ޚަބަރު

ލޮކްޑައުންގެ ތަޖުރިބާ ހިތްދަތި، ނަގާފައިވާ ރާޅުބޮޑު، ރައްކާތެރި ނުވެއްޖެނަމަ އޮތީ ބަނަދުވަސްތަކެއް


ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ފުރަބަންދުކޮށް، ރާއްޖޭގެ ބޯޑަރު ބަންދުކުރި ހިތްދަތި ތަޖުރިބާއާއި ހަނދާންތަކަކީ ދިވެހިންގެ ހިތްތަކުން ފިލައިގެންދާނެ ހަނދާންތަކެއް ނޫނެވެ. 2020 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދު ލޮކްޑައުންކޮށް ގޭބަންދުގައި 45 ވަރަކަށް ދުވަހު ދިވެހިން ކުރި ތަޖުރިބާއަކީ ހިތްދަތި އުނދަގޫ ތަޖުރިބާއެކެވެ. އަމިއްލަ އާއިލާއާއި، ދަރިންނާއި ދިމާނުވެ އެތައް ދުވަހަކު މަަސައްކަތް ކުރި ޚިދުމަތްތެރިންގެ ލޮލުން އައި ކަރުނައާއި، ކުރި ހިތްވަރަކީ ދިވެހިންގެ ހަދާންތަކުން އަދި ފޮހެވޭނެ ކަންތައްތަކެއް ނޫނެވެ.

ރާއްޖެއަކީ އިޤްތިޞާދީގޮތުން ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު 2020 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށް ހޭދަކުރި ތިންމަހަކީ ދިވެހިންގެ އިޤްތިޞާދު ފުނޑުފުނޑުކޮށްލި ތިންމަހެވެ. ބޯޑަރު ބަންދުކޮށް، މާލެ ސަރަހައްދު ފުރަބަންދަކަށް ދިއުމަކީ ދިވެހިންގެ ތެރެއިން އެތައްބަޔަކަށް މިކަމުގެ ނޭދެވޭ އަސަރު ކުރިކަމެކެވެ. އެތައް އާއިލާއަކަށް ނިކަމެތިކަންލިބި، އެތައް ބައެއްގެ ވަޒީފާތަކަށް އަސަރުކޮށް، އިޤްތިޞާދީ ބޮޑު ލޮޅުމެއް ޤައުމެއް ވަނީ ކުރިމަތިވެފައެވެ.

އިޤްތިޞާދީ ގޮތުން ދިމާވި އުދަގޫ ދުވަސްތަކުން އަރައިގަނެވުނީ އޭރު ރާއްޖޭގެ ޞިއްޚީ ޚިދުމަތްތެރިންގެ ނިންމުންތަކަށް ސަރުުކާރުން އަޅަމުންދިޔަ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. ދުނިޔޭގެ ބަލިން އަރައިގަތުމަށް ރާއްޖެއިން ކުރި މަސައްކަތާއިއެކު އެހެން ޤައުމުތަކަށްވުރެ އަވަހަށް ބޮޑު ކުރިއެރުމަށް ހޯދައި 2020 ވަނަ އަހަރުގެ ޖުލައި 15 ގައި ބޯޑަރު އަލުން ހުޅުވައި ރާއްޖޭގެ އިޤްތިޞާދުގެ އިންޖީނު އަލުންވަނީ ސްޓާޓްކޮށްފައެވެ. މިއަދާއި ހަމައަށްވެސް ފަތުރުވެރިން ރާއްޖެއަށް އައުމުގައާއި، ފަތުރުވެރިންގެ ފަރާތުން ފެންނަ ޕޮޒިޓިވް ކޭސްތަކުގެ އަދަދު އިނގިލިން ގުނާހާ މަދުކަމީ ރާއްޖޭގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއިމެދު ދުނިޔޭގެ އެހެން ޤައުމުތަކުން ނަމޫނާ ލިބިގަތް ކަމެކެވެ.

ކޯވިޑުން އަރައިގަތުމަށް ސަރުކާރާއި، ކަމާއި ގުޅުންހުރި ފަރާތްތަކުން ދިން ލުޔާއިއެކު ރައްކާތެރިކަމުގެ ފިޔަވަޅު އެކަށީގެންވާ ގޮތަށް ނޭޅުމުގެ ސަބަބުން އަނެއްކާވެސް މިވަނީ ބަލީގެ ނުރައްކާތެރިކަން އިންތިހާއަށް މައްޗަށް ގޮސްފައެވެ. ރާއްޖެއިން ކޯވިޑް ފެނުނުފަހުން ބަލީގެ ނުރައްކާ މިހާތަނަށް ނެތް މިންވަރަކަށް މިވަނީ ބަލީގެ ނުރައްކާ ބޮޑުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހިފައެވެ. ނަމަވެސް ދިވެހި އެއްވެސް ރައްޔިތަކުވެސް އަލުން ރަށު ބަންދުގައި ތިބެ، އާއިލާއާއި ގާތްތިމާގެ މީހުންނާއި ދިމާނުވެ، ޤައުމު ބަންދުވެ އިޤްތިޞާދު ހުއްޓޭތަން ދެކެން ބޭނުން ނުވެއެވެ.

