ވިޔަފާރި

ރާއްޖެ އެތެރެކުރާ މުދަލުގެ ނިސްބަތް ދަނީ އިތުރުވަމުން: އެމްޕީއެލް


ރާއްޖެ އަންނަ މުދަލުގެ އަދަދު ނިސްބަތްވާ މިހާރު އިތުރުވަމުން އަންނަކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، ކޯވިޑް19އާ ގުޅިގެން 2020 ވަނަ އަހަރު ޕޯޓްސްގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައިކަމަށެވެ.

އިޤްތިޞާދުތަކަށް އައި ހީނަރުކަމާއި ގުޅިގެން ރާއްޖެއަށް އެތެރެކުރެވުނު މުދަލުގެ އަދަދުވެސް މިދިޔަ އަހަރު ވަރަށް ބޮޑުތަނުން ދަށްވެގެންދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން 2019 ވަނަ އަހަރާއި އަޅާބަލާއިރު މިދިޔަ އަހަރު ރާއްޖެ ގެނައި މުދަލުގެ އަދަދު %60 ދަށްވެފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިދިޔަ އަހަރު ރާއްޖެ ގެނައި މުދަލުގެ އަދަދު ދަށްވިނަމަވެސް މިހާރު ރާއްޖެ ގެންނަ މުދަލުގެ އަދަދު އިތުރުވަމުން އަންނަކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ލޮކްޑައުންގެ ކުރި ދުވަސްވަރާއި އަޅާބަލާއިރު ރާއްޖެ ގެންނަ މުދަލުގެ އަދަދު %80 އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"2021 ވަނަ އަހަރު ފެށުމާއި ގުޅިގެން ޖަނަވަރީ ފެބްރުއަރީ މަހުން ފެށިގެން މަޑުމަޑުން މުދަލުގެ އަދަދު މިއަންނަނީ އިތުރުވަމުން. ފެބްރުއަރީ މާރޗް މަހަށް ބަލާއިރު ލޮކްޑައުންގެ ކުރީގެ އަދަދުތަކާއި އަޅާބަލާއިރު ގާތްގަނޑަކަށް 80 ނުވަތަ 75 އިންސައްތަ މިހުރީ މުދާ އައުން އިތުރުވެފައި. ރޯދަމަހާއިވެސް ވަރަށް ކައިރިވެފަ ހުރި ދުވަސްކޮޅަކަށްވާތީ އާންމު ވިޔަފާރިވެރިންވެސް އަދި ބާޒާރަށް ބޭނުންވާ ކާބޯތަކެތި އެބައާދޭ. މިވަގުތު އެންމެ ގިނައިން އެތެރެކުރެވޭ މުދަލަކީ ހަމަ ކާބޯތަކެތީގެ ބާވަތްތައް" ޝާހިދު އަލީ ވިދާޅުވިއެވެ.

މިހާރު ރާއްޖެ އަންނަ މުދަލުގެ ބޮޑުބަޔަކީ ކެއިންބުއިމަށް ބޭނުންކުރާ ބާވަތްތަކެވެ. މިދިޔަ އަހަރުގެ ޕޯޓްސްގެ މަސައްކަތްތައް މަޑުޖެހުމާއި ގުޅިގެން ހުކުރު ދުވަސް ވަނީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައެވެ. ނަމަވެސް މިހާރު ޕޯޓްސްގެ މަސައްކަތްތައް ބާރުބޮޑުވެ ހުކުރު ދުވަހުވެސް މަސައްކަތްކުރަމުން އަންނަކަމަށް އެމްޕީއެލްއިން ބުނެއެވެ. މީގެ މައިގަނޑު ސަބަބަކީ ކާބޯތަކެތި ހަލާކުނުވެ އަވަސްކަމާއިއެކު ނެރެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ.