ޚަބަރު

ހުރިހާކުދިން ޝާމިލްކޮށްގެން ތައުލީމުދޭ ސިޔާސަތު މުރާޖާކުރަނީ


ހުރިހާ ކުދިން ޝާމިލްކޮށްގެން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު މުރާޖައާ
ކުރުމުގެ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.





މިއަދު ނެޝަނަލް އިންސްޓިޓިއުޓްގައި ފެށި މި މަސައްކަތު ބައްދަލުވުން
އިފްތިތާހްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް
މިނިސްޓަރ އަހުމަދު ޝަފީއު ވިދާޅުވީ މިހާރު އޮތް ސިޔާސަތަކީ ތަންފީޒީ މަރުހަލާގައި
ކަންކަން ކުރިޔަށްގެންދާނެގޮތް އެހާ ތަފްޞީލްކުރެވިފައިއޮތް ސިޔާސަތެއް ނޫންކަމަށެވެ. ސްޓޭޓް މިނިސްޓަރ ޝަފީއު ވިދާޅުވީ އެއްވެސް ކުއްޖަކު ބާކީނުކޮށް ހުރިހާ
ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމުގެ ސިޔާސަތުގެ ދަށުން ޚާއްޞަ އެހީއަށް
ބޭނުންވާ ކުދިންނަކީވެސް ތައުލީމުގެ އުގެނުމުގެ ތެރޭގައި މަރުކަޒުތަކުގެ ތެރޭގައި
ތިބެންޖެހޭނެ ކުދިންތަކެއްގެ ވިސްނުން ފުރަތަމަ ފަހަރަށް ގެނެވި އެގޮތަށް
މަސައްކަތްކުރަންފެށުނީ ދެހާހުގެ މެދުތެރޭ ހިސާބުގައިކަމަށެވެ.





ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ
މި މަސައްކަތު ބައްދަލުވުމުގެ މަޤްޞަދަކީ ހުރިހާކުދިން ޝާމިލްކޮށްގެން ތައުލީމް
ފޯރުކޮށްދިނުމުގެ ސިޔާސަތަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާ ގުޅޭގޮތުން
މަޝްވަރާކުރުމާއި، މި ސިޔާސަތުގެ ދަށުން ތައްޔާރުކުރެވިފައިވާ ސްޓްރޭޓެޖީއަށް ހިޔާލު
ހޯދުމަށާއި، އާ މަންހަޖުގެ ދަށުން ފައުންޑޭޝަން ސްޓްޓެޖީ އަދި ކީ ސްޓޭޖް އެކެއްގައި ތިބި، އުނގެނުމާ އިތުރު އެހީއަށް ބޭނުންވާ ކުދިން ދެނެގަތުމަށް ބޭނުންކުރާނެ
އުސޫލަށް ހިޔާލު ހޯދުންކަމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް ޢެޑިއުކޭޝަނުން
މައުލޫމާތުދެއެވެ. ދެދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދާ މި މަސައްކަތު
ބައްދަލުވުމުގައި މާލެއާ އަތޮޅުތަކުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި
މުދައްރިސުންނާއި، ބެލެނިވެރިންގެ އިތުރުން އަމިއްލަ ޖަމާއަތްތަކާ އެކިއެކި
މުއައްޞަސާތަކުގެ ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތަކުން ބައިވެރިވާކަމަށް ނެޝަނަލް
އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން މައުލޫމާތުދެއެވެ.