ވިޔަފާރި

އެމްއައިބީއަށް 10 އަހަރު: އުންމީދަކީ ބޭންކިންގ ސިނާއަތުގެ އެންމެ އުހަށް ދިއުން


ދިވެހިރާއްޖޭގައި ޝަރީއާގެ އުސޫލުން ހިންގާ ފުރަތަމަ ބޭންކް މޯލްޑިވްސް އިސްލާމިކް ބޭންކު ރަސްމީކޮށް ހުޅުވީ 7 މާރޗް 2011 ގައެވެ. އެމްއައިބީގެ ޙިދުމަތަށް މިހާރު ވަނީ 10 އަހަރު ފުރިފައެވެ. 10 އަހަރު ފުރުނުއިރު އެއްއައިބީގެ ކަސްޓަމަރުންގެ އަދަދު 1 ލައްކަ އަށްވުރެ އިތުރެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކަކީ ދިވެހި ސަރުކާރާއި، އިސްލާމިކް ކޯރޕަރޭޝަން ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަރ (އައި.ސީ.ޑީ) ބައިވެރިވެގެން އުފެއްދި ބެންކެކެވެ. އެމްއައިބީ އުފެއްދުމަށް ދިވެހި ސަރުކާރުން %15 ހިއްސާ އަދި އައި.ސީ.ޑީގެ %85 ހިއްސާގެ އިންވެސްޓްމަންޓެއް ކުރިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނީ އެ ބޭންކުގެ މައިގަނޑު އަމާޒަކީ ދިވެހި ރާއްޖޭގައި އިސްލާމިކް ފައިނޭންސިންގ ބޭނުންވާ ހުރިހާ ފަރާތެއްގެ އެންމެ ފުރަތަމަ އިޚްތިޔާރަށް ވުންކަމަށެވެ. އަދި ހަމައެއާއެކު ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސިން ކުރިއެރުވުމާއި، ދިވެހި މުޖުތަމަޢުއަށް އިސްލާމީ އުސޫލުތަކުގެ މަތިން މާލީ މުޢާމަލާތްތައް ކުރިއަށް ގެންދިއުމުގެ މަގު ފަހިކުރުމަކީވެސް އެ ބޭންކުގެ މަޤްސަދެކެވެ.

އެމްއައިބީން ވަނީ އެ ކުންފުނީގެ ހިއްސާވެސް ވިއްކާފައެވެ. އެމްއައިބީން ބުނީ ހިއްސާ ވިއްކަން ހުޅުވާލުމާއިއެކު ހިއްސާގެ އަދަދަށް ވުރެން %46 އިތުރަށް ގަތުމަށްޓަކައި އެޕްލިކޭޝަން ލިބުނުކަމަށެވެ. ދިވެހި ރާއްޖޭގެ 20 އަތޮޅުގެ 144 ރަށުގައި މިއަދު 16،000 އަށްވުރެ ގިނަ ހިއްސާދާރުން އެބަތިއްބެވެ. އަދި 60 އަށް ވުރެ ގިނަ މުއައްސަސާ އަދި ވިޔަފާރި ކުންފުނި ވަނީ އެމްއައިބީގެ ހިއްސާ ގަނެފައެވެ. ބޭންކުގެ ފަރާތުން ވިއްކުމަށް ހުށަހެޅި ހިއްސާގެ %65 ހިއްސާ ގަނެފައިވަނީ އަމިއްލަ ދިވެހި ފަރުދުންކަމަށް އެމްއައިބީން ބުނެއެވެ.

ރާއްޖޭގައި އެންމެ ގިނައިން މީހުން ދިރިއުޅޭ 6 ރަށެއްގައި މިއަދު އެ ބޭންކުގެ ބްރާންޗްތައް ވަނީ ހުޅުވާފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެ، ހުޅުމާލެ، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ގ.ދ. ތިނަދޫއެވެ. އަދި މީގެއިތުރުން ކާޑު ބޭނުންކޮށްގެން ފައިސާ އަދި ޗެކު ޖަމާކުރެވޭ ޒަމާނީ 6 އޭޓީއެމް މެޝިނާއިއެކު އެމްއައިބީގެ އޭޓީއެމް ނެޓްވޯކް މިހާރު ވަނީ 20އަށް އިތުރުވެފައެވެ. މީގެއިތުރުން މިހާރުވެސް އެމްއައިބީން އަންނަނީ 500 އަށްވުރެ ގިނަ ޕީއޯއެސް މެޝިން މާލެއާއި އެކި ރަށްރަށުގައި އޮޕަރޭޓްކުރަމުންނެވެ.

މުޖްތަމައު ކުރިއެރުވުމުގައިވެސް އެމްއައިބީގެ ހިއްސާ ބޮޑެވެ. އެމް.އައި.ބީއިން ވަނީ 1000 އަށް ވުރެގިނަ އެކިފަންތީގެ ހައުސިން ޔުނިޓް ގަތުމަށް ފައިނޭސް ކޮށްދީފައިއެވެ. މަސްވެރިކަމާއި، މުދާއުފުލުމާއި، އަދި ޕަސެންޖަރުން އުފުލުމަށް ބޭނުންކުރާ 80 އަށް ވުރެ ގިނަ ކަނޑުމަތީ އުޅަދު ހޯދުމަށް އެމް.އައި.ބީއިން ވަނީ ފައިނޭންސިންގ ދީފައެވެ. މީގެއިތުރުން ގޭގޭގައި ސޯލާ ޕެނެލް ބެހެއްޓުމަށް ފައިނޭންސިންގ ދޭންފެށި އެންމެ ފުރަތަމަ ފަރާތަކީވެސް އެމް.އައ.ބީއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކްއަކީ ދިވެހި ރާއްޖޭގެ މަސައްކަތުގެ މައިދާނުގައި އިސްލާމިކް ފައިނޭންސް އަދި ބޭންކިންގގެ ރޮގުން މުއައްޒަފުން ތަމްރީނުކޮށް ތަރައްޤީކުރުމުގެ އިސް ދައުރެއް އަދާކުރާ ބޭންކެކެވެ. އެމްއައިބީގައި 230 މުވައްޒަފުން ތިބޭއިރު %50 އަކީ އަންހެން މުވައްޒަފުންނެވެ. އަދި އަނެއް %50 އަކީ ފިރިހެން މުއަޒަފުންނެވެ.

އެމްއައިބީން ޙާސިލްކޮށްފައިވާ ބައެއް ކާމިޔާބީތަކަށް ބަލާލާއިރު 2011 ވަނަ އަހަރު އިސްލާމިކް ބިޒްނަސް އެންޑް ފައިނޭންސް އިން ދިން "އެވޯރޑް ފޮރ ބެސްޓް ބޭންކް" ގެ އެވޯޑް އެ ބޭންކުން ވަނީ ހޯދާފައެވެ. 2020 ވަނަ އަހަރު އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިއާއިން ދިން "އިސްލާމިކް ބޭންކް އޮފް ދަ އިޔަރ"ގެ އެވޯޑާއި "އިސްލާމިކް ފައިނޭންސް އެންޓިތީ އޮފް ދަ އިޔަރ" ގެ އެވޯޑްވެސް އެ ބޭންކަށް ވަނީ ލިބިފައެވެ.

އެމް.އައި.ބީން ބުނީ އެ ބޭންކުގެ އަމާޒަކީ 2025 ވަނަ އަހަރު އަންނަންވާއިރަށް ދިވެހިރާއްޖޭގައި ބޭންކިންގ ސިނާއަތުގައި އެންމެ މަތީ ފަންތީގެ ބޭންކަށްވުންކަމަށެވެ. އަދި ދިވެހިރާއްޖޭގައި ޑިޖިޓަލްކޮށް ޚިދުމަތްދޭ އެންމެ ބޮޑު ބޭންކަށްވުމަކީވެސް އެ ބޭންކުން ކުރިމަގުގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއެއްކަން އެމްއައިބީން ވަނީ ފާހަގަކޮށްފައެވެ. މި މަސައްކަތުގެ ދަށުން އިންޓަރނޭޝަނަލް ކާޑް ސްކީމްއެއް ތަޢާރަފްކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ އެންމެ ފަހުގެ މަރުހަލާ މިހާރު ދަނީ ކުރިއަށެވެ. އަދި ދާދި އަވަހަށް ރާއްޖޭގެ އިތުރު ސަރަޙައްދުތަކުގައި ހުރިހާ ވަގުތެއްގައި ވަގުތުން ޚިދުމަތް ލިބޭ ޑިޖިޓަލް ބޭންކިންގ ޚިދުމަތް ތަޢާރަފުކުރަން ބޭންކުން ވަނީ ނިންމާފައެވެ.