ޚަބަރު

ކައުންސިލް އިންތިޚާބު 2020: ވޯޓު ދިނުމުގެ ހައްޤުލިބޭ މީހުންގެ ލިސްޓު ޢާންމުކޮށްފި


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު ޢާންމުކޮށްފިއެވެ.

އަންނަ އޭޕްރީލް މަހުގެ 10ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލާ މީހުންގެ ލިސްޓު ގެޒެޓް ކޮށްފައިވަނީ މިއަދުއެވެ. މިލިސްޓަށް އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ 1414އަށް އެސްއެމްއެސްކޮށްގެން ރަޖިސްޓްރީ ޗެކް ކުރުމަށް އިލެކްޝަނުން ވަނީ އެދިފައެވެ. 

ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 01:00 އަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 01:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ވަނީ ޝަކުވާ ހުށަހެޅުމަށް ފުރުސަތު ދީފައެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމު މެދުވެރިކޮށް ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ.

މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 4ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިޚާބު ކޯވިޑާއި ގުޅިގެން އެ މުއްދަތުގައި ނުބޭއްވުމުން ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ސަންސެޓް ޤާނުނުގެ ގޮތުގައި މަޖިލީހުން ހާއްސަ ޤާނުނެއް ފާސްކުރިއެވެ. އެޤާނޫނުގައި ބުނެފައިވަނީ އެ ޤާނުނަށް އަމަލުކުރާތާ އެއްއަހަރު ދުވަހުގެތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެކަމަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ މެއިމަހުގެ 9 ވަނަދުވެހެވެ. އިންތިޚާބު އަންނަ އޭޕްރީލް 10ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަނުން މަސައްކަތް ކުރާއިރު، އިންތިޚާބު ބޭއްވުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިނާއިމެދު އިލެކްޝަނުން ވަނީ ބޮޑެތި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންތިޚާބު ބޭއްވުމަށް ހުރި ގާނުނީ ގޮންޖެހުންތަކާއި، ބަޖެޓުގެ ދަތިތަކާއި ގުޅޭގޮތުން އިލެކްޝަނުން ވަނީ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައެވެ. އަދި އިންތިޚާބާއިމެދު އިލެކްޝަންގެ ނިންމުން މިހަފްތާގައި އިއުލާނު ކުރާނެކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.