ޚަބަރު

ޓެކްސްއަށް މަކަރުހަދާ ފަރާތްތައް ދެނެގަތުމާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާގައި ބައިވެރިވުމަށް ރުހުންދީފި


ޓެކްސްއަށް މަކަރުހަދާ ފަރާތްތައް ދެނެގަތުމާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާ "ކޮންވެންޝަން އޮން މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓެންސް އިން ޓެކްސް މެޓަރސް،" އާއި، އެ މުޢާހަދާއާ ގުޅޭ އިތުރު ދެ މުޢާހަދާއެއްގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.

މި މުއާހަދާތަކުގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައި މިވަނީ، މިމުޢާހަދާތަކުގައި ބައިވެރިވުމުގެ ލަފާފުޅަކަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަޖިލީހަށް ހުށަހެޅުއްވުމުންނެވެ.

މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީން މުއާހަދާތަކުގައި ބައިވެރިވުމަށް ގޮވާލާފައިވާއިރު، މި މުއާހަދާތަކުގައި ބައިވެރިވުމަށް މަޖިލީހުން ރުހުން ދެއްވާފައިވަނީ 38 މެމްބަރުންގެ އަޤްލަބިއްޔަތުންނެވެ.

ވަޒީރުންގެ މަޖިލީހުން "ކޮންވެންޝަން އޮން މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓެންސް އިން ޓެކްސް މެޓަރސް،" (އެމް.އޭ.އޭ.ސީ) އާއި، އެ މުޢާހަދާއާ ގުޅޭ އިތުރު ދެ މުޢާހަދާއެއް ކަމުގައިވާ "މަލްޓިލެޓެރަލް ކޮމްޕީޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން އޮޓޮމެޓިކް އެކްސްޗޭންޖް އޮފް ފައިނޭންޝަލް އެކައުންޓްސް އިންފޮމޭޝަން" (އެމް.ސީ.އޭ.އޭ-ސީ.އާރް.އެސް) އަދި "މަލްޓިލެޓެރަލް ކޮމްޕީޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން އެކްސްޗޭންޖް އޮފް ކަންޓްރީ ބައި ކަންޓްރީ ރިޕޯޓްސް" (އެމް.ސީ.އޭ.އޭ-ސީ.ބީ.ސީ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަނީ ލަފާދެއްވާފައެވެ.

އެމް.އޭ.އޭ.ސީ.އަކީ ޓެކްސް ދެއްކުމަށް މަކަރުހަދާ، ޓެކްސް ދެއްކުމުން އެއްކިބާވާ ފަރާތްތައް ދެނެގަތުމަށާއި، މެންބަރު ޤައުމުތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމަށާއި، ޓެކުހާގުޅޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވައިލާފައިވާ މުޢާހަދާއެކެވެ. އަދި، މި މުޢާހަދާގައި އެއްބަސްވާ ކަންކަން ތަންފީޒުކުރުމަށްޓަކައި، އެމް.ސީ.އޭ.އޭ.ތަކުގައި ބައިވެރިވާ ޤައުމުތަކުން ސޮއިކުރަންޖެހެއެވެ.

މި މުޢާހަދާގައި ބައިވެރިވުމުގެ ބޭނުންތަކުގެ ތެރޭގައި، ގްލޯބަލް ފޯރަމް މެންބަރެއްގެ ގޮތުން އެކްސްޗޭންޖް އޮފް އިންފޮމޭޝަން ނިޒާމެއް ޤާއިމުކުރުމާއި، އިންކްލޫސިވް ފްރޭމްވަރކް އޮން ބޭސް އިރޯޝަން އެންޑް ޕްރޮފިޓް ޝިފްޓިންގ (ބެޕްސް) ގެ ދަށުން ޓެކްސް ޓްރާންސްޕޭރަންސީއާ ގުޅުންހުރި އެކްޝަންތައް ތަންފީޒުކުރުމާއި، ޔޫރަޕިއަން ޔޫނިއަން ލިސްޓް އޮފް ނޮން-ކޯޕަރޭޓިވް ޖުރިސްޑިކްޝަންސް ފޮރ ޓެކްސް ޕަރޕަސަސްގައި ދިވެހިރާއްޖެ ނުހިމެނުމަށް ވެފައިވާ ކޮމިޓްމަންޓްތައް ފުރިހަމަކުރުން ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

އެ ލިސްޓަކީ، ޓެކުހަށް މަކަރުހެދުމާއި، ޓެކްސް ދެއްކުމުން އެއްކިބާވުމާއި، މަނީ ލޯންޑަރިންގ ފަދަ ކުށްތައް ދެނެގަތުމަށް އެކުލަވައިލާފައިވާ ޓޫލްއެއްކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.