ޚަބަރު

4 ރަށަކުން 2500 ޓަނަށްވުރެ ގިނަ ކުނި ބޭރުކޮށްފި


ރާއްޖޭގެ 4 ރަށަކުން ދެހާސް ފަސްސަތޭކައަށް ވުރެ ގިނަ ޓަނުގެ ކުނި ވެމްކޯއިން ބޭރުކޮށްފިއެވެ. ރާއްޖޭގެ 20 ރަށެއްގައި ހުރި ޒަމާންވީ ބޮޑެތި ކުނި ފުނިތައް ހުސްކުރުމަށް ވެމްކޯއާއި ޙަވާލުކޮށްފައިވާކަން ސަރުކާރުން ހާމަކުރައްވާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުގައެވެ.

ކުނީގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ދިމާވެފައިވާ އެންމެ ބޮޑު ތިމާވެށީގެ އެއް މައްސަލައެވެ. އެގޮތުން ކުރިއަށް އޮތް 7 މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި މިމައްސަލަ އެންމެ ބޮޑަށް އޮތް 20 ރަށުގައި ހުރި ކުނީގެ ބޮޑު ފަރުބަދަތައް ހުސްކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ. މިމަޝްރޫޢުގެ ދަށުން ވޭތުވެދިޔަ 2 ހަފްތާ ތެރޭގައި 4 ރަށަކުންވަނީ 2550 ޓަނުގެ ކުނި ބޭރުކޮށްފައެވެ.

ވެމްކޯއިން ހާމަކުރެއްވި ގޮތުގައި ކ.ގުރައިދޫގައި ހުރި ކުނިތައް ބޭރުކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތުގެ ދަށުން 1200 ޓަނުގެ ކުނި އެރަށުންވަނީ ބޭރުކޮށްފައެވެ. ގުރައިދޫގައި ހުރި އެތައް ޒަމާނެއްވީ ކުނީގެ ބޮޑު ފުންޏެއް 5 ދުވަހުގެ ތެރޭގައި އެރަށުންވަނީ ބޭރުކޮށްފައެވެ. ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ގުރައިދޫ ކައުންސިލުންވަނީ މީގެ ސަބަބުން ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔަކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެރަށުގައި ކުނިގޮނޑު ހުންނަނީ ރަށުގެ ފުޓުބޯޅަދަނޑާއި މިސްކިތާއި އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހުންނަ ސަރަޙައްދުގައި ކަމުން ކުނިގޮނޑުގައި ހުރި ޒަމާންވީ ކުނީގައި ރޯވުމުގެ ސަބަބުން އަރާ ދުމާއި އެސަރަޙައްދުން ދުވާވަހުގެ އިތުރުން މެއްސާއި މަދިރީގެ މައްސަލަ ބޮޑުވެފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ. އަދި މިހާރު ކުނި ގޮނޑު ހުސްވުމާއެކު އެތައް ދުވަހެއްވެފައިވާ މިމައްސަލަ ޙައްލުވެގެންދާނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.

މިމަޝްރޫޢުގެ ދަށުން ކ. ތުލުސްދޫއިންވެސްވަނީ މިހާތަނަށް 450އަށް ވުރެ ގިނަ ޓަނުގެ ކުނި ބޭރުކޮށްފައެވެ. ގުރައިދޫ ކައުންސިލުން ހާމަކުރެއްވި ގޮތުގައި އެރަށުގައި ބިންހިއްކުމާއެކު ރަށުގެ އެއްފަރާތުގައި އޮތް ކުނިގޮނޑު މިހާރުވަނީ ރަށުގެ މެދުތެރެއަށް އައިސްފައެވެ. އަދި އެސަރައްޙައްދުގައި މީހުން ދިރިއުޅެމުން އަންނައިރު ކުނިގޮނޑުގެ ސަބަބުން ޢާއްމު ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނަކަމަށް ކައުންސިލުން ވިދާޅުވެއެވެ. އެގޮތުން އެރަށުގައިވެސް ޒަމާންވީ ބޮޑު ތިން ކުނި ފުނި ހުންނައިރު ވެމްކޯއިން ފެށި މަޝްރޫޢާއެކު މިމައްސަލަ ޙައްލުވެގެންދާތީ ރަށު ރައްޔިތުން ހިތްހަމަޖެހިފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ.

މިމަޝްރޫޢުގެ ދަށުން ކުޅުދުއްފުށީ ސިޓީގައި ހުރި ވިއްސަކަށް އަހަރުވެފައިވާ ނުވަދިހަ ދެހާސް ޓަނަށްވުރެ ގިނަ ކުނީގެ ބޮޑު ފަރުބަދައެއްވެސް ހުސްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި އެސިޓީން ކުނި ފުރާނައިގެން 450އަށް ވުރެ ގިނަ ޓަނުގެ ކުނިވަނީ ބޭރުކޮށްފައި ކަމަށް ވެމްކޯއިން ވިދާޅުވެއެވެ. މީގެއިތުރުންވެސް ވެމްކޯއިން މެނޭޖްކުރަމުން އަންނަ ފުވައްމުލަކުގައި ހުރި ކުނީގެ ތެރެއިންވެސް ވެމްކޯއިންވަނީ 450 ޓަނުގެ ކުނި ބޭރުކޮށްފައެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން ވެމްކޯއިން ވިދާޅުވީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައިވެސް އިތުރު ރަށްރަށުގައި ކުނި ބޭރުކުރުމުގެ މަސައްކަތް ފެށުމަށް ނިންމަވާފައިވާކަމަށެވެ.