ވިޔަފާރި

އިންކަމް ސަޕޯޓް އެލަވަންސް 20000 އަށްވުރެ ގިނަ މީހުންނަށް


ކޯވިޑް19އާ ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ އިންކަމް ސަޕޯޓް އެލަވަންސް މިހާތަނަށް 20000 އަށްވުރެ ގިނަ މީހުންނަށް ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 18 ވަނަ ދުވަހާއި ހަމައަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ސަރުކާރުން ވަނީ 359.1 މިލިއަން ރުފިޔާ ދޫކޮށްފައެވެ. މިއީ ވަކިވަކި ފަރުދުންގެ ތެރެއިން 20،768 ފަރާތަކަށް ދޫކޮށްފައިވާ އެލަވަންސްގެ އަދަދެވެ.

އިންކަމް ސަޕޯޓް އެލަވަންސްއަކީ ކޯވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލުމާއި، ވިޔަފާރިތައް ހުއްޓި ޢާމްދަނީއަށް އަސަރުކުރުމާއި ގުޅިގެން، އެފަދަ ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ދޭންފެށި އެލަވަންސެކެވެ. މި އެލަވަންސްގެ ސަބަބުން ގިނަ ބައެއްގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވެދިންކަމަށް އިންކަމް ސަޕޯޓް އެލަވަންސް ލިބުނު ފަރާތްތަކުން ވަނީ ބުނެފައެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި، ސަރުކާރުން ދޫކުރަނީ މަހަކު 5000 ރުފިޔާއެވެ. މިހާރު ކުރިއަށްދަނީ އިންކަމް ސަޕޯޓް އެލަވަންސް ދޫކުރުމުގެ އެންމެ ފަހު ބުރެވެ.

އެލަވަންސް ދީފައިވަނީ ތިން ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބުރުގައި އެލަވަންސް ދޫކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް، މޭ އަދި ޖޫން މަހަށެވެ. 2 ވަނަ ބުރުގައި އެލަވަންސް ދޫކޮށްފައިވަނީ ޖުލައި، އޮގަސްޓް، ސެޕްޓެމްބަރު މަހުއެވެ. 3 ވަނަ ބުރުގައި އެލަވަންސް ދޫކުރަނީ އޮކްޓޯބަރ، ނޮވެމްބަރ އަދި ޑިސެމްބަރު މަހަށެވެ. މިހާރު އެލަވަންސް ދޫކުރަމުންދަނީ ޑިސެމްބަރުމަހުގެ އެލަވަންސްއަށް އެދިފައިވާ ފަރާތްތަކަށެވެ.

ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ.

ކޯވިޑް19ގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާއަށް ނުރަނގަޅު އަސަރުކޮށް ވަޒީފާ ގެއްލުނުނަމަވެސް މީގެތެރެއިން ބައެއް މީހުން މިހާރު ވަނީ އަލުން ވަޒީފާތަކަށް ނިކުމެފައެވެ.