އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް އިތުރަށް ބޭނުންވާ ބަޖެޓް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައިވާ ކަންކަމާއި ގުޅޭ ގޮތުން އަންނަ ހަފްތާގައި އެކޮމިޝަނާއި ބައްދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.
ކޯވިޑް-19 އާއި ގުޅިގެން 2 ފަހަރެއްގެ މަތީން ފަސްކޮށްފައިވާ ކައުންސިލް އިންތިޚާބު އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު، އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިން އިންތިޚާބު ނުބޭއްވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އިންތިޚާބު ބޭއްވުމަށްޓަކައި އިތުރަށް ބޭނުންވާ ބަޖެޓް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.
މިކަމާއި ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވަނީ އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައިވާ ކަންތައްތަކާއި ގުޅޭގޮތުން އަންނަ ހަފްތާގެ ހޯމަ ދުވަހު ކޮމިޝަންގެ މެމްބަރުންނާއި ބައްދަލު ކުރުމަށް ނިންމާފައެވެ. ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި މިއަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވަނީ 49.18 މިލިއަން ރުފިޔާއެވެ. މިއީ، އެންމެ ފުރަތަމަ އިންތިޚާބަށް ކަނޑައެޅި ބަޖެޓަށް 31.5 މިލިއަންގެ އިތުރުވުމެކެވެ. ފުރަތަމަ ކަނޑައެޅީ، 17.6 މިލިއަން ރުފިޔާއެވެ.
އިންތިޚާބު މިހާރު ބޭއްވުމަށް ކަނޑައަޅާފައިވާ ގައިޑްލައިންގެ ތެރެއިން އިންތިޚާބު ބާއްވާނަމަ އިތުރަށް 45 މިލިޔަން ރުފިޔާ ބޭނުންވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. ކޮމިޝަނުން ވަނީ މި އަދަދަށް ބަޖެޓް ބޭނުންވާ ސަބަބުތައްވެސް ހާމަކޮށްދެއްވާފައެވެ.
އެގޮތުން ވޯޓް ފޮށީގެ ޢަދަދާއި އޮފިޝަލުންގެ ޢަދަދުވެސް ބޮޑުތަނުން އިތުރުވެގެންދާއިރު، އިންތިޚާބު ބޭއްވުމަށް އެކުލަވާލި ޤާނޫނުގެ ދަށުން ކުރިން ބަހައްޓަން ޖެހެނީ 532 ފޮށި ކަމުގައި ވީނަމަވެސް މިހާރު އިންތިޚާބު ބޭއްވުމަށް އެކުލަވާލި ގައިޑްލައިނާއިއެކު 735 ފޮށި ބަހައްޓަން ޖެހެއެވެ. މީގެ ތެރެއިން މާލެ ސަރަހައްދުގައި އެކަނި 68 ފޮށި ބަހައްޓަންޖެހެއެވެ. އަދި އޮފިޝަލުންގެ ގޮތުގައިވެސް 8000 އަށްވުރެ ގިނަ އޮފިޝަލުން ބޭނުންވެއެވެ.
އިންތިޚާބަށް ވޯޓް ކަރުދާސް ޗާޕު ކުރުމަށް މި މަހުގެ 22ވަނަ ދުވަހު ވަނީ ހަވާލުކޮށްފައެވެ. ކަައުންސިލް އިންތިޚާބުގައި ވޯޓްލުމުގެ ހައްގު 272,480 މީހަކަށް ލިބޭއިރު، ވޯޓް ކަރުދާސް ޗާޕުކުރާނީ އެ އަދަދުގެ އެއް ޕަސެންޓް އިތުރަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
އަންނަ އޭޕްރީލް މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.