ކޯވިޑް-19 އަށް ފަރުވާދެމުންދަނިކޮށް ފިލްމީ ތަރި ކޮއްޔަ ޙަސަން މަނިކު ނިޔާވެއްޖެއެވެ.
އޭނާ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދަނިކޮށެވެ. މިއީ 24 ގަޑިއިރުގެ ތެރޭގައި މި ބަލީގައި ނިޔާވި ދެވަނަ މީހާއެވެ. މިއާއެކު ރާއްޖޭގައި މިބަލީގައި ނިޔާވި މީހުންގެ ޢަދަދު މިވަނީ 60 އަށް އަރާފައެވެ. ކޮއްޔަ ޙަސަން މަނިކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އޭނާ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދިނުމަށްފަހު، ޙާލުދެރަވުމާގުޅިގެންނެވެ.
ކޮއްޔަ ޙަސަން މަނިކަކީ ދިވެހި ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފައިވާ މީހެކެވެ. އެގޮތުން އޭނާ ވަނީ 1980ގެ އަހަރުތަކުން ފެށިގެން އެ ދާއިރާގައި މަސައްކަތް ކުރަން ފަށާފައެވެ. ޓީވީ ޑްރާމާތަކާއި، ފިލްމްތަކުގައި އެކި ރޯލުތަކުން ފެނިފައިވާ ކޮއްޔަ ޙަސަން މަނިކަކީ އާއްމުންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ޝަހްސިއްޔަތެކެވެ.
އޭނާ ނިޔާވުމާގުޅިގެން ދިވެހި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ އޭރާއި މިހާރުގެ ތަރިންދަނީ ތަޢުޒިޔާ ކިޔަމުންނެވެ.
ކޮވިޑް ރޯގާ ޖެހިގެން ފަރުވާ ހޯދަމުން ދިއަ އަޅުގަނޑުގެ އަޚް ކޮއްޔަ ހަސަންމަނިކު ދާދި ދެންމެއަކު ނިޔާވެއްޖެ
— Moosa Maniku (Reeko) (@ReekoMoosa) February 20, 2021
މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއްމަތްﷲ މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަންދެއްވާށި. އާމީން!
ކޯވިޑް-19 ޖެހިގެން ރޭ ދަންވަރުވެސް ވަނީ ދިވެއްސަކު ނިޔާވެފައެވެ. މި ބަލީގައި ރޭ ނިޔާވެފައިވަނީ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާވެސް ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދަނިކޮށް ކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު އަނެއްކާވެސް ގޯސްވެފައިވާއިރު، މި ބަލީގައި ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް 18،400 އަށްވުރެ ގިނަ މީހުންނަށް ވަނީ މި ބަލިޖެހިފައެވެ. އޭގެ ތެރެއިން 2446 ދަނީ ފަރުވާ ދެމުންނެވެ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 159 މީހަކަށް މިވަގުތުވެސް ދަނީ ފަރުވާ ދެމުންނެވެ.
ރާއްޖޭގައި މި ބަލީގައި ނިޔާވެފައިވަނީ 52 ދިވެހިންނާއި 8 ބިދޭސީންނެވެ.