ޚަބަރު

އުންމީދަކީ ކުރިއަށް އޮތް ތިން މަސްތެރޭގައި ތިމަރަފުށީ ދަނޑުގެ މަސައްކަތް ނިންމާލުން: މަހުލޫފް


ތިމަރަފުށީގެ ބޮޑު ފުޓުބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ތިމަރަފުށީ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ ޕްރޮޖެކްޓް ނިމި، ޒުވާނުންނަށް މި ދަނޑުގައި ފުޓުބޯޅަ ކުޅެން ފެށޭނެ ތާރީޚެއް ސާފު ކުރުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ މަސައްކަތް ސީދާ ކަނޑައެޅިގެން ނިމޭނެ ދުވަހެއް ދަންނަވަން ދަތިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މަސައްކަތްތައް ލަސްވެގެންދަނީ ކޯވިޑާއި ގުޅިގެން ދިމާވި ގޮންޖެހުންތަކުގެ ސަބަބުންކަމަށެވެ. އަދި މިމަސައްކަތްކުރާ ކޮންޓްރެކްޓަރުން މަސައްކަތް ނިންމުމަށް އިތުރު ތިން މަސް ދުވަހަށް އެދިފައިވާކަމަށެވެ. ކޮންޓްރެކްޓަރާއެކު، މަސައްކަތް ނިންމުމަށް އެއްބަސްވެފައިވަނީ ފެބްރުއަރީ މަހަށް ކަމުގައި ވީނަމަވެސް މަސައްކަތް ނުނިމި ލަސްވުމުން އިތުރު މުއްދަތެއް ދީގެންވެސް އަވަހަށް މަސައްކަތް ނިންމުމަކީ އެންމެ ބޮޑު އަމާޒުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަމާޒަކީ ވީހާވެސް އަވަހަކަށް ތިމަރަފުށީ ދަނޑުގައި ކުޅެވޭނެ ގޮތެއް ހެދުންކަމަށެވެ. ތިމަރަފުށްޓަކީ ފުޓުބޯޅައިގެ ބޮޑު އާބަދީއެއް އޮތް ރަށަކަށްވުމުން ދަނޑު ރަނގަޅު ފެންވަރަކަށް ހެދި ކުޅެވޭނެ ގޮތް ވުމަކީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާކަމެއްކަމަށެވެ. ދަނޑުގެ މަސައްކަތުގެ އިތުރުން ދަނޑުގެ ވަށާފާރު ރޭނުމަށް މިއަދު ނޫނީ މާދަމާ އިއުލާން ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަތޮޅު ތެރޭގެ ޒުވާނުންގެ ތެރޭގައި ފުޓުބޯޅަ ދަނޑުތައް ހެދުމަކީ ބޮޑު ޝައުގު ވެރިކަމެއް އޮތް ކަމަކަށްވާއިރު މިސަރުކާރުން ވެރިކަމަށް އައިސް ޒުވާނުން ބޭނުންވާ ގޮތަށް ދަނޑުތައް ހަދައި ދިނުމަށް މަސައްކަތް ކުރައްވަމުންދާކަމަށް މަހުލޫފް ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް 12 ދަނޑެއްގެ މަސައްކަތް ނިމި، 35 ދަނޑެއްގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. އަދި އަމާޒަކީ މިއަހަރުގެ ތެރޭގައި 30 ދަނޑެއްގެ މަސައްކަތް ނިންމާލުން ކަމަށް މަހުލޫފް ވިދާޅުވިއެވެ.