ޚަބަރު

ޣައްޒާގެ ނަސްލުހޭދަށް 1،000 ދުވަސް


2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ފެށި ހަނގުރާމައަށް 1،000 ދުވަސް ފުރިއްޖެއެވެ.

ދިގު މުއްދަތަކަށް ހަނގުރާމަ ދެމިގެން ގޮސްފައިވާއިރު، މިިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ވަނީ ހަނގުރާމަ މެދުކަނޑައިލުމުގެ އެއްބަސްވުމެއްގައި ނަމެއްގައި ސޮއިކޮށްފައެވެ. ނަަމަވެސް ޔަހޫދީންގެ ޙަމަލާތައް އަދިވެސް ދަނީ ޣައްޒާއަށް އަމާޒުވަމުންނެވެ. އެއްބަސްވުން ޤާއިމްކުރި އިރު ޣައްޒާގެ ދެބައިކުޅަ އެއްބައި އޮތީ ޔަހޫދީންގެ ބާރުގެ ދަށުގައެވެ. ޔަހޫދީން މިހާރު ބުނަމުން ދަނީ ޣައްޒާގެ 70 އިންސައްތަ ޔަހޫދީންގެ ބާރުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޣައްޒާގެ ދެ މިލިއަނަށްވުރެ ގިނަ ރައްޔިތުންގެ ކުރިމަގާ މެދު އަދިވެސް ވަނީ ސުވާލު އުފެދިފައެވެ. ޣައްޒާގެ ގިނަ ރައްޔިތުންގެ ގެދޮރު ގެއްލިފައިވާއިރު، ގިނަ ބަޔަކު އަދިވެސް ދިރިއުޅެމުން ދަނީ އެ ސަހަރުގެ ސުންނާފަތިވެފައިވާ އިމާރަތްތަކުގެ ތެރޭގައި ދަތި ޙާލުގައެވެ. ޣަައްޒާއަށް ވަދެ ނިކުމެވެނީ އަދިވެސް މަދު ޢަދަދެއްގެ މީހުންނަށެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާ އަލުން އާރާސްތުކުރުން ފަދަ މަސައްކަތްތައް
ވަނީ މަޑުޖެހިފައެެވެ. ޣައްޒާގެ ޙާލަތު ރަނގަޅު ކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އެ ސަހަރަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމްޢިއްޔާތަކުން ފާހަގަކުރެއެވެ.

ގިނަ ބަޔަކު އަދިވެސް ދަނީ ޝަހީދުވަމުން

އެއްބަސްވުން ޤާއިމްކުރި ފަހުން ޣައްޒާއަށް ދެމުންދާ ޙަމަލާތައް އޭގެ ކުރިއާ އަޅަބަލައިނަމަ މަދުވި ނަމަވެސް ޔަހޫދީން ކޮންމެ ދުވަހަކުހެން ޣައްޒާއަށް އަދިވެސް ޙަމަލާތައް ދެއެވެ. އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޣައްޒާގެ 1،053 ރައްޔިތުން ޝަހީދުކޮށްލާފައިވެއެވެ. އޭގެ ތެރޭގައި 350 އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ. އޭގެ އިތުރުން ޙަމަލާތަކުގައި 3،400 މީހުންނަށް ޒަޚަމްވެފައިވެއެވެ. ހަނގުރާމަ ފެށުނު ފަހުން ޝަހީދުވި ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު މިހާރު ވަނީ 73،066އަށް އަރައިފައެވެ.

ޞުލްޙައިގެ ބޯޑުގެ މަސައްކަތްތައް ކުރިއަކަށް ނުދޭ

ހަނގުރާމައަށް 1،000 ދުވަސް ފުރުނު އިރު މި އަހަރުގެ ކުރީކޮޅު ޣައްޒާ އަލުން އާރާސްތުކުރުމަށް ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ އުފައްދަވާފައިވާ ޞުލްޙައިގެ ބޯޑުގެ އަޑު މި ވަނީ މަޑުވެފައެވެ.

ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުން ތަންފީޛު ކުރުމުގައި ކުރިމަތިވެފައިވާ މައިގަނޑު މައްސަލައަކީ ޙަމާސްއިން ހަތިޔާރު ނުބެހެއްޓުމެވެ. ނަމަވެސް ޙަމާސްއިން ބުނަމުން ދަނީ އެ ޖަމާޢަތުން ހަތިޔާރު ބަހައްޓާނީ އެއްބަސްވުމާ އެއްގޮތަށް ޔަހޫދީން ޢަމަލުކޮށް، ޣައް
ޒާއަށް ޙަމަލާދިނުން ހުއްޓައިލުމުން ކަމަށެެވެ. އަދި ޣައްޒާގެ އިތުރު ސަރަޙައްދުތައް އިސްތިޢުމާރު ކުރުމުގެ ބަދަލުގައި ޣައްޒާއިން ޔަހޫދީ ސިފައިން ފޭބުމުން ކަމަށެވެ.

އެއްބަސްވުމުގައި ބުނެފައި ވަނީ ޣައްޒާ އާރާސްތުކުރުމުގެ މަސައްކަތްތަކާއި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބައިނަލްއަޤްވާމީ ފައުޖެއް ޣައްޒާގައި ޙަރަކާތްތެރިވާނެ ކަމަށެވެ. ޙަމާސްއިން ބުނީ ހަތިޔާރު ބެހެއްޓުމަށް އެ މާއްދާ ފުރިހަމަ ވާންޖެހޭ ކަމަށެވެ.

ޔަހޫދީންގެ އެހެން ހަނގުރާމަތައް

ފާއިތުވި 1،000 ދުވަހުގެ ތެރޭގައި ޔަހޫދީން ވަނީ ޣައްޒާގެ އިތުރުން އެހެން ސަރަޙައްދުތަކުގައި ވެސް ހަނގުރާމަތައް ފަށައިފައެވެ. އެ ގޮތުން ލުބުނާނުގެ ޙިޒްބުاللهއާއި ޔަމަނުގެ ހޫޘީންނާ ދެކޮޅަށް ޔަހޫދީން ވަނީ ހަނގުރާމަ ކޮށްފައެވެ. އެ ޤައުމުތަކުން ޔަހޫދީންނަށް ޙަމަލާ ދީފައި ވަނީ ފަލަސްޠީނުގެ ދިފާޢުގައި ކަމަށް އެ ޤައުމުތަކުން ބުނެއެވެ.

ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އީރާނަށް ޙަމަލާ ދިނުމަށް އެމެރިކާގެ ރައީސްއަށް ހިތްވަރުދީ، މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ދެ ޤައުމުން އެކުގައި އީރާނަށް ޙަމަލާދީ ހަނގުރާމަ ފަށައިފައެވެ. އޭގެ ސަބަބުން ލުބުނާނާ ދެކޮޅަށް ޔަހޫދީން ކުރަމުންދިޔަ ހަނގުރާމަ މެދުކެނޑިފައި އޮތުމަށް ފަހު އަލުން ވަނީ
ފެށިފައެވެ. މި ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން، އިތުރު ދައުރަކަށް އިންތިޚާބުވުމަށް މަސައްކަތް ކުރަމުންދާ ނަތަންޔާހޫގެ ސިޔާސީ މުސްތަޤުބަލަށް ވަނީ ހިޔަނިއެޅިފައެވެ. ޔަހޫދީ ދައުލަތުގެ 60 އިންސައްތަ މީހުން ނަތަންޔާހޫ އިތުރު ދައުރަކަށް ކުރިމަތިލުމާ ދެކޮޅެވެ. 2023ވަނަ އަހަރު ޔަހޫދީންގެ ޖަރީމާތަކަށް ކެތް ނުކުރެވިގެން ޙަމާސްއިން ޔަހޫދީ ދައުލަތަށް ދިން ޙަމަލާތައް ދިނުމަށް މަގުފަހިވީ ސަރުކާރުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ފުރިހަމައަށް އަޅާފައި ނުވާތީ ކަމަށް ޢާންމުން ޤަބޫލުކުރެއެވެ.

ޣައްޒާ އަދިވެސް ސުންނާފަތިވެފައި

ޣައްޒާގެ ރައްޔިތުން އަދިވެސް ތިބީ ގޮތް ހުސްވެފައެވެ. އެއްވެސް އަސާސީ ޚިދުމަތެއް ނުލިބި ދަތި ޙާލުގައި ފޭލިގެތަކުގައިއާއި ގެއްލުން ލިބިފައިވާ އިމާރާތްތަކުގައި އެތައް ހާސް ޢާއިލާއެއް ދަނީ ދިރިއުޅެމުންނެވެ. ޔަހޫދީންގެ ޑްރޯންތައް އަދިވެސް އުޑުގައި އުދުއްސަމުންދާއިރު، ރައްޔިތުން އަބަދުވެސް ތިބެން ޖެހެނީ ޙަމަލާއެއް އަމާޒުވެދާނެ ކަމުގެ ބިރުވެރިކަމުގައެވެ.

ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާއަށް ބޭހާއި ތެލާއި އިންސާނީ އެހީތައް ލިބޭނެ ކަމަށް ބެލެވުނެވެ. ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް އެ ކަން ވެސް ހިނގާފައެއް ނުވެއެވެ. ޣައްޒާއަށް ވަދެ ނިކުމެވޭ ހުރިހާ މަގުތައް އަދިވެސް އޮތީ ޔަހޫދީންގެ ހަރުކަށި ބާރުގެ ދަށުގައެވެ. ބައެއް ޙާލަތްތަކުގައި އެ މަގުތައް އެއްކޮށް ބަންދުކުރެއެވެ. ޣައްޒާގެ 17 ހަސްފަތާލެއް އަދިވެސް ބޭނުން ނުކުރެވެއެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ޣައްޒާގައި އާއްމުވެގެންވާ ބަނޑުހައިހޫނުކަމުގެ ޙާލަތެއް ނުވަތަ ފެމައިންއެއް އުފެދިފައިވާ ކަމަށް އިޢުލާނުކޮށްފައެވެ. ނަމަވެސް އެއްބަސްވުން ޤާއިމްކުރި ފަހުން ބަނޑުހައިހޫނުކަމުގެ ޙާލަތު މިހާރު ވަނީ ކުރިއަށްވުރެ ރަނގަޅުވެފައެވެ.