ޚަބަރު

ކަނޑަށް ވެއްޓުނު 3 ކޮންޓެއިނަރު އަދިވެސް ނުފެނޭ


  • ކަނޑަށް ވެއްޓުނީ 5 ކޮންޓެއިނަރު

  • މިހާތަނަށް 2 ކޮންޓެއިނަރު ވަނީ ފެނިފައި

  • މިއީ ހުސް ކޮންޓެނިއަރުތަކެއް

  • އޮޔާދާނެ ކަމަށް ލަފާކުރެވެނީ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދުން

ރޭ މާލޭގެ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް ބާޖަކުން ކަނޑަށް ވެއްޓިފައިވާ ފަސް ކޮންޓެއިނަރުގެ ތެރެއިން ތިން ކޮންޓެއިނަރ އަދިވެސް ނުފެންނަ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

އެ ކޮންޓެއިނަރތައް ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ އެމްޕީއެލްއިން ފުލުހުންނަށް ރިޕޯޓްކުރީ ރޭގެ 11އިގެ ފަހުން ކަމަށެވެ. އެ ވަގުތަކީ މާލެ ސަރަހައްދަށް ވަރަށް ބޮޑަށް ވިއްސާރަކުރަމުންދިޔަ ވަގުތެކެވެ.

ވެއްޓުނު ކޮންޓެއިނަރުތައް އޮޔާދާނެ ކަމަށް ލަފާކުރެވެނީ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު ކަމަށް ފާހަގަކޮށް އެ ކަމަށް އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ފުލުހުންނާއި އެމްއެންޑީއެފުން އިލްތިމާސްކުރައްވާފައިވެއެވެ.

އެމްޕީއެލްއިން މައުލޫމާތުދެއްވާފައިވާ ގޮތުގައި ކަނޑަށް ވެއްޓުނީ ހުސް ކޮންޓެއިނަރުތަކެކެވެ. ނަމަވެސް ކޮންޓެއިނަރ ވެއްޓެން މެދުވެރިވި ސަބަބު އަދި ސާފެއް ނޫނެވެ.