ކުދި ފަންތި އާއި މެދު މެދުފަންތީގެ ވިޔަފާރިތައް ޤައުމުގެ އިޤްތިޟާދުގައި މުހިންމު ހިއްސާއެއް އަދާކުރެއެވެ. މި ސަރުކާރުން އަންނަނީ މި ވިޔަފާރިތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއްވެސް ކުރަމުންނެވެ. އެގޮތުން މި ސަރުކާރުން ވަނީ ކުދި ފަންތި އަދި
މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ފަސޭހައިން ލޯނު ލިބޭނެ މަގު ފަހިކޮށްދިނުމަށް އެސްއެމްއީ ބޭންކުގެ ނަމުގައި ބޭންކެއްވެސް ހުޅުވާފައެވެ.
މި ފަހުން މުޅި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު "ކޯވިޑް19" ގެ ސަބަބުން ވިޔަފާރިތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހިފައެވެ. ބޮޑެތި ވިޔަފާރިތަކަށް މި ގޮންޖެހުންތަކުން އަރައިގަންނަ ފަސޭހަވިނަމެސް ކުދި ފަންތި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަލުން ތިބި ހިސާބަށް ދިއުމަށް އެހީތެރިކަން ބޭނުންވެއެވެ. އެހެންކަމުން ސަރުކާރުން ވަނީ މި ވިޔަފާރިތަކަށް އެހީވުމަށް "ރިކަވަރީ ލޯން ސްކީމް" އެއް ތައާރަފްކޮށް އެ ވިޔަފާރިތައް އަލުން ހުރި ހިސާބަށް ދިއުމަށް އެހީވާން ފަށާފައެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 11 ވަނަ ދުވަހާއި ހަމައަށް ސަރުކާރުން ކުދި ފަންތި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކޯވިޑްގެ ސަބަބުން ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ޖުމްލަ 355.4 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ. މިއީ 2108 ވިޔަފާރިއަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދެވެ.
މީގެތެރޭގައި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކާއި ވިޔަފާރިތައްވެސް ހިމެނެއެވެ. ގޭގައިތިބެ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ފަރާތްތަކުގެ އަދަދުވެސް މިހާރު ވަނީ އިތުރުވެފައެވެ. އެގޮތުން މިފަދަ ފަރާތްތަކަށް ސަރުކާރުގެ "ރިކަވަރީ ލޯނު ސްކީމް" ގެ ދަށުން ވަނީ 19.7 މިލިއަން ރުފިޔާ ދޫކޮށްފައެވެ. މިއީ ޖުމްލަ 659 މީހަކަށް ދޫކުރި ލޯނުގެ އަދަދެވެ.
ކުދި ފަންތި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރި ލޯނުގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ކާބޯތަކެތި ވިއްކުމުގެ ދާއިރާގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނެވެ. އެގޮތުން މި ސިނާއަތުގެ 845 ފަރާތަކަށް 201 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. 2 ވަނައަށް އެންމެ ގިނަ އަދަދަކަށް ލޯނު ދޫކުރީ އިމާރާތްކުރުމުގެ ސިނާއަތުގެ ވިޔަފާރިތަކަށެވެ. މި ދާއިރާގެ 204 ވިޔަފާރިއަކަށް 59.4 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. 3 ވަނައަށް އެންމެ ގިނައިން ލޯނު ދޫކުރީ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށެވެ. އެއީ 238 ވިޔަފާރިއަކަށް 55.3 މިލިއަން ރުފިޔާއެވެ.