ވިޔަފާރި

ބޭންކް އޮފް ސިލޯނުގައި ހުރި ބޭނުންނުކުރާ 190 އަށްވުރެ ގިނަ އެކައުންޓް އުވާލަނީ


ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި ހުރި އެއްވެސް މުއާމަލާތެއް ނުކުރާތާ ގިނަ ދުވަސްވެފައިވާ 190 އަށްވުރެ ގިނަ އެކައުންޓް އުވާލަން އެ ބޭންކުން އިޢުލާންކޮށްފިއެވެ.

ދިވެހިރާއްޖޭގެ ބޭންކިންގއާއިބެހޭ ޤާނޫނު ބުނާގޮތުން އެކައުންޓަކުން އެއްވެސް މުއާމަލާތެއް ނުކުރާތާ ނުވަތަ ބޭންކަށް ލިޔުމަކުން އެއްވެސް އެއްޗެއް އަންގާފައިނުވާތާ 5 އަހަރުދުވަސް ވެފައިވާ އެކައުންޓަކީ ޑޯމަންޓް އެކައުންޓެއްގެ ގޮތުގައި ބަލާ އެކައުންޓްތަކެވެ.

ބޭންކް އޮފް ސިލޯނުން ބުނީ އެ ބޭންކުގައި އެއްވެސް މުއާމަލާތެއް ނުކުރާތާ 5 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 193 އެކައުންޓް އެބަހުރި ކަމަށެވެ. ބޭންކް އޮފް ސިލޯނުން ވަނީ އެ ބޭންކުގައި ހުރި ޑޯމަންޓް އެކައުންޓްތަކުގެ ވެރިފަރާތާއި އެމީހުންގެ އެޑްރެސް ޤެޒެޓްގައި އާންމުކޮށްފައެވެ.

އެ ބޭންކުން ބުނީ ޑޯމަންޓް އެކައުންޓެއް ހުރިނަމަ މޭމަހުގެ 31 ވަނަ ދުވަހުގެ ކުރިން ބޭންކަށް ދީފައިވާ މައުލޫމަތު އަޕްޓޭޑް ކުރުމަށްފަހު އެކައުންޓުން ފައިސާގެ މުއާމަލާތެއް ހިންގުމަށް އެދޭކަމަށެވެ. މި މުއްދަތު ހަމަވާއިރު އެއްވެސް މައުލޫމާތެއް ބޭންކަށް އަންގާފައިނުވާނަމަ އެފަދަ އެކައުންޓްތައް ބަންދުކޮށް ބޭންކިންގ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކައުންޓްތަކުގައި ހުރި ފައިސާ އެމްއެމްއެމްއާއި ހަވާލުކުރާނެކަމަށްވެސް ބޭންކް އޮފް ސިލޯނުން ވަނީ ބުނެފައެވެ.