ޚަބަރު

އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛާ ފެޒްލީން


އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛާ މަރިޔަމް ފެޒްލީން އައްޔަންކުރައްވައިފިއެވެ.

އަލްއުސްތާޛާ މަރިޔަމް ފެޒްލީން މިހާތަނަށް ހުންނެވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރުގެ މަޤާމުގައެވެ.

އަލްއުސްތާޛާ މަރްޔަމް ފެޒްލީން ޤާނޫނީ ދާއިރާއިން ޚިދުމަށްކޮށްދެއްވަން ފެއްޓެވީ 13 މޭ 2009 ދުވަހު ޕީޖީ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރުގެ މަޤާމުގައެވެ. އެއަށްފަހު ގެންދަވަނީ މެދުކެނޑުމެއްނެތި ޕީޖީ އޮފީހަށް ޚިދުމަށްކޮށްދެއްވަމުންނެވެ. އަލްއުސްތާޛާ މަރިޔަމް ފެޒްލީންއަކީ މިވަގުތު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރައްވާ ޤާނޫނީ ވަކީލުންގެ ތެރެއިން މި ދާއިރާގައި އެންމެ ތަޖުރިބާކާރު އެއް ޤާނޫނީ ވަކީލެވެ.

އަލްއުސްތާޛާ މަރިޔަމް ފެޒްލީން ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އިން، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ބެޗްލާރސް ޑިގްރީ ޙާޞިލްކުރައްވާފައެވެ. އަދި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާރސިޓީ މެލޭޝިއާއިން ކޮމްޕެރެޓިވް ލޯ އިން މާސްޓާރސް ޑިގްރީ ޙާޞިލްކުރައްވާފައެވެ. އަދި ޤާނޫނީ ދާއިރާއިން ގިނަ ޢަދަދެއްގެ ސެމިނާރތަކާއި، ޓްރެއިނިންގ ޕްރޮގްރާމްތައް ފުރިހަމަކުރައްވާފައިވެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އައްޔަންކުރައްވާ އެއޮފީހުގެ އެންމެ އިސް މަޤާމުތަކުގައި މި ވަގުތު ތިއްބެވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މަޙްމޫދް ސަލީމްއާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ނާޝިދުއާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޝަމްރާ ޝަމީމްއާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢަބްދުﷲ ރާބިޢުއާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ މަރިޔަމް ފެޒްލީންއެވެ.