް ސާބިތުވެއްޖައުމަށްދާންދެން އެމީހަކީ މައުސޫމު
މީހެއްކަމަށް އިސްލާމްދީނުގައި ބަޔާންކޮށްފައިވާއިރު މިއަދުގެ ދުނިޔޭގައި ކަންކަން
ހިގަމުންދާގޮތުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. ސޯޝަލްމީޑިއާ
ބޭނުންކުރުމުގައިވެސް އެހެޔޮއެއްޗެއް ނޫން އެއްޗެއް ހާމަނުކުރުމަށާއި މުސްލިމުންގެ
ގޮތަކީ މީހުންގެ އިއްޒަތާއި ކަރާމަތާއި ޝަރަފް ދެމެހެއްޓުންކަމަށް ވިދާޅުވިއެވެ.

ސްވިޒަލޭންޑްގެ ޔުނިވާސިޓީ އޮފް
ޖެނީވާއިން އިސްލާމިކް ސްޓަޑީސްގެ ދާއިރާއިން ޕީއެޗްޑީ އަދި ފިލޯސޮފީގެ ދާއިރާއިން
މާސްޓާސް ހައްދަވާފައިވާ ޕްރޮފެސަރު ޡާރިޤަކީ ޔޫރަޕިއަން ޔޫނިއަން އަށް ދީނީ ކަންކަމުގައި
ލަފާ ދެއްވާ ބޭފުޅެކެވެ. އޭނާ އަށް ރޭގެ ޖަލްސާގައި ވަނީ ޚާއްޞަ ހަނދާނީ ފިލައެއް
އަރުއްވާފައެވެ. މި ފިލާ އެރުއްވީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބުދުލް
ޤައްޔޫމްއެވެ.