ޚަބަރު

މަޖިލީހުން ވަޒީރުންނަށް ބިރުދައްކާކަމަށް ބުނެ ދެއްކެވި ވާހަކަތަކަށް މަލީހު ޖަވާބުދާރީއެއް ނުވި!


ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ބިރުދައްކާކަމަށް ބުނެ ކުރީގެ މިނިސްޓަރު މަލީހު ދެއްކެވި ވާހަކަތަކަށް ޖަވާބުދާރީވެވަޑައިގަތުމަށް އޭނާ ދެކޮޅު ހައްދަވައިފިއެވެ.

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުން ވަކިކޮށްފައިވާ މުޙައްމަދު މަލީހު ޖަމާލް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ޙަޒިރުކޮށް، ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ބިރުދައްކާކަމަށް ބުނެ ދެއްކެވި ވާހަކަތަކާއި ގުޅޭގޮތުން އޭނާއާ ސުވާލުކޮށްފައެވެ. ނަމަވެސް މަލީހު ވަނީ އޭނާއާ ކުރިމަތިވިކުރުވި ސުވާލުތަކަށް ޖަވާބުދެއްވުމަށް ދެކޮޅު ހައްދަވާފައެވެ.

މިއަދުގެ ކޮމިޓީއަށް މަލީހު ހާޒިރުކުރީ އޭނާގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ވޯޓު ނެގި ދުވަހު، އެ މައްސަލައަށް ޖަވާބުދާރީވުމުް އޭނާ ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. އެދުވަހުގެ ޖަލްސާގައި މަލީހު ވަނީ ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ބައެއް ވަޒީރުންނަށް ބިރު ދައްކަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވީވެސް މަޖިލީހުން ބިރު ދެއްކުމުން ކަމަށް މަލީހު ތުހުމަތުކުރެއްވިއެވެ. އަދި ފުރުޞަތު ދެއްވައިފިނަމަ އެކަމުގެ ތަފްސީލް ހާމަކޮށްދެއްވާނެކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

މަލީހުގެ މިތުހުމަތުތަކާއި ގުޅިގެން މިއަދު ބޭއްވުނު އިމްތިޔާޒު ކޮމިޓީގައި މެމްބަރުން ވަނީ މިކަމުގެ ތަފްސީލް ހޯދުމަށް އެދި ސުވާލުކޮށްފައެވެ. ނަމަވެސް މަލީހު ވަނީ މިސުވާލަށް ޖަވާބު ދެއްވުމުގެ ބަދަލުގައި މަޖިލީހުގައި ދެއްކި ވާހަކައާއި ގުޅިގެން މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ނުކުރެވޭނެކަމަށް ބުނެފައެވެ. އަދި ތަކުރާރުކޮށް މަޖިލީހުގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން މި ސުވާލު ކުރެއްވުމުންވެސް މަލީހު ވަނީ ސުވާލަށް ޖަވާބު ނުދެއްވައި ކޮމިޓީއަށް ހާޒިރު ކުރެވުނު ސަބަބާއިމެދު ސުވާލު އުފައްދަވާފައެވެ.

މަލީހުގެ ވާހަކަތާއި ގުޅިގެން ކޮމިޓީގައި ހިމެނޭ އެމްޑީޕީ މެމްބަރުން ވިދާޅުވީ މަޖިލީހުގެ ތަޅުމަށް ހާޒިރުވެ އެއްވެސް ބޭފުޅަކަށް ދޮގު ބަހުން ވާހަކަ ނުދެއްވޭނެކަމަށެވެ. އަދި މަޖިލީހުގައި އެފަދަ ވާހަކަ ދައްކައިފިނަމަ އެކަން ބަލައި ސާފުކުރުމުގެ އިޙްތިޔާރު އޮތްކަމަށާއި ނަމަވެސް މަލީހު ހާޒިރުކުރީ ތަހުގީގެއް ހިންގުމުގެ ބޭނުމުގައި ނޫންކަމަށެވެ.

މިމައްސަލާގައި ވަހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީގުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ މަޖިލީހުގައި ވަޒީރަކު ނުވަތަ އެހެން މީހަކުވެސް ދައްކާ ވާހަކައަކުން ކޮމިޓީތަކަށް ހާޒިރުކޮށް މިގޮތަށް އަމަލު ނުކުރެވޭނެކަމަށެވެ. އަދި މަލީހުއަކީ މިއަދު ވަޒީރަކަށް ނުވާއިރު، އޭނާ ކޮމިޓީއަށް ހާޒިރުކޮށް ޖަވާބުދާރީކުރުމަކީ ކުރެވޭނެ ކަމެއްކަަމަށް ގަބޫލު ނުކުރައްވާކަމަށް ނާޒިމް ވިދާޅުވިއެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މަލީހު ތަކުރާރުކޮށް އިންކާރު ކުރެއްވުމުން މިއަދުގެ ކޮމިޓީ ބައްދަލުވުން ވަނީ ނިންމާލާފައެވެ. އަދި ދެން އޮންނަ ކޮމިޓީ ބައްދަލުވުމެއްގައި މިމައްސަލަގައި ގޮތެއް ނިންމާނެކަމަށް ކޮމިޓީގެ މުޤައްރިރު ވިދާޅުވިއެވެ.