ޔޫރަޕްގެ ފިނި މޫސުމާއި ދިމާކޮށް އޮސްޓްރިއަން އެއަރލައިނުން ރާއްޖެއަށްކުރާ ދަތުރުތައް އިތުރުކުރުމަށް އެ އެއަރލައިނުން ނިންމައިފިއެވެ.
އޮސްޓްރިއަން އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ މިދިޔަ އޮކްޓޯބަރުމަހުގެ 25 ވަނަ ދުވަހުއެވެ. އޮސްޓްރިއަން އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ކުރަނީ އޮސްޓްރިއާގެ ވިއެނާއާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ދެމެދުއެވެ. އެ އެއަރލައިނުން މިހާރު އަންނަނީ ހަފްތާއަކު ދެ ދަތުރު ރާއްޖެއަށް ކުރަމުންނެވެ.
އޮސްޓްރިއަން އެއަރލައިނުން ބުނީ ޔޫރަޕްގެ ފިނި މޫސުމާއި ދިމާކޮށް އެ އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރާނެކަމަށެވެ. އެގޮތުން މިހާރު ހަފްތާއަކު 2 ދަތުރުކުރާއިރު ފިނިމޫސުމާއި ދިމާކޮށް ހަފްތާއަކު 3 ދަތުރަށް އިތުރުކުރާނެކަމަށް އެ އެއަރލައިނުން ބުނެއެވެ.
އަހަރުގެ ފަހުކޮޅު ނުވަތަ ފިނި މޫސުމާއި ދިމާކޮށް ދުނިޔޭގެ އެހެން ބައެއް މަންޒިލްތަކަށްވެސް އޮސްޓްރިއަން އެއަރލައިނުން ދަނީ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ. ރާއްޖެއަށް ދަތުރުކުރާ ގިނަ އެއަރލައިންތަކަކުން ފިނި މޫސުމާއި ދިމާކޮށް ރާއްޖެއަށްކުރާ ދަތުރުތައް އަބަދުވެސް އިތުރުކުރެއެވެ.
ކޯވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު މިހާރު ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން އަންނަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެއަށް 30 އަށްވުރެ ގިނަ އެއަރލައިނުން އަންނަނީ ދަތުރުކުރަމުންނެވެ. މީގެތެރޭގައި ޝެޑިއުލް ފްލައިޓްތަކާއި ޗާޓަރ ފްލައިޓްތައްވެސް ހިމެނެއެވެ.