ޚަބަރު

މާސްކު ނާޅައިގެން ޖޫރިމަނާކުރި މީހުންގެ އަދަދު 1500 ވުރެ މަތީގައި


ކޯވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވެގެން މިމަހުގެ މިހާތަނަށް 2500 ވުރެ ގިނަ މީހުން ޖޫރިމާކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކޮށްފިއެވެ.

ކޯވިޑުން ރާއްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރީ މިދިޔަ މަހުގެ 31 ވަނަދުވަހުއެވެ. އެދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި ރޭގަނޑު 08:30 ފެށިގެން ފަތިހު 04:00 އަށް އެއްގަމު އުޅަނދު ދުވުން ވަނީ މަނާކޮށްފައެވެ. އަދި ދަންވަރު 11:30 ފެށިގެން ފަތިހު 04:00 މާލޭގައި މަގުމައްޗަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި މިމަހުގެ 7 ވަނަދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އަޅަައިގެން އުޅުން ވަނީ މަޖްބޫރުކޮށްފައެވެ.


ފުލުހުން މިއަދު އާއްމުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 31 ވަނަދުވަހު ފެށިގެން އިއްޔެގެ ނިޔަލަށް މާސްކު ނަޅާ އުޅެގެން 1551 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. އެންމެ ގިނަ މީހުން ޖޫރިމަނާކުރީ 4 ފެބްރުއަރީގައެވެ. އެދުވަހު މާސްކު ނާޅާ ބޭރުގައި އުޅުމުގެ ސަބަބުން 284 މީހުން ޖޫރިމަނާކޮށްފައިވެއެވެ.

ކާފިއުގެ ވަގުތުގައި ބޭރުގައި އުޅުނު 988 މީހަކު ޖޫރިމަނާކޮށްފައިވާކަމަށްވެސް ފުލުހުންގެ ހިސާބުތަކުން ދައްކައެވެ. އަދި މި މުއްދަތުގެ ތެރޭގައި ކާފިއު ވަގުތަކުގައި ވެހިކަލް ދުއްވައިގެން 271 އުޅަނދެއް ޖޫރިމަނާކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

އެޗްޕީއޭޢއިން އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވާ ފަރާތްތައް 1000 ރުފިޔާއިން ޖޫރިމަނާކުރާނެކަން ފުލުހުން ވަނީ އިއުލާންކޮށްފައެވެ. އަދި ޤަވައިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރާނީ އެއްވެސް ނަސޭހަތެއް ދިނުމަށް ނެތިކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ކޯވިޑަށް ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު މިދިޔަ އަހަރުގެ ޑިސެމްބަރު މަހާއި ހަމައަށް ފަންސާހަށް ވުރެ ދަށުގައި ހުރުމަށްފަހު މިއަހަރު ފެށުމާއި އެކު ވަނީ އިތުރުވާން ފަށާފައެވެ. އަދި ކޭސްތަކުގެ އަދަދު ސަތޭކައިން މަތީގައި ހުރުމަށްފަހު 200 ވުރެ މައްޗަށްވެސް ވަނީ އަރައިގެން ގޮސްފައެވެ. އަދިވެސް މި އަދަދުތައް ހުރީ ސަތޭކައިން މަތީގައެވެ. މިދިޔަ 24 ގަޑިއިރުވެސް ރާއްޖއިން 126 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 16،909 އަރާފައެވެ. މީގެތެރެއިން 2075 މީހުންނަށް ފަރުވާދެމުން އަންނައިރު 204 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 56 މީހަކު ވަނީ ނިޔާވެފައެވެ. މިބަލީގައި މިއަދު ވާނީ ގއ ވިލިނގިލީގައި ގުންނަ ކޯވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ މީހަކު ވަނީ ނިޔާވެފައެވެ. މީ މި ބަލީގެ ކޭސްތައް ރާއްޖެއިން ފެންނަން ފެށިފަހު މާލެއިން ބޭރުގައި މި ބަލީގައި މީހަކު ނިޔާވި ފުރަތަމަ ފަހަރުއެވެ.