ޤަބޫލުކުރަންޖެހޭ ޙަޤީގަތަކީ މިބައްޔަކީ ފެތުރެން ފަސޭހަ، އަދި ހުއްޓުވަން އުނދަގޫ ބައްޔެއްކަމެވެ. ނަމަވެސް މިބައްޔަކީ އެއްގޮތުން ބަލާނަމަ އެންމެ ފަސޭހައިން ރައްކާތެރިކަންވެސް ހޯދެން އޮތް ބައްޔެވެ. މިކަމުގައި އޮތީ އަމިއްލަ ރައްކާތެރިކަމާއި، ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް އިހުތިރާމް ކުރުމެވެ. މިއީ އިހުމާލުވީ މީހާއާއި، އިހުމާލުވީ ފަރާތްތައް ހޯދަން މަގުތަކަށް ނިކުމެ އަޑުގަދަކުރުމުގެ ބަދަލުގައި އެންމެންގެ ސަލާމަތަށް މަސައްކަތް ކުރަންވީ ވަގުތެވެ.

ކޯވިޑްގެ ނުރައްކާތެރިކަން ރާއްޖެއަށް ބޮޑުވަނީ ބަލި ފެތުރޭ ގޮތަކުން އެކަންޏެއްނޫނެވެ. ރާއްޖެއަކީ މިފަދަ ބައްޔަކަށް އެކަށީގެންވާ ވަރަށް ވަސީލަތާއި، ފަރުވާދޭން ތިބި މީހުންވެސް ނިސްބަތުން މަދު ޤައުމެކެވެ. މިހާރުވެސް އޮތީ މިބިރުވެރިކަމެވެ. ބަލިމީހުން ބައިތިއްބާނެ ތަނެއްނެތި ގޭގޭގައި ކަރަންޓީން ކުރަންޖެހިދާނެ ކަމުގެ ބިރުވެރިކަމެވެ. އެއްފަހަރާ އެތައް ބަޔަކަށް ބަލިޖެހި ގިނަ ބަޔަކަށް ޞިއްޚީ ޚިދުމަތްތެރިން ފަރުވާ ދޭންޖެހިއްޖެނަމަ އެކަން އެންމެ އެކަށީގެންވާ ގޮތަށް ނުވެދާނެކަމުގެ ވާހަކަ ހުއްޓުމެއްނެތި ޞިއްޚީ ޚިދުމަތްތެރިން އެދަނީ ކިޔައިދެމުންނެވެ. އެބޭފުޅުންގެ އާދޭހަކީ މުޅި މުޖުމައުގެ ރައްކަލަކަށްޓަކައި ތިމާގެ ފަރުދީ ޒިންމާ އަދާ ކޮށްދިނުމެވެ.

ރާއްޖޭގެ ބަލީގެހާލަތު ބޮޑުވެފައިވަނީ ކޯވިޑްގެ ވެކްސިންވެސް ރާއްޖޭގައި ދެމުންދާ ވަގުތުގައިވެސް މެއެވެ. ވެކްސިން ވީހާވެސް ގިނަބަޔަކު ޖަހައި ބަލިން ރައްކާތެރިވުމަށް އަވަސްވެގަތުމަކީވެސް ޑޮކްޓަރުންގެ އާދޭހެކެވެ. ދުނިޔޭގެ ބޮޑެތި އާބާދީތަކުގައި ލޮކްޑައުންގެ ހިތްދަތި ތަޖުރިބާ ކުރި ބީދައިން ރާއްޖޭގައިވެސް އެ ހިތްދަތި ތަޖުރިބާ ކުރަންބޭނުންވާނެ އެއްވެސް ދިވެއްސަކު ނުހުންނާނެއެވެ.

ކޯވިޑަކީ މިއަދު މުޅި ދުނިޔެ ވަށާލާފައިވާ ނުރައްކާތެރި ބަލި މަޑުކަމަކަށްވާއިރު، މިބަލިމަޑު ކަމުން އަރައިގަތުމަށް އެންމެން އެކީ މަސައްކަތް ނުކޮށްފިނަމަ މިކަމުން ނުރައްކަލަށް ވައްޓާލެވެނީ ތިމާއާއި، ތިމާއުޅޭ މުޖުތަމައެވެ. ނުރައްކަލަށް ވައްޓާލެވޭނީ ތިމާގެ އާއިލާއާއި، ދަރިންނެވެ. ކޮންމެ ފުރާނަޔަކީވެސް އަގުހުރި، މާތް ފުރާނަޔަކަށްވާއިރު ތިމާގެ ސަބަބުން އަނެއްކާގެ ނަފްސަށާއި، ފުރާނައަށް ގެއްލުންވާނެކަމެއް ނުކުރުމަކީ މިހާލަތުގައި ކޮންމެހެންވެސް އަޒުމް އާކުރަންޖެހެ ކަމެކެވެ. ތިމާއަކީ މިބަލީގެ އެންމެ ރައްކާތެރި އަދި އެންމެ ޒިންމާދާރު މީހާއަށް ވުމަށް އަޒުމް ކަނޑައަޅަންޖެހެއެވެ.