ކޯވިޑް-19ގެ ވެކްސީންގެ އިތުރު 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކުރުމަށް ޗައިނާއިން ނިންމައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. މިކަމާގުޅިގެން ފޮރިން މިނިސްޓަރ ޝާހިދު ކުރެއްވި ޓުވިޓެއްގައިވަނީ، ކޯވިޑް-19އާ ދެކޮޅަށް އުފައްދާފައިވާ ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް ޗައިނާއިން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވާކަމަށެވެ.
އަދި ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ޗައިނާއިން ފޯރުކޮށްދޭ އެހީތެރިކަމަށް މިނިސްޓަރ ޝާހިދުވަނީ ޝުކުރުދައްނަވާފައެވެ.
Pleased to meet @AmbassadorZhang today, who informed me that #China will donate a further 100K vaccines to the Maldives, in addition to the 100K pledged already. ?? thanks ?? for the support in the #COVID19 vaccination program GoM is undertaking. pic.twitter.com/t6193qSs8t
— Abdulla Shahid (@abdulla_shahid) March 4, 2021
ޗައިނާއިން ރާއްޖެއަށް އިތުރު ވެކްސިންހަދިޔާކުރުމަށް ނިންމާފައިވާކަން ހާމަކުރައްވައި އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގްވެސް ވަނީ ޓުވީޓުކުރައްވާފައެވެ.
ޗައިނާއިންވަނީ މީގެ ކުރިންވެސް ރާއްޖެއަށް 100000 ޑޯޒް ވެކްސިން ހަދިޔާކުރަން ނިންމައި އެކަން ހާމަކުރައްވާފައެވެ. ނަމަވެސް އަދި އެވެކްސިން ލިބިފައިނުވެއެވެ.
ޗައިނާއިން ދިވެހިރާއްޖެއަށް ކޯވިޑް-19ގެ ވެކްސިންގެ ދެލައްކަ ޑޯޒް ހަދިޔާކުރަން ނިންމާފައިވާއިރު، އެ ޤައުމުން ރާއްޖެއަށް ފޯރުކޮށްދޭނީ ކޮން ވެކްސިނެއްކަމެއް އަދި ސީދާ ހާމަކުރައްވާފައެއްނުވެއެވެ. ނަމަވެސް ޗައިނާ ސަފީރުގެ ކުރިން ކުރެއްވި ޓުވީޓުގައި ކޯވިޑް-19އާ ދެކޮޅަށް ޗައިނާއިން އުފައްދާފައިވާ ސައިނޯފާމް ވެކްސިންގެ ފޮޓޯއެއްވަނީ ބޭނުންކޮށްފައެވެ.