ވިޔަފާރި

އިންކަމް ޓެކްސް ބަޔާން ހުށައެޅުމަށް އަންނަ މަހުގެ ނިޔަލަށް މީރާއިން އެހީތެރިކަން ފޯރުކޮށްދޭނެ


މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށައަޅަންޖެހޭ ކުދި ފަންތީގެ ވިޔަފާރިތަކަށް މީރާއިން އަންނަ މަހުގެ ނިޔަލަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެ އިދާރާއިން ބުނެފިއެވެ.

ފާއިތުވި އަހަރުތަކުގައިވެސް ބީޕީޓީ ބަޔާން ހުށައެޅުމުގައި މީރާއިން ވަނީ ކުދި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މީރާގެ އެސިސްޓަންޓް ކޮމިޝަނަރ ޖެނެރަލް، ރެވެނިއު ސަރވިސް އަޙްމަދު ޝަރީފް ވިދާޅުވީ، އިންކަމް ޓެކްސް ބަޔާން ހުށައަޅަންޖެހޭ ފަރާތްތަކަށް އެހީވުމަށް ކެމްޕޭނެއް ފަށާފައިވާ ކަމަށާއި، މީގެ ބޭނުމަކީ އާމްދަނީން ޓެކްސް ނެގުމުގެ ބަޔާން ތައްޔާރުކޮށްދިނުމާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންނަމަ އެ އެހީތެރިކަން ދިނުންކަމަށެވެ.

"މި ކެމްޕެއިންގެ އެއް ބޭނުމަކީ ޓެކްސް ދައްކާ ފަރާތްތަކުން ދައްކަންޖެހޭ އާމްދަނީން ޓެކްސް ނެގުމުގެ ބަޔާން ތައްޔާރުކޮށްދިނުމާއި ހަމައެއާއިއެކު މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންނަމަ އެ އެހީތެރިކަން ދިނުން. އެހެންވީމަ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ހުށައަޅާ ބަޔާން އަދި ފުރަތަމަ ފަހަރަށް މި ހުށައެޅިގެން ދަނީ. 2020 ވަނަ އަހަރުގެ ބަޔާނަކީ ޤާނޫނުގެ ދަށުން ހުށައަޅާ ފުރަތަމަ ބަޔާން. ކުރިން ހުށައަޅާ ބީޕީޓީ ބަޔާނާއި ކޮންމެވެސް ވަރެއްގެ ތަފާތެއްވެސް ހުންނާނެ. އެހެންވީމަ މި ކެންޕެއިންގެ ދަށުން ކުދި ވިޔަފާރިތަކަށް އެހީތެރިކަން ދޭނަން ބަޔާން ފުރުމުގައިވެސް އަދި މާލީ ހިސާބުތައް ފުރުމުގައިވެސް." ޝަރީފް ވިދާޅުވިއެވެ.

2020 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށައަޅަންޖެހެނީ ޖޫން 30 ގެ ކުރިންނެވެ. ކުދި ވިޔަފާރިތަކަށް ޓެކްސް ބަޔާން ހުށައެޅުމަށް މީރާއިން އެހީތެރިކަން ފޯރުކޮށްދެނީ މާރޗް އެޕްރީލް އަދި މޭމަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ފޯރުކޮށްދެނީ އަހަރެއްގެ މައްޗަށް 10 މިލިއަން ރުފިޔާގެ އާމްދަނީ ލިބޭ ކުދި ވިޔަފާރިތަކަށެވެ.

މީރާއިން ވިދާޅުވީ، އެ އިދާރާގެ އޮފީސްތައް ރާއްޖޭގެ 17 އަތޮޅެއްގައި މިހާރު ޤާއިމްކޮށްފައިވާކަމަށެވެ. މާލޭގެ އިތުރުން އަތޮޅުތަކުގައި އުޅޭ ޓެކްސް ދައްކާ ފަރާތްތަކަށްވެސް ޓެކްސް ދެއްކުމަށް މީރާއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި އޮންލައިންކޮށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށްވެސް މީރާއިން މިހާރު އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.