ކުރިއަށް އޮތް ޚަރީފު މޫސުމުގެ ތެރޭގައި ކޯވިޑް ވެކްސިންގެ ބޫސްޓަރެއް ދިނުމާއި، އަދި އަހަރަކު އެއް ފަހަރު ކޯވިޑް ވެކްސިން ދޭން ޖެހުމަކީ ވަރަށް ގާތްކަމެއްކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.
އިނގިރޭސިވިލާތުންވަނީ މިހާތަނަށް އެ ޤައުމުގެ 12 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް ވެކްސިން ދީފައެވެ. ބަލީގެ ސަބަބުން އެންމެ ބޮޑަށް ނުރައްކަލަށް ހުށަހެޅިފައިވާ ހުރިހާ މީހުންނަށް ފެބްރުއަރީ މަހުގެ މެދަކާއި ހަމައަށް ދިޔުމުގެ ކުރިން ވެކްސިން ދިނުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތް ކާމިޔާބުވާނެކަމަށްވަނީ ބެލެވިފައެވެ.
ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ކޯވިޑްގެ އައު ވައްތަރުތައް ފެތުރެމުންދާތީ ސައިންސުވެރިންވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ. އޭގެ ތެރެއިން ވާރުތަވުމުގެ ބާރު ގަދަކަމަށް ފާހަގަވެފައިވާ އިނގިރޭސިވިލާތާއި ދެކުނު އެފުރިކާއާއި ބުރެޒިލުގައި ފެތުރެމުންދާ ވައިރަހުގެ ވައްތަރުތަކާއިމެދު އޮތް ކަންބޮޑުވުން ބޮޑެވެ.
އިނގިރޭސިވިލާތުގެ ވެކްސިން ޑިޕްލޮއިމަންޓު ވަޒީރު، ނަދީމް ޒަހާވީ ވިދާޅުވީ ވައިރަހުގެ އެކި ވޭރިއަންޓުތައް ފެތުރެމުންދާތީ ފުލޫ ވެކްސިނެކޭ އެއްގޮތަށް ކޯވިޑް ވެކްސިންގެ ބޫސްޓަރެއް ދިނުމުށް ނިންމާފައިވާކަމަށާއި އަހަރީ ވެކްސިނެއްގެ ގޮތުގައި އެ ވެކްސިން ދޭން ޖެހުމަކީ ވަރަށް ގާތްކަމެއްކަމަށެވެ.
ކާމިޔާބުކަމާއިއެކު އިނގިރޭސިވިލާތުގެ ވެކްސިން މަޝްރޫޢު ކުރިއަށްދާއިރު، މި ޙާލަތުގައި އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލާނީ ކޮން އިރަކުންކަމާއިމެދުވަނީ ސުވާލު އުފެދިފައެވެ. އަދި ބަލިމަޑުކަމުގެ ޙާލަތުގައި ދަތުރުފަތުރުގެ ކަންކަން ފަސޭހަކުރުމަށް 'ވެކްސިން ޕާސްޕޯޓު' ދޫކުރުމަށް ބައެއް ޤައުމުތަކުން ވިސްނަމުންދާއިރު އިނގިރޭސިވިލާތުން އެފަދަ ގޮތަކަށް އަމަލުކޮށްފާނެތޯ ގިނަ ބަޔަކު ދިޔައީ ސުވާލުކުރަމުންނެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޒަހާވީ ވިދާޅުވީ އިނގިރޭސިވިލާތުން އެފަދަ ނިޒާމެއް ޤާއިމް ނުކުރާނެކަމަށެވެ. ނަމަވެސް ވެކްސިން ޖަހާފައިވާކަން ޔަޤީންކޮށްދިނުމަށް ބޭނުންވާ ލިޔެކިޔުންތައް ޑޮކްޓަރުންގެ ފަރާތުން އާންމުންނަށް ހޯދުމުގެ އިޚްތިޔާރު އޮތްކަމަށް އޭނާ ވިދާޅުވިއެވެ. ވެކްސިން ޖެހުމަށް އިނގިރޭސިވިލާތުން މަޖުބޫރު ނުކުރާނެކަމަށް ފާހަގަކުރައްވަމުން ޒަހާވީ ވިދާޅުވީ އެ ޤައުމުން ކަންކަން ކުރާނީ މީހުންގެ ރުހުމާއިއެކުގައި ކަމަށެވެ. އަދި ބަލި ފެތުރުން ހުއްޓުވުމުގައި ވެކްސިން އަދާކުރާ ދައުރު އަދި މުޅިން ސާފުވެފައި ނުވާއިރު، ވެކްސިންޖަހަން މަޖުބޫރުކޮށް، ވެކްސިން ޖަހާފައިވާ މީހުންނަށް "ވެކްސިން ޕާސްޕޯޓު" ދޫކުރުމަކީ ތަފާތުކުރުމުގެ ގޮތުގައި އޭނާވަނީ ސިފަކުރައްވާފައެވެ.