ޚަބަރު

އުމުރުން 65 އަހަރުން މަތީގެ އެންމެން ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފި


މާލެ ސަރަޙައްދުގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ ހުރިހާ މީހުން ވީ އެންމެ އަވަހަކަށް ވެޖްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން އިލްތިމާސްކުރައްވައިފިއެވެ. 65 އަހަރުން މަތީގެ މީހުންނަށް މާލެ ސަރަހައްދުގައި ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.

އުމުރުން 65 އހަރުން މަތީގެ މީހުން ވީ އެންމެ އަވަހަކަށް ވެކްސިން ޖެހުމަމަށް އެޗްޕީއޭއިން އިލްތިމާސް ކުރައްވާފައިވާއިރު މިއުމުރުގެ މީހުންގެ ތެރެއިން ވެކްސިން ސެންޓަރުތަކަށް ދިއުމަށް ދަތިވާ ފަރާތްތަކަށް ސެނަހިޔާ ހޮސްޕިޓަލުގައި ވެކްސިން ދެވޭނެ އިންތިޒާމް މިހާރުވަނީ ހަމަޖައްސަވާފައެވެ. އަދި އެގޮތަށް ވެކްސިން ޖަހަން އެދިވަޑައިގަންނަވާ ފަރާތްތަކުން 1676 އަށް ގުޅުއްވާ މައުލޫމާތުދެއްވުމުން ސެނަހިޔާގައި ވެކްސިން ޖެހުމަށް ގަޑި ހަމަޖައްސައިދެވޭނެކަމަށްވެސް އެޗްޕީއޭއިން މައުލޫމާތުދެއްވައެވެ. އުމުރުން 65 އަހަރަށްވުރެ މަތީގެ މިހުންނަށް މާލެ ސަރަޙައްދުގައި ވެކްސިން ޖެހުން ކުރިއަށްދަނީ ސޯޝަލް ސެންޓަރއާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރއާއި ވިލިމާލެ ޔޫތު ސެންޓަރގެ އިތުރުން ސެނަހިޔާ ހޮސްޕިޓަލްގައެވެ. ސޯޝަލް ސެންޓަރ އަދި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިޔަށް ގެންދާނީ ހެނދުނު 9 އިން ފެށިގެން ހަވީރު 5 އާއި ހަމައަށެވެ. ވިލިމާލެ ޔޫތު ސެންޓަރގައި ވެކްސިން ދިނުމަށް ނިންމާފައިވަނީ ހެނދުނު 9 އިން ފެށިގެން މެންދުރުފަހު 1 އާއިހަމައަށެވެ. ސެނަހިޔާގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ އެޕޮއިންޓްމެންޓް އުސޫލުންނެވެ.

ރާއްޖޭގައި ވެކްސިން ޖެހުމުގެ ކަންކަން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިޔަށް ގެންދާއިރު މިހާރުވަނީ އުމުރުން 35 އަހަރުން މަތީގެ އެންމެންނަށްވެސް ވެކްސިން ދޭންވަނީ ފަށާފައެވެ. އަދި އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ދިގުމުއްދަތަށް ބޭސް ފަރުވާކުރާ މީހުންނަށްވެސް ވެކްސިން ދޭންވަނީ ފަށާފައެވެ. މާލޭގެ 8 ސެންޓަރަކާއި އަތޮޅުތަކުގެ 66 ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން އަންނަނީ ކުރަމުންނެވެ. ވެކްސިން އަކީ ކޯވިޑް-19 ގެ ހާލަތުން އަރައިގަތުމަށް އޮތް އެންމެ ޔަގީންކަން ބޮޑު ފަރުވާއެވެ. ރާއްޖޭގައިވެސް ވެކްސިން ޕްރޮގްރާމްއަށް މިހާތަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ކަމާއިބެހޭ ފަރާތްތަކުންވެސް އަންނަނީ ފާހަގަކުރަމުންނެވެ. ރާއްޖޭގައި މިހާތަނަށް 56 ހާހަށްވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފައެވެ.

ރާއްޖޭގައި މިހާރު ދެމުންދަނީ އޮކްސްފޯޑާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިންގެ 100،000ޑޯޒް ރާއްޖެއަށް ހަދިޔާކުރީ އިންޑިއާއިންނެވެ. މިހާރު ރާއްޖޭގައި ޖަހަމުންދާ ކޮވިޝީލްޑް ވެކްސިންގެ އިތުރުން ޗައިނާގެ ސައިނޮފާމްގެ 5000 ވެކްސިން ޑޯޒްވެސް ރާއްޖެއަށްވަނީ ލިބިފައެވެ. ސަރުކާރުގެ އަމާޒަކީ 6 މަސްތެރޭގައި، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީއަށް ވެކްސިންދީ ނިންމުމެވެ. އެޗްޕީއޭއިން މައުލޫމާތުދެއްވާ ގޮތުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒް ދިނުމަށް މިހާރު ނިންމާފައިވަނީ ފުރަތަމަ ޑޯޒް ދިންތާ 8 ހަފްތާ ފަހުންނެވެ.

ކޯވިޑް-19 ގެ ކޭސްތައް ރާއްޖޭގައި އިތުރުވަމުން އަންނައިރު ކަމާއިބެހޭ ފަރާތްތަކުން ހާއްސަކޮށް ސިއްޙީ މާހިރުން އަންނަނީ ވެކްސިން ޖެހިނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްނުލާ ހިފެހެއްޓުމަށް އިލްތިމާސް ކުރަމުންނެވެ. އަދި ރާޢްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދެވިފައި ނުވާއިރު ވެކްސިން ނުޖެހޭ ކެޓަގަރީތައްވެސް އެބަހުއްޓެވެ. އެހެންކަމުން މިފަދަ ފަރާތްތަކުގެ ތެރޭގައި ބައްޔާއިމެދު ފަރުވާކުޑަ ކުރެވިއްޖެނަމަ ކޭސްތައް ކޮންޓްރޯލް ކުރަން އުނދަގޫވެގެންދާނެއެވެ. ވެކްސިން ނުދެވޭ ފަރާތްތައް ރައްކާތެރި ކުރެވޭނީ ވަށައިގެންވާ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ.

65 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވާއިރު ވެކްސިން ޖެހުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުންވެސް ވެކްސިން ސެންޓަރ ތަކަށް ވަޑައިގަތުމުން ރަޖިސްޓްރީވުމުގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެޗްޕީއޭއިން މައުލޫމާތުދެއްވައެވެ. ވެކްސިން ދިނުމަށް އިސްކަންދޭ ތަރުތީބުން އިތުރު ފަރާތްތަކަށް ވެކްސިން ޖެހުމަށް ފުރުސަތު ހުޅުވާލަމުން ގެންދާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.