ޚަބަރު

ވިހަ ގޭހުގެ މިންވަރު ދެނެގަތުމަށް މައުލޫމާތު އެއްކުރުމުގެ ޤަވާއިދެއް


  • މިއަދުން ފެށިގެން ޤާނޫނު ތަންފީޒުކުރަން ފަށާނެ

  • ޤަވާއިދު އެކުލަވާލީ ކްލައިމެޓް އިމަރޖެންސީ ޤާނޫނުގެ ދަށުން

ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާ ގުޅޭ ޤަވާއިދު އެކުލަވާލާ، ގެޒެޓުގައި އާއްމުކޮށްފިއެވެ.

މިއަދުން ފެށިގެން ތަންފީޒުކުރާ މި ޤަވާއިދަކީ، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ތަންފީޒު ކުރާ ޤަވާއިދެކެވެ.

މި ޤަވާއިދަކީ ޤާނޫނު ނަމްބަރު 9/2021، ކްލައިމެޓް އިމަރޖެންސީ ޤާނޫނުގެ 22 ވަނަ މާއްދާއަށް ރިއާތްކޮށް އެ ޤާނޫނުގެ 25 ވަނަ މާއްދާގެ 'ހ' އިން ބާރުލިބިގެން އެކުލަވާލާފައިވާ ޤަވާއިދެކެވެ. މި ޤަވާއިދަކީ ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މިންކޮށް، ދަފުތަރުކޮށް އަދި ވިހަ ގޭހުގެ މިންވަރު ކަށަވަރު ކުރުމާއި ގުޅޭ އިދާރީ އިންތިޒާމުތަކާއި އިޖުރާއަތުތައް ބަޔާންކުރާ ޤަވާއިދެކެވެ.

މި ޤަވާއިދަކީ ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު މިންކޮށް ބެލެހެއްޓުމާއި، ދަތުރުފަތުރުކުރުމާއި އަދި ވިހަ ގޭހުގެ މިންވަރު ކަށަވަރު ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދާ އެއް އިދާރާއިން އަނެއް އިދާރާއަށް އެ މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތް ކުރާނެ އެކި މަރުހަލާތައް ބަޔާންކުރުމާއި، އެ މަސައްކަތް ބައްޓަން ކުރާނެ ގޮތް ހާމަކުރުމުގެ މަޤްސަދުގައި އެކުލަވާލާފައިވާ ޤަވާއިދެކެވެ. މީގެ އިތުރުން އެކަމާއި ގުޅޭ އިދާރީ އިންތިޒާމުތައް ކަނޑައެޅުމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅަން ޖެހޭ ރިޕޯޓުތައް އެކުލަވާލާ ތައްޔާރުކުރުމަށް ބޭނުންވާ ރާއްޖޭގެ ވިހަ ގޭހުގެ ހާލަތު ދެނެގަންނަން ބޭނުންވާ މައުލޫމާތު އަދާހަމަކުރާނެ މަގު ފަހިކުރުމަކީ މި ޤަވާއިދުގެ މަޤްސަދެެކެވެ.

މި ޤަވާއިދުގައި ބުނާގޮތުން މައުލޫމާތު އެއްކުރުމަކީ، ޤަވާއިދުގެ މަސްލަހަތުވެރިން ކުރަންވާނެ މަސައްކަތެކެވެ. މަސްލަހަތުވެރިންގެ ތެރޭގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، ޔުޓިލިޓީ ޚިދުމަތްދޭ ތަންތަން، ކަސްޓަމްސް ސަރވިސް، ސިނާޢީ ދާއިރާާއާއި މެނުފެކްޗަރިން ދާއިރާގެ އެންމެހާ ފަރާތްތައް، ރެފްރިޖަރޭޝަން ސިސްޓަމްތަކާއި އެއާ ކޮންޑިޝަން ސަރވިސްކުރާ ފަރާތްތައް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ، އެއަރޕޯޓުތައް ހިންގާ ފަރާތްތައް، ކަނޑާއި އެއްގަމާއި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތައް، ރާއްޖެއަށް ހަކަތައިގެ ބާވަތްތައް އެތެރެކުރާ ފަރާތްތަކާއި، އެފަދަ ތަކެތި އުފައްދާ ފަރާތްތަކާއި، ހަކަތައިގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކެވެ.