ވިޔަފާރި

ރަމަޟާންމަހު މިފްކޯގެ އުފެއްދުންތައް ހުސްނުވެ ލިބޭނެ


މި ރަމަޟާންމަހުވެސް މިފްކޯގެ އުފެއްދުންތައް ހުސްނުވެ ލިބޭނެކަމުގެ ޔަޤީންކަން އެ ކުންފުނިން ދީފިއެވެ.

މިފްކޯއިން މިހެން ބުނެފައި މިވަނީ ފެލިވަރު ސައިޓްގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ކޯވިޑް19އަށް ޕޮޒިޓިވްވުމާއި ގުޅިގެން ފެލިވަރުގައި ކުރިއަށްގެންދާ މިފްކޯގެ ކޭނިންގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައެވެ.

މިފްކޯގެ އުފެއްދުންތަކަކީ ދިވެހިންގެ މެދުގައި މަޤްބޫލު އުފެއްދުންތަކެކެވެ. މަހުގެ ތަފާތު އެކި އުފެއްދުންތައް މިފްކޯއިން އަންނަނީ ފޯރުކޮށްދެމުންނެވެ. މިފްކޯގެ އުފެއްދުންތަކަކީ ޑިމާންޑް ބޮޑު އުފެއްދުންތަކެކެވެ. ޚާއްސަކޮށް ރަމަޟާންމަހާއި ދިމާކޮށް މިފްކޯގެ އުފެއްދުންތަކަށް އޮންނަ ޑިމާންޑް ކޮންމެ އަހަރަކުވެސް އިތުރެވެ.

ރަމަޟާންމަސް އަންނަން މިހާރު ވަނީ ކުޑަ ދުވަސްކޮޅަކަށް ވެފައެވެ. ފެލިވަރުގައި މަސައްކަތްކުރާ މިފްކޯގެ ބައެއް މުވައްޒަފުން ކޯވިޑަށް ޕޮޒިޓިވްވެ ފެލިވަރުގެ ބައެއް މަސައްކަތްތައް ވަގުތީގޮތުން ހުއްޓިފައިވީނަމަވެސް ރަމަޟާންމަހުގެ މިފްކޯގެ އުފެއްދުންތައް ލިބުމުގައި ދަތިކަމެއް ނާންނާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، މިފްކޯގެ އުފެއްދުންރައް ރޯދަމަހަށް މާލޭގެ ފިހާރަތަކާއި އަތޮޅުތަކަށް ބޭނުންވާވަރަށް އެބަހުރިކަމަށާއި އެ ޔަޤީންކަން މިފްކޯއިން ކަސްޓަމަރުންނަށް ދޭކަމަށެވެ.

"މިދިޔަ އަހަރުވެސް ރޯދަމަހު ވަރަށް ރަނގަޅަށް ތައްޔާރުވެފަ އޮތީ. މިއަހަރުވެސް މިހިސާބަށް އާދެވުނުއިރު ލޯކަލް ޕްރޮޑަކްޓްސް ހަމަ ރޯދަމަހަށް މާލޭގެ ފިހާރަތަކާއި އަތޮޅުތަކަށް ބޭނުންވާވަރަށް މެނޭޖްކޮށްގެން ޕްރޮޑަކްޝަން މެނޭޖްކުރަމުން އައީ. ކޯވިޑާއި ގުޅިގެން ފެލިވަރުގައި ދިމާވި ހާލަތު އަޅުގަނޑުމެން މެނޭޖްކުރަމުން މިދަނީ. ޕޮޒިޓިވް މުވައްޒަފުން ކަރަންޓީނަށް ލާފައި ޕްރޮޑަކްޝަން ކުރިއަށްގެންދެވޭނެ ގޮތެއް މިހޯދަނީ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ރޯދަމަހަށް ބޭނުންވާވަރަށް އަޅުގަނޑުމެންގެ ޕްރޮޑަކްޝަން އެބަހުރި." އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.

މިފްކޯއިން ބުނީ ރާއްޖޭގައި ކޯވިޑް19ގެ ކޭސްތައް ފެނުނު ހިސާބުން މިފަދަ ހާލަތެއް ދިމާވެދާނެކަމަށް އެ ކުންފުނިން ވަނީ ފުރިހަމައަށް ތައްޔާރުވެފައިކަމަށެވެ. މިފަދަ ހާލަތެއް ދިމާވެއްޖެނަމަ މިފްކޯގެ އުފެއްދުންތައްވެސް ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އިތުރު ސްޓޮކްތައްވެސް ތައްޔާރުކޮށް ގެންގުޅޭތާ އަހަރަކަށްވުރެ ގިނަދުވަސް ވެފައިވާކަމަށް މިފްކޯއިން ބުނެއެވެ.

ފެލިވަރުގައި ކޯވިޑްގެ ކޭސްތަކެއް ފެނިފައިވީނަމަވެސް މިފްކޯއިން މަސްވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ނުހުއްޓި ކުރިއެކޭވެސް އެއްގޮތަށް ދަނީ ފޯރުކޮށްދެމުންނެވެ.