މި އަހަރުގެ ފަހު ކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ދެކޮޅަށް ޔަހޫދީންގެ ކުރީގެ ދެ ބޮޑުވަޒީރުންގެ އިއްތިޙާދެއް އިޢުލާނުކޮށްފިއެވެ.
ނަތަންޔާހޫގެ އެންމެ ވަރުގަދަ ސިޔާސީ ވާދަވެރިން ކަމަށްވާ ނަފްޓާލީ ބެނެޓް އާއި ޔެއަރ ލަޕިޑް ވަނީ އެ ދެ މީހުންގެ ޕާޓީ ހިމެނޭ އިއްތިޙާދަކުން ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރަން ނިންމާފައިވާ ކަން އިޢުލާނުކޮށްފައެވެ.
މި އިއްތިޙާދުގެ އަމާޒަކީ، ނަތަންޔާހޫ އާ ދެކޮޅު އެހެން ސިޔާސީ ޕާޓީތަކާ ގުޅިގެން އޭނާގެ ސަރުކާރާ ދެކޮޅަށް މަސައްކަތްކޮށް، އިންތިޚާބު ކާމިޔާބުކުރުމެވެ.
މި އިއްތިޙާދުގައި އިސްކޮށް ހުންނާނީ ކަނާތު ފިޔައިގެ ބެނެޓްއެވެ. އަދި އިންތިޚާބު ކާމިޔާބުވެއްޖެނަމަ، ބޮޑުވަޒީރުކަމަށް އަންނާނީ އޭނާ ކަމަށް ވަނީ ބުނެފައެވެ.
ލަޕިޑް ބުނީ، މި އިއްތިޙާދުގެ އަމާޒަކީ މިހާރު ބައިބައިވެފައިވާ އިދިކޮޅު ފަރާތްތައް އެކުގައި މަސައްކަތް ކުރެވޭނެ މާޙައުލެއް ޤާއިމުކޮށް، އަންނަ އިންތިޚާބު ކާމިޔާބުކުރުން ކަމަށެވެ.
ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން، 7 އޮކްޓޯބަރު 2023ގައި ޔަހޫދީންނަށް ދިން ޙަމަލާގައި ނަތަންޔާހޫގެ ސަރުކާރުގެ އިޙުމާލުތައް ތަޙުޤީޤުކުރުމަށް އިންކުއަރީ ކޮމިޝަނެއް އުފެއްދުމަކީ ބެނެޓުގެ ވަޢުދެކެވެ.
ޙަމާސްއިން ކުއްލި ގޮތަކަށް ދިން ޙަމަލާގައި ނަތަންޔާހޫގެ ސަރުކާރުގެ އިޙުމާލު ބޮޑުކަމަށް ބެނެޓާއި ލަޕިޑް ވެސް އެކި ފަހަރުމަތިން ވަނީ ތުހުމަތުކޮށްފައެވެ.
ބެނެޓާއި ލަޕިޑަކީ މީގެކުރިން ވެސް އެކުގައި މަސައްކަތް ކުރި ޔަހޫދީންގެ ލީޑަރުންނެވެ. މިގޮތުން، ނަތަންޔާހޫގެ 12 އަހަރުގެ ދިގު ވެރިކަމަށްފަހު، 2021ވަނަ އަހަރު ބެނެޓާއި ލަޕިޑް ގުޅިގެން އިއްތިޙާދު ސަރުކާރެއް އެކުލަވައިލިއެވެ. ނަމަވެސް، އެންމެ 18 މަސް ދުވަހުގެ ތެރޭގައި އެ އިއްތިޙާދު ސަރުކާރު ވަނީ ރޫޅިފައެވެ